ލައިފްސްޓައިލް

ކެންސަރު ޖެހިފައިވާ ކަމަށް ހެދިގެން ގިނަ ބަޔެއްގެ އަތުން ފައިސާ ފޭރިއްޖެ

އެމެރިކާގެ އައޮވާގައި ދިރިއުޅޭ މެޑިސަން މާރީ ރުއްސޯ އަކީ 19 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާ ވަނީ ކެންސަރު ޖެހިފައިވާ މީހަކަށް ހެދިގެން 400 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރުން ފައިސާ ހޯދާފަ އެވެ.

މެޑިސަން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގައި އޭނާ ކީމޯތެރަޕީ ނަގަމުންދާ ކަމަށާއި އޭނާ އެންމެ ގިނަވެގެން ދިރިހުންނާނީ ފަސް އަހަރު ކަމަށް ޑޮކްޓަރުން ބުނާކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިއީ އޭނާ ދޮގު ހަދައިގެން ދެއްކި ވާހަކައެއްކަން ފަޅާއަރައި އެ ގައުމުގެ ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާތީ އެކަމުގެ ޝަކުވާ ފުލުހުންނަށް ކުރީ މި ވީޑީއޯ ފެނުނު ބައެއް ޑޮކްޓަރުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި މެޑިސަން އުޅެނީ ކެންސަރު ޖެހުނު ކަމަށް ބުނެ ދޮގުހަދައިގެންނެވެ.

ޑޮކްޓަރުންގެ ޝަކުވާ އާ ގުޅިގެން ފުލުހުން ގޮސް މެޑިސަންގެ ގެ ފާސްކުރިއިރު އެ ގެއިން އެކި ކަހަލަ މެޑިކަލް އިކްއިޕްމަންޓްސް ފެނިފައި ވެއެވެ.

މެޑިސަން ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން މިހާރު އޭނާ ހުރީ މިނިވަން ވެފަ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މާޗް ދެވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

މެޑިސަން ހެދީ ދޮގުކަން ކޯޓަށް ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ ކަމަށް ގާނޫނީ ވަކީލުން ބުނެފައިވެ އެވެ.

މެޑިސަން މާރީ ވަނީ އައޮވާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ފޭކް ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އޭނާ ސޯޝަލް މީޑިއާގައި ޝެއާކުރާ ވީޑީއޯތައް ބަލާ މީހުންނަށް ހީވަނީ އޭނާ ވީޑީއޯތައް ނަގާފައި ހުންނަނީ ހޮސްޕިޓަލުގެ އެނދެއްގައި އޮވެގެން ހެންނެވެ. އަދި ސޯޝަލް މީޑިއާއިން ބައެއް ކެންސަރު ބަލިމީހުންގެ ފޮޓޯތައް އޭނާގެ ފޮޓޯތަކެއް ކަމަށް ބުނެ މެޑިސިން ގެންދިޔައީ ޕޯސްޓް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މެޑިސަން ޝެއާ ކުރި ވީޑިއޯތަކުގައި އޭނާ ބުނެފައިވަނީ އޭނާއަށް ޕެންކްރިއެޓިކް ކެންސަރު ޖެހިފައިވާ ކަމަށާއި ބަލި ހުރީ ދެވަނަ ސްޓޭޖްގައި ކަމަށެވެ. އަދި ފުޓުބޯޅައެއް ވަރުގެ ބޮޑު ޓިއުމަރެއް އެބައިން ކަމަށްވެސް ބުނެފައި ވެއެވެ.

މެޑިސަން އަކީ ޓިކްޓޮކްގައި މަޝްހޫރު އަދި ފޮލޯކުރާ މީހުން ވަރަށް ގިނަ މީހެކެވެ. އަދި އޭނާގެ ބަލި ހާލުގެ ވާހަކަތައް އެނގުމުން 493 މީހަކު ވަނީ މެޑިސަން އަށް ފައިސާގެ އެހީ ވެދީފަ އެވެ.

ސޯޝަލް މީޑިއާގައި މެޑިސަންގެ ވާހަކަ މަޝްހޫރުވެ އެމެރިކާގެ ނޫހަކުން ވެސް މެޑިސިންއާ އިންޓަވިއު ކޮށްފައިވެ އެވެ. އެ އިންޓަވިއު ގައިވެސް މެޑިސަން ވަނީ އޭނާ އަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އެ ބަލީގައި އޭނާ ތަހައްމަލު ކުރަމުންދާ ވޭން ތަކުގެ ވާހަކަ ދޮގު ހަދައިގެން ކިޔައިދީފަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުން ކައިރީ މެޑިސަން ބުނި ގޮތުގައި ދޮގާއި މަކަރުން އޭނާ ގިނަ ބައެއްގެ އަތުން ފައިސާ އަތުލަނީ އަރާމު، މުއްސަނދި ދިރިއުޅުމެއް އުޅުމުގެ ބޭނުމުގަ އެވެ. އަދި އޭނާއަކީ ޕާޓް-ޓައިމް ވަޒީފާއެއް އަދާކުރާ މީހެއް ކަމަށާއި ހުސް ވަގުތު ގޮލްފް ކުޅޭކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މެޑިސަންގެ މެޑިކަލް ރިޕޯޓްތަކުން އޭނާގެ އެއްވެސް ބައްޔެއް ހުރި ކަމަކަށް ނުދައްކަ އެވެ.