އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް: ކޮމިޓީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ޕްރައިމަރީގެ ކަންކަން ބެލެހެއްޓި އިންތިހާބު ކޮމިޓީން ބުނެފި އެވެ.

ޕްރައިމަރީ ދާއިމީ ނަތީޖާ އިއުލާންކުރުމަށް މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބު ކޮމިޓީގެ ރައީސް އަދި އެމްޑީޕީ ޗެއާޕާސަންގެ ނައިބް އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް ކަމަށާއި ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާއާއި ތަފާތެއް ނެތް ކަމަށެވެ.

"އިންތިހާބު ދިޔައީ ވަރަށް އަމާން ކަމާއެކު. ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ހުށަހަޅާފައެއް ނެތް،" އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 38.9 އިންސައްތަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ސައްހަ ވޯޓުގެ 61.1 އިންސައްތަ އެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ މި އިންތިހާބުގެ ވޯޓް ޓާންއޯވާއާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލާފައި ވަނީ 40،887 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 70 އިންސައްތަ އެވެ. ރިސޯޓުތަކުގައި އަދި އަމިއްލަ ރަށް ނޫން ރަށެއްގައި ދިރިއުޅޭ މެންބަރުންނަށް ވޯޓު ނުލެވޭކަން އިބުރޭ ވަނީ ފާހަގަ ކޮށްފަ އެވެ.

ނިމިދިޔަ އިންތިހާބުން ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަ ވެފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ. މިގޮތުން އިންތިހާބުގެ އޮފިޝަލުންނަށް މިހާރަށް ވުރެ ރަނގަޅު ތަމްރީނުތަކެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ހަވާލު ކުރުން މިމަހުގެ މެދުތެރޭގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިބުރޭ ވިދާޅުވި އެވެ.