ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ "ދުއްޕާނުން" ގައުމު ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށްވާތީ އެކަންކުރާނެ ކަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މިދިޔަ ބުރާސްފަތި ދުވަހު ފެށި "ހޯޕް ކޮންފަރެންސް" ނިންމުމަށް "ދުއްޕާން"ގެ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހްގެ "ދުއްޕާނުން" ގައުމު ސަލާމަތް ކުރެވޭނީ ވަރުގަދަ މަސައްކަތްތަކެއް ކޮށްގެން އަދި ރައީސް ޔާމީނަށް އަލުން ވެރިކަން ހޯދައިދީގެން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ހަތަރު އަހަރުގެ ވެރިކަމުގައި "ދުއްޕާން" ޖެހިފައި ނެތް އެއްވެސް ދާއިރާއެއް ނެތެވެ.
"[ރައީސް ސޯލިހަކީ] ގައުމުގެ މިނިވަންކަމަަށް އޮތް ދުއްޕާނެއް. ސިޔާދަތަށް އޮތް ދުއްޕާނެއް. ދީނަށް ކުރިމަތިވެފައި އޮތ ދުއްޕާނެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ހޯޕް ކޮންފަރެންސަށްފަހު އިދިކޮޅު ހަރަކާތްތައް ހުއްޓުވޭނެ އެއްވެސް ގޮތެއް ދެން ނޯންނާނެ ކަމަށެވެ. އަދި މިގައުމާ މިއަދު ހަވާލުވެ ތިވީ "ގައްދާރުންތަކެއް" ކަމަށް ސިފަކުރައްވާ އަބްދުއްރަހީމު ވިދާޅުވީ އެމީހުންގެ އަތުން ގައުމު ސަލާމަތް ކުރާނެ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އިދިކޮޅު ހަރަކާތްތަކަށާއި ރައީސް ޔާމީނަށް ކިތަންމެ "ދުއްޕާނެއް" ކުރި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ފަހު ރައީސް ސޯލިހްގެ "ދުއްޕާނުން" ސަލާމަތްވުމަށް އެދި ދުއާ ކުރުމަށްވެސް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.
މިޖަލްސާގައި ޕީޕީއެމް/ޕީއެންސީ މެންބަރުން ވަނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަހުދުވެފަ އެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން މާފުށީ ޖަލުގަ އެވެ. މަތީ މަރުހަލާގެ ކޯޓަކުން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އިއްވާފައިވާ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.