ލައިފްސްޓައިލް

ގޮދަޑީގެ އިސްޕަންޖުކާތާ 20 އަހަރުވީ އަންހެނެއް

ބައެއް މީހުން ހޮބީއެއްގެ ގޮތުގައި ނުވަތަ ދެވި ހިފައިގެން ވަރަށް އަޖައިބު ކަންތައްތައް ކޮށް އުޅެ އެވެ. އެމެރިކާގެ މި އަންހެންމީހާ އަކީ ވެސް މިފަދަ މީހެކެވެ. މީނާ ދެވި ހިފާފައިވަނީ ގޮދަޑީގެ ތަންތަންގަނޑު ނައްޓައިގެން ކެއުމަށެވެ.

ޓީއެލްސީ ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދައްކަމުން ޖެނިފާ ނަމަކަށް ކިޔާ އަންހެންމީހާ ބުނީ އޭނާއަށް ކުރިމަތިވެފައިވަނީ އަޖައިބެއް ކަހަލަ އެޑިކްޝަނެކެވެ.

ޖެނިފާ ބުނި ގޮތުގައި އޭނާ ގޮދަޑި ކާތާ 20 ވަރަކަށް އަހަރު ވެދާނެ އެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް ގޮދަޑި ކާން ފުރަތަމަ ފެށުނީ އުމުރުން ފަސް ވަރަކަށް އަހަރުގަ އެވެ.

އެންމެ ކުޑައިރު ޖެނިފާ ކާން ފެށީ އެ އާއިލާގެ މީހުން ދުއްވާ ކާރުގެ ސީޓުގައި ޖަހާފައި ހުންނަ އިސްޕަންޖު ނައްޓައިގެންނެވެ. މިގޮތަށް އިސްޕެންޖު ކަމުން ގޮސް އެކަން ހައްދުފަހަނައަޅާ ދިޔައީ އެވެ. މިހާރު ދުވާލަކު އަކަފޫޓެއްގެ ގޮދަޑި ކާލާކަށް ޖެނިފާއަށް އެއްވެސް ކަމެއް ނޫނެވެ.

ޖެނިފާ ބުނި ގޮތުގައި އޭނާގެ އެނދުގައި އަޅާފައި އޮތް ގޮދަޑިވެސް އެއްފަހަރަކު އޭނާ ކައި ހުސްކޮށްލި އެވެ. އަދި ފަހުން އޭނާގެ މަންމަގެ އެނދުގައި އަޅާފައި އޮތް ގޮދަޑިވެސް ކާލި އެވެ.

"އަހަރެން އެންމެ ކުރިން ކާން ފެށީ ރަނގަޅު އެއްޗެތި. އަހަރެން ގަބޫލުކުރާ ރަނގަޅު އެއްޗިއްސަކީ ބާލީހަށް ލައްވާފައި ހުންނަ އިސްޕަންޖު. އަހަރެން ގޮދަޑި ކަނީ ހުހާ. މެޔޮނައިސް ނުވަތަ ބަޓަރު ކަހަލަ އެއްވެސް އެއްޗެއް ނުޖަހާ ކަނީ،" ޖެނިފާ ބުންޏެވެ.

ޖެނިފާ ބުނި ގޮތުގައި ގޮދަޑީގައި ނުބައި ވަސް ދުވާނަމަ ނުވަތަ އޭގައި ހުންނަ އިސްޕަންޖުތައް ހުސްވެއްޖެނަމަ ދެން އެ އެއްޗެއް ކެއުން ހުއްޓާލައި އާ ގޮދަޑިއެއް ހޯދަނީ އެވެ.

ޖެނިފާގެ މި އެޑިކްޝަންގެ ސަބަބުން މިހާތަނަށް އޭނާއަށް ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ކަމަށް ވެސް ޖެނިފާ ބުންޏެވެ.

"ގޮދަޑި ކެއުމުން އަހަރެންގެ ހަށިގަނޑަށް ކުރިމަތިވާ ހަމައެކަނި ސައިޑް އިފެކްޓްސް އަކީ ބަނޑުގައި ގޭސް ހެދުން. އެހެން ނޫނީ ހަމަ ހަށިގަނޑަށް ވަންނަ ގޮތަށް އެ އެއްޗެތި ހަށިގަނޑުން ބޭރުވެގެންދޭ،" ޖެނިފާ ބުންޏެވެ.

ނަމަވެސް ޖެނިފާގެ މި އާދަ ކޮންމެވެސް ގޮތަކުން ހުއްޓާލުމަށާއި ނޫނީ ސިއްހީ ބޮޑު މައްސަލައަކާ ކުރިމަތި ވެދާނެ ކަމަށް އަބަދާ އަބަދު ޑޮކްޓަރުން އޭނާއަށް އިލްތިމާސް ކުރަމުން ދެއެވެ.

މިހާތަނަށް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނެތަސް ފުރަމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ޖެނިފާ އަށް ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން އިންޒާރު ދީފައި ވެއެވެ. އަދި ގޮހޮރު ބްލޮކްވުމުގެ ނުރައްކާވެސް އޭނާއަށް ވަރަށް ބޮޑުކަމަށް ޑޮކްޓަރުން ބުނެ އެވެ.