މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިގެންވެސް އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ތިން ސަބްސްޓޭޝަނަކީ -- ގާކޮށި ސިނަމާލެ ދޭއް ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް އޮންނަ ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަންގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަނެވެ.
ސްޓެލްކޯ އިން ބުނީ ސިނަމާލެ ދޭއް ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރުތަކެއް ކަމަށެވެ. އަދި މިހާރު އެ ލޯޑް ޓްރާންސްފާ ކުރި ޓްރާންސްފޯމަރުތައް ވެސް އޯވާލޯޑް ވުމާ ގާތަށް ގޮސްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެެވެ. އެހެންވެ ސިނަމާލެ ދޭއް ގޯތި ތެރޭގައި ބަހައްޓާފައިވާ ސަބްސްޓޭޝަންގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް މެއި 2، 2021 ގައި މާލެ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވާ ކަމަށާއި އެ ސިޓީއަށް ޖަވާބެއް ނުލިބުމާ ގުޅިގެން އިތުރު ސިޓީތަކެއް ފޮނުވުމުން އެ ސިޓީތަކަށްވެސް ޖަވާބު ދީފައި ނުވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިންޒޯންގައި ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެއް ކަމަށެވެ. އެހެންވެ އެތަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަން ބޮޑުކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި ސެޕްޓެމްބަރު 13، 2021ގައި ފޮނުވި ސިޓީއަށްވެސް ކައުންސިލުން ޖަވާބެއް ނުދިން ކަމަށެވެ.
މިގެ އިތުރުން މަޖީދިއްޔާ ސްކޫލް ކުރިމަތީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެތަނުން ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް މެއި 23، 2021 ގައި ސިޓީ ފޮނުވުމުން އެ ސިޓީ އަށް ވެސް މިއަދާ ހަމައަށްވެސް ޖަވާބެއް ނުދިން ކަންވެސް ސްޓެލްކޯ އިން ފާހަގަކޮށްފައިވެ އެވެ.
ސްޓެލްކޯ އިން ބުނީ ޓްރާންސްފޯމަރުތައް އަވަހަށް ނުބެހެއްޓިއްޖެނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުން ފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
"އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތައް ކަމުގައިވާތީއާއި، އަދި ރޯދަ މަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަށް ބެހެއްޓުމަށް މިކުންފުނިން ބޭނުންވެ. އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް މިކުންފުނީގައި މިހާރު ހުރިކަން ފާހަގަކޮށްލަން،" ސްޓެލްކޯ އިން މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވެ އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާ ގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލް ކުރަންޖެހިދާނެކަން ބަޔާންކޮށް ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް ވެސް އެއްވެސް ޖަވާބެއް ކައުންސިލުން ނުދިން ކަމަށެވެ.
"މާލޭ ސިޓީކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާކަމަށްބު ނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް މިކުންފުންޏަށް ވަނީ ލިބިފައި. އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު މިކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލެވޭ،" ބަޔާނުގައިވެ އެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް ހަމަޖައްސައިދިން ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށް ގެއްލުމެއް އަދި އަސަރެއްވެސް ނުކުރާނެ ކަމަށެވެ.
"މިކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ އެދުމަކީ ރައްޔިތުންނަށް މިކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ ޒިންމާދާރުކަމާއެކު މި ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތް ކުރުން." ސްޓެލްކޯ އިން ބުނެފައިވެ އެވެ.