ފިނިޕޭޖް

ޖޯން މޭޔާ ސޯލޯ ޓުއާއެއް ފަށަނީ

ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓް ޖޯން މޭޔާ، ސޯލޯ އެކޫސްޓިކް ޓުއާއެއް ފަށަނީ އެވެ.

އުމުރުން 45 އަހަރުގެ ޖޯން އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ޓުއާ ފެށޭނީ މާޗް 11ގައި ނިއު ޔޯކް އިންނެވެ. އަދި ނިންމާނީ 18 ސްޓޮޕަށްފަހު 14 އޭޕްރިލް 2023 ގައި ލޮސް އެންޖަލިސްއިންނެވެ.

ޖޯން އިތުރަށް ބުނީ އޭނާގެ ކެރިއާ ސްޓޭޖްމަތީގައި ފެށީ ހަމައެކަނި ގިޓާއަކާ އެކީގައި ކަމަށާއި އޭގެފަހުން ކިތަންމެ ކަމެއް ބަދަލުވެފައިވީ ނަމަވެސް، ކޮންމެވެސް ދުވަހަކުން އޭނާ ކެރިއަރު ފެށިގޮތަށް އެކަނި ހުރެ ޝޯ ދޭން ހިތް ބޭނުންވާނެކަން އެނގޭ ކަމަށެވެ.

ޖޯންއާ އެކު ލިޒީ މެކްއަލްޕައިން އާއި އެލެކް ބެންޖެމިން ފަދަ ތަރިންވެސް އެ ޓުއާގައި ބައިވެރިވާނެ އެވެ.

1997 ގައި ރަހްމަތްތެރިއެއް ކަމުގައިވާ ކްލޭ ކުކް އާއެކު އުފެއްދި "ލޯ-ފައި މާސްޓާސް" އިން މިއުޒިކް ކެރިއަރު ފެށި ޖޯން، ކްލޭ އާ ވަކި ވުމަށްފަހު ވަނީ ސޯލޯ ކެރިއަރެއް ފަށާފަ އެވެ. 2001 ގައި އެވެއާ ރިކޯޑްސް އިން ރިކޯޑް ޑީލެއް ލިބި، އޭނާގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމް "ރޫމް ފޯ ސްކޮއާޒް" ނެރެ ބޮޑު ކާމިޔާބެއް ހޯދި އެވެ. އަދި ފަހުން ކޮލަމްބިއާ ރިކޯޑްސްއާ ޑީލް ހަދައި، އެކޫސްޓިކް މިއުޒިކުން ދުރުވެ ބްލޫޒް އާއި ރޮކް މިއުޒިކަށް ބަދަލުކޮށްލި އެވެ.

ޖޯންއަށް މިހާތަނަށް 19 ގްރެމީ ނޮމިނޭޝަނާއި ހަތް އެވޯޑް ލިބިފައިވެ އެވެ.