ފިނިޕޭޖް

ޕަވަންދީޕް އާއި އަރުނިތާ ޝޯއެއް ދިނުމަށް ރާއްޖެ އަންނަނީ

Feb 2, 2023

"އިންޑިއަން އައިޑަލް"ގެ 12 ވަނަ ސީޒަން ކާމިޔާބުކޮށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޕަވަންދީޕް ރާޖަން ރާއްޖޭގައި ޝޯއެއް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

ޕަވަންދީޕްއާ އެކު އެ ސީޒަންގެ ފަސްޓް ރަނާއަޕް އަރުނިތާ ކަންޖިލާލް ވެސް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޕަވަންދީޕް އާއި އަރުނިތާ ބައިވެރިވާ ޝޯ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ޝޯގެ ޓިކެޓް އަންނަ ހަފްތާގެ ތެރޭގައި ވިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ޝޯގައި ރާއްޖޭގެ ބައެއް ފަންނާނުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޝޯގެ ޓިކެޓްގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއަށް މިފަހުން މަޝްހޫރު ތަރިންތަކެއް ގެނެސްފައިވާ ޓުއާނިވަލްގެ ފަރާތުން އިންތިޒާމު ކުރާ މި ޝޯ ކުރިއަށް ގެންދަން ނިންމާފައިވަނީ "މިއުޒިކަލް އައިޑަލް"ގެ ނަމުގަ އެވެ.