އުރީދޫ

އުރީދޫ ބޯޑުގެ ނިންމުން؛ ހިއްސާއަކަށް 3.04ރ.

އުރީދޫއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ ޑިރެކްޓަރުން ބޯޑުން ނިންމައިފި އެވެ.

އުރީދޫގެ ޑިރެކްޓަރުން ބޯޑު ބައްދަލުވުމުގައި ނިންމީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ހިއްސާ ބެހުމަށެވެ.

އުރީދޫގެ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ 2.70ރ. އެވެ.

ކުންފުނީގެ އޮޑިޓްކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ބަޔާން މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އާންމުކުރުމަށްވެސް ބޯޑުން ވަނީ ނިންމާފަ އެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުއާޓަރުގައި 500 މިލިއަން ރުފިޔާގެ އާމްދަނީއެއް ކުންފުންޏަށް ލިބުނެވެ. ފަހު ކުއާޓަރުގެ ހަރަދު އަދި ޓެކްސަށްފަހު ލިބުނު ފައިދާ 143 މިލިއަން ރުފިޔާއަށް އަރަ އެވެ.

ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ގަނެ ވިއްކަން މިއަދު ހުޅުވާލީ އޮގަސްޓް 2017ގަ އެވެ.

އުރީދޫ މޯލްޑިވްސްގެ 90.5 އިންސައްތަ ހިއްސާދާރަކީ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. 5.64 އިންސައްތަ ހިއްސާދާރަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. 3.86 އިންސައްތަ ހިއްސާދާރުންނަކީ އެހެނިހެން ފަރާތްތަކެވެ.