ބިޔޯންސޭގެ ފޭނުން ކެތްމަދުވެފައިވާ "ރެނެސޯންސް ވޯލްޑް ޓުއާ 2023" އިއުލާންކޮށްފި އެވެ.
ބިޔޯންސޭ މި ހަބަރު އިއުލާންކުރީ މިދިޔަ ދުވަހު އޭނާގެ އިންސްތަގްރާމް އެކައުންޓްގަ އެވެ.
މި ޓުއާ ފަށާނީ މިއަަހަރުގެ މެއި 10 ވަނަ ދުވަހު ޔޫރަޕުން، ސްވިޑްންގެ ސްޓޮކްހޯމްއިންނެވެ. ދެން ކާދިފް، އެޑިންބަރާ، ސަންޑާލޭންޑް، ޕެރިސް، ލަންޑަން، މާސޭ، އެމްސްޓަޑަމް، ވާސޯ އާއި އިތުރު ސިޓީތަކުގައި ކުރިއަށްދާނެ އެވެ.
އުތުރު އެމެރިކާގެ ސިޓީތަކުގައި ޝޯތައް ފަށާނީ މިއަހަރުގެ ޖުލައި އަށްވަނަ ދުވަހު ކެނެޑާގެ ޓޮރޯންޓޯއިންނެވެ. މިގޮތުން ޝޯ ބާއްވާ 25 ސިޓީގެ ތެރޭގައި ފިލަޑެލްފިއާ، ނޭޝްވިލް، ލުއީވިލް، މިނިއެޕޮލިސް، ޝިކާގޯ، ޑީޓްރޮއިޓް، އީސްޓް ރުދާފޯޑް، ބޮސްޓަން، ޕިޓްސްބާގް، ވޮޝިންޓަން ޑީސީ، ޝާލޮޓް ފަދަ ސިޓީތައް ހިމެނެ އެވެ.
ޓުއާގެ އެންމެ ފަހު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު ނިއު އޯލިއަންސްގަ އެވެ.
ބިޔޯންސޭގެ އެންމެ ފަހުގެ ޓުއާ އަކީ 2018 ގައި އޮތް "އޮން ދަ ރަން" ޓުއާ އެވެ.
ބިޔޯންސޭ ވަނީ ދުބާއީގެ އެޓްލާންޓިސް ދަ ރޯޔަލް ރިސޯޓްގައި މިދިޔަ ހަފްތާގައި ކޮންސެޓެއް ބާއްވާފަ އެވެ. މި ކޮންސަޓް ބޭއްވުމަށް ބިޔޯންސޭއަށް 24 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހަބަރުތަކުން ރިޕޯޓް ކުރެ އެވެ.
ބިޔޯންސޭ ވަނީ ކުރިއަށް އޮތް ގްރެމީ އެވޯޑްސް އަށް ނުވަ ނޮމިނޭޝަންސް ލިބިފަ އެވެ. އަދި މީގެ ކުރިން 28 ގްރެމީ އެވޯޑް އާއި 29 އެމްޓީވީ މިއުޒިކް އެވޯޑްގެ އިތުރުން އެތައް އެވޯޑެއް ބިޔޯންސޭއަށް ލިބިފައިވެ އެވެ.