އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ބަދަލެއް ނުކުރެވޭނެ: އެމްޑީޕީ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްްގެ ދިރުން"ގެ ނަމުގައި ފުރަމުންދާ ފޯމުތައް ފުރާ، ހުށަހެޅި ނަމަވެސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަދަލުނުކުރެވޭނެ ކަމަށް އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިބުރޭ ވިދާޅުވީ އަސާސީ ގަވައިދުގައިވާ ގޮތުން ރިޔަސީ ކެންޑިޑޭޓެއް ކަނޑައެޅުމަށްފަހު ބަދަލު ކުރެވޭނެ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ކެންޑިޑޭޓް، ރިޔާސީ ޓިކެޓް ދޫކޮށްލައިފިނަމަ އެ ހާލަތުގައި ކެންޑިޑޭޓް ބަދަލުކުރެވޭނެ ކަމަށްވެސް އިބުރޭ ވިދާޅުވި އެވެ.

"އެމްޑީޕީގެ އަސާސީ ގަވައިދުގައި ކެންޑިޑޭޓް ބަދަލުކުރެވޭނެ ގޮތެއް ނެތް،" އިބުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެންޑިޑޭޓު ބަދަލުކުރަން ބަޔަކު ބޭނުންވާނަމަ އެކަން ކުރެވޭނީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށްގެން ކަމަށްވެސް އިބުރޭ ވިދާޅުވި އެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބަދަލު ކުރެވޭނީ އެމްޑީޕީން ބާއްވާ ކޮންގްރެސް އަކުންނެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން އަންނަނީ އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުންގެ ނަމުގަިއ ގޮފިތަކެއް ހަދައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމަށް ޕްރެޝަރު ކުރުމަށް ތައްޔާރުވަމުންނެވެ.

އިބުރޭ އިތުރަށް ވިދާޅުވީ ކޮންގްރެސް ބޭއްވުމަކީ އަސާސީ ގަވައިދުގެ ތެރެއިން ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް މިއީ އެކަން ކުރަންޖެހޭ ހާލަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.