މޯލްޑިވްސް ޕޮލިސް ސާވިސް

ލޭއޮހޮރުވުމަކަށް ގޮވާލައި ކުރެއްވި ޓްވީޓް ފޮހެލައިފި

Feb 2, 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން "ލޭއޮހޮރުވުމަކުން" ބަދަލުކުރަންވެއްޖެ ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ޝިއުނާ ކުރެއްވި ޓްވީޓްގެ މައްސަލަ ހޫނުވުމުން އޭނާ މިހާރު ވަނީ ޓްވީޓް ފޮހެލާފަ އެވެ. އަދި ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ "ކުރިން ބުނި އެތި ކެންސަލް" ކަމަށެވެ.

ކުރިން ކުރެއްވި ޓްވީޓް ފޮހެލީ ބައެއް މީހުން އެ ޓްވީޓްގައި އޮތް އެއްޗެއްގެ މާނަ ނުބައިކޮށް ނެގިގެން އުޅޭތީއާއި އަދި ބައެއް މީޑިއާތަކުން ގުޅަމުންދާތީ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ.

"ހަރުކަށިކޮށް ނެގުނުނަމަ މައާފް. އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކައެއް ނޫން [ކުރިން ކުރި ޓްވީޓްގައި ބުނެފައި އެ އޮތީ]. ގައުމަށްޓަކައި ގުރުބާންވުން ވެސް އޮވޭ،" ޝިއުނާ ވިދާޅުވި އެވެ.

މައްސަލަ ބޮޑުވެގެން އުޅޭ ޓްވީޓްގައި ޝިއުނާ ލިޔުއްވާފައިވަނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ،" ކަމަށެވެ. އޭގެފަހުން ރައީސް ސޯލިހަށް އިޝާރާތްކުރައްވާ ޝިއުނާ ލިޔުއްވާފައިވަނީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ރައީސް ސޯލިހް ހަމަބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.

"ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ." ޓްވީޓްގައި ބުނެފައިވެ އެވެ.

ޝިއުނާ ކުރެއްވި ފަދަ ޓްވީޓްތަކުގެ މައްސަލަ މީގެކުރިން ފުލުހުން ބަލައި ތަހުގީގުކޮށްފައިވެ އެވެ. އަދި އެފަދަ ހަރުކަށި ޓްވީޓްތަކުގެ މައްސަލައިގައި ބައެއް މީހުންނަށް ދައުވާވެސް ކޮށްފައިވެ އެވެ.