ބޮލީވުޑް

ކައިވެންޏަށް ނުރައްކާތަކެއް ކުރިމަތިވެއްޖެ: ރާކީ ސާވަންތު

އެކްޓަރު-ޑާންސަރު ރާކީ ސާވަންތުގެ ޚަބަރެއް އިންޑިއާގެ ނޫހަކުން ނުފެންނަ ދުވަހެއް މަދެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން މީޑިއާގައި އޭނާގެ ވާހަކަ ދައްކާނެ ކަހަލަ ކަމެއް ކޮންމެ ދުވަހަކުވެސް ރާކީ ކުރެ އެވެ.

މިދިޔަ ހަފުތާގައި ރާކީގެ ވާހަކަތައް އެންމެ ގިނައިން ފެނުނީ އޭނާގެ މަންމަގެ މަރާ ގުޅިގެންނެވެ. ކެންސަރު ބަލީގައި ގިނަ ދުވަސްތަކަކު އުޅުމަށްފަހު ރާކީގެ މަންމަ މަރުވުމުން އޭނާ އެކަމާ ހިތާމަކުރާ ތަނާއި ބައެއް ފަންނާނުން އޭނާގެ ގެއަށް ޒިޔާރަތްކޮށް ހިތްވަރުދީ ހަދާ ތަން ވެސް ނޫސްތަކުން ފެނިފައި ވެއެވެ.

އޭގެ ފަހުން އަނެއްކާވެސް ޖިމް އަކުން ނުކުންނަނިކޮށް ޕަޕަރާޒީންނަށް ރާކީ ފެނިފައި ވެއެވެ. ރާކީ ވަރަށް ދެރަވެފައި ހުރިހެން ހީވެގެން ކީއްވެތޯ އެހާ ދެރަވެފަ ހުރީ ފޮޓޯގްރާފަރުން ސުވާލު ކުރި އެވެ. ޖަވާބުގައި ރާކީ ބުނީ އޭނާގެ ކައިވެނީގައި މައްސަލަތައް ޖެހި ވަރިފަށަށް އަރައިގެން އުޅޭތީ ކަމަށެވެ.

"އަހަރެންގެ ކައިވެނި ވަނީ ނުރައްކަލުގެ ތެރޭގައި. އަހަރެންގެ ހަޔާތަށް ވަރަށް އުނދަގޫތައް އެބަ ކުރިމަތިވޭ. އަހަރެންނަކަށް އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ދެވޭކަށް ނެތް،" ރޮމުންރޮމުން ރާކީ ބުންޏެވެ.

ރާކީ ބުނި ގޮތުގައި އޭނާގެ ޒަވާޖީ ހަޔާތް ފުނޑުފުނޑުކޮށްލަން ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.

"އަހަރެންގެ ކައިވެނި ސަލާމަތް ކުރައްވާތޯ އަހަރެން ﷲ އަށް ދުޢާ ދަންނަވަން. އަހަރެން ކޮން އުނދަގުލެއް މީހަކަށް ކުރީ؟ އަހަރެންގެ މަންމަ ވެސް މަރުވެއްޖެ. އަދި ކައިވެނި މިވަނީ ނުރައްކަލުގެ ތެރޭގައި،" ރާކީ ބުންޏެވެ.

ފިރިމީހާ އަދުވާން އާ ކައިވެނި ކުރުމަށް ރާކީ އިސްލާމް ދީން ގަބޫލުކޮށް އޭނާގެ ނަން ފާތިމާ އަށް ބަދަލުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ރާކީ އާއި އާދިލް ކައިވެނިކުރީ މިދިޔަ އަހަރުގެ ޖުލައިގަ އެވެ. ނަމަވެސް ރާކީ މި ކައިވެނި އިއުލާން ކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއީ ކައިވެނިކުރިކަން ދުނިޔެއަށް ހާމަކުރަން ފިރިމީހާ އާދިލް ގަބޫލު ނުވެގެންނެވެ.

ރާކީ ކައިވެނި ކުރި މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމުން ރާކީ ވަނީ މިދިޔަ އަހަރުގެ ޖުލައިގައި ކައިވެނިކުރި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެވަރުން ވެސް އާދިލް އެކަމާ ދެކޮޅު ހަދަމުން ދިޔަ އެވެ. ނަމަވެސް އެންމެ ފަހުން އާދިލް ވެސް ވަނީ އޭނާ އާއި ރާކީގެ ކައިވެނީގެ ފޮޓޯތަކާއި ވިޑިއޯތަކަކީ އަސްލު އެއްޗެއް ކަމަށް ބުނެ ކައިވެނިކުރި ކަމަށް އެއްބަސްވެފަ އެވެ. އަދި ކައިވެނިކުރި ކަން ސިއްރުކުރަން ބޭނުންވަނީ އާއިލާގެ މީހުން މި ކައިވެންޏާ ދެކޮޅުވީމަ ކަމަށް އާދިލް ބުނެފައި ވެއެވެ.

ރާކީ ބުނި ގޮތުގައި އޭނާ އާއި އާދިލް ވަކިކުރަން އުޅެނީ މައިސޫރުގައި ދިރިއުޅޭ އާދިލްގެ އާއިލާ އާއި އެކުވެރިންނެވެ. ފައިސާގެ ދަޅަ ދައްކައިގެން އޭނާއާ އާދިލް ދުރުކުރަން އެމީހުން މަސައްކަތްކުރާ ކަމަށް ރާކީ ބުންޏެވެ.