އާންމު ރައްޔިތެއްގެ އެދުމަކަށް ހެންވޭރު ސަހަރާގައި ހުރި މަހާނައެއް ކޮނުނު މައްސަލައިގައި ޝާމިލުވާ މާލެ ސިޓީ ކައުންސިލުގެ މުއައްޒަފަށް ފިޔަވަޅު އަޅާނެ ކަމުގައި އެ ކައުންސިލުން ބުނެފިއެވެ.
ތިން މީހަކު ވެގެން ހެންވޭރު ސަހަރާގައި ހުރި މަހާނައެއް ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންނެވެ. މި ތިން މީހުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ ޔުނިފޯމުގައި ހުރި މުވައްޒަފެއްގެ ވެސް ހުއްޓެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަހަރާ ކޮނުނީ ސިޓީ ކައުންސިލުގެ ހުއްދައާއިއެކު ސިހުރެއް ބާތިލް ކުރުމުގެ ގޮތުންނެވެ.
މި މައްސަލައާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ މައްސަލަ ބަލައި ސަހަރާ ކޮނުމުގައި ބައިވެރިވި މުވައްޒަފަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި ސަހަރާއިން ނަގާފައިވަނީ މިނިކަށި ނޫން ކަމަށާއި ސިހުރު ހަދާފައިވާ ފިލާކޮޅުތަކެއް ކަމަށް ވެސް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ސިހުރެއް ބާތިލް ކުރަން ކަމަށް ބުނެ ހދ. ނޮޅިވަރަމްފަރު ސަހަރާ ކޮނުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.