ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިންނާ އެކު ގިނަ އަދަދެއްގެ މީހުން ބައިވެރިވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފި އެވެ.
މިއެއްވުމުގައި ރައީސް ޔާމީންގެ އެޑްވައިޒަރުން ކަމުގައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީޕީއެމްގެ އާއި ޕީއެންސީގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތިން މިއަދު ހަވީރު ފެށި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔައީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ.
މިހިނގާލުމަކީ ޕީޕީއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރަށްވުމުގެ ގޮތުން އިއްޔެ ފެށި "ހޯޕް ކޮންފަރެންސް"ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިއަދުގެ ސުލްހަވެރި ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ގޮވާލީ ރައީސް ޔާމީނަށް އިއްވާފައިވަނީ ނުހައްގު ހުކުމަކަށްވާތީ އެމަނިކުފާނު މިނިވަންކޮށް އިންސާފު ގާއިމުކޮށްދިނުމަށެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ކުރިއަށް ގެންދިޔަ ގޮތުން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރަނީސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ޕީޕީއެމް އިން މިހާރު ކުރިއަށް ގެންދާ ހޯޕް ކޮންފަރެންސްގެ ސެޝަންތަކެއް ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔައިރު ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ ޕީޕީއެމް އިން ކުރިންވެސް ނިންމާފައިވާ ގޮތަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެއްވުމަށްވެސް ސަރުކާރަށް ގޮވާލި އެވެ. ހޯޕް ކޮންފަރެންސް ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ މާލޭގެ އާޓިފިޝަލް ބީޗްގައި "ދުއްޕާން"ގެ ނަމުގައި ބާއްވާ ބޮޑު ޖަލްސާ އަކުންނެވެ.