ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 2 ފެބްރުއަރީ 2023 އާ ގުޅޭ )

"ސްޓޮޕް އިޓް. މޮޔަ ވާހަކަ ނުދައްކާ. އެހެންވެއޭ އަހަރެން ބުނަނީ އާކި އަބަދުވެސް..." ލައިލީ ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓުނެވެ.

"ލައިލީ." އެ އިވުނީ ދަރަކް ގޮވާލި އަޑެވެ. ލައިލީއަށް އެނބުރެވުނެވެ. އޭރު ސިހިފައި ބަލަން ހުރި ދަރަކްއާ ލައިލީގެ ނަޒަރު ސީދާވެލިއެވެ. ލައިލީއާއެކު އިން އަކިޔަލްގެ ނަޒަރު ވެސް ދަރަކްއަށް ހުއްޓިފައި ވިއެވެ.

"ދަރަކް." ލައިލީއަށް ވެސް ވީ ދަރަކްއަށް ވީ ވަރެވެ. ދެ މީހުންގެ މޫނުގައި ވެސް ވީ ހައިރާންކަމެވެ. އެކަކުއަނެކަކާ ބައްދަލުވެދާނޭ ކަމަށް އުންމީދުނުކޮށް ތިބި ދެ މީހުން ކުއްލިއަކަށް ބައްދަލުވީމާ ލިބިފައިވާ ހައިރާންކަމެވެ.

"ދަރަކް." ދަރަކްގެ ފަހަތުން އަފްރާހުގެ އަޑު އިވުނެވެ. އެކުވެރިޔާގެ ކައިރީ އައިސް މަޑުކޮށްލި އަފްރާހަށް މޭޒު ދޮށުގައި އިން ލައިލީ ފެނުނީ ދެނެވެ. އެކުވެރިޔާގެ އަނބިމީހާއަށް އޭނާ ނިކަން އަވަހަށް ގޮވާލިއެވެ.

"ހާދަ ދުވަހެއްކޮށްފައޭ މިފެނުނީ." އަފްރާހު ލައިލީއަށް ބުނެލިއެވެ. ޖަވާބެއްގެ ގޮތުން ލައިލީ ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"ދަރަކް. އަންނަންތަ؟." އަފްރާހު ދާން އެނބުރިލާފައި ދަރަކް ކައިރިން އަހާލިއެވެ.

"އާން. އަފްރާ ގޮސް އޯޑަރު ދީ." ދަރަކް ބުންޏެވެ. އެއާއެކު އޯކޭއޭ ކިޔާ އަފްރާހު ހިނގައިގަނެއްޖެއެވެ. ލައިލީގެ ނަޒަރު އަފްރާހާއެކު ދަތުރުކުރިއެވެ. އޭނާ އިށީންނަން އުޅުނުގެ މޭޒުގައި އަންހެންކުއްޖަކު އިންތަން ފެނުނެވެ.

"އެއީ... އެ އަންހެނާތަ؟... ސަމައިރާތަ؟." ލައިލީއަށް ހިންދިރުވާލެވުނެވެ.

އިސްކޮޅަށް ބަލާލިޔަސް ލައިލީއަށްވުރެ އެ އަންހެންކުއްޖާ ދިގެވެ. އޭނާގެ ފުރިހަމަ އިސްކޮޅާ އެ ހިމަ ހަށިގަނޑުން ރީތިކަމުގެ މިސާލެއް ފަދައެވެ. ފަހަތަށް އައްސާލެވިފައި އޮތް ފަން އިސްތަށިގަނޑު އުނަގަނޑާއި ހަމައަށް އާދެއެވެ. ކުޑަކޮށް އޮޅިފައި އޮންނާނޭހެން އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރުމުގެ ސަބަބުން އިސްތަށިގަނޑު ބޯކަމަށް ދައްކައެވެ. މުޅި އިސްތަށިގަނޑު އޮތީ "ޗެސްޓްނަޓް" ކުލައިގައެވެ. ސިލްކު ފަދަ ސޮހޭކަމެއް ހުރި ހުދު ގަމީސްކޮޅު ހުރީ އޭނާ ލައިގެން ހުރި ގަދަ ޗޮކުލެޓު ކުލައިގެ ހިމަ އޮފީސް ފަޓުލޫނުގެ ދަށަށް ޖަހާލާފައެވެ. އުނަގަނޑުގައި ހިމަ ކަމަރެއް އޮތެވެ. މެދުމިނުގެ ފުޅާ ފުންނާބުލީ "ނޫޑް" ކުލައިގެ ބޫޓު އެ އަންހެންކުއްޖާގެ ފަޔާ ނުހަނު ގުޅެއެވެ. ލައިލީގެ މޭ ފިތެމުން ދާ ފަދަ ދަތި އިޙްސާސެއް ކުރެވެންފެށިއެވެ. ލައިލީއަށް ފެންނަނީ އެ އަންހެންކުއްޖާގެ ފުރިހަމަކަމެވެ. ރީތިކަމެވެ. ހެދުން އެޅުމުގައި ހުރި ތަރުތީބުކަމާއި ޒަމާނީ ވަށްޓަފާޅިއެވެ. އެއާއެކު ވަކިން ތިމާގެ ހުރި އުނިކަން ލައިލީއަށް ވިސްނެންފެށުނެވެ.

"ލައިލީ ހަޒްބަންޑްތަ ތީ؟." ކުއްލިއަކަށް އަކިޔަލް ވާހަކަދެއްކިއެވެ. ހުޅުވާފައި އޮތް ފޮތެއްހެން އޭނާއަށް ލައިލީގެ އިޙްސާސްތައް ދެނެގަންނަން އެނގެއެވެ. ލައިލީގެ ނަޒަރު ހުއްޓިފައިވީ ދިމާ ވެސް އަކިޔަލް ދުށްޓެވެ. އަދި ލައިލީގެ ވިސްނުން ހުންނާނީ މިހާރު ކިހިނެއްކަން ވެސް އޭނާއަށް އެނގެއެވެ.

"އަހަރެން މީ އަކިޔަލް. ލައިލީއާއެކީ ހޮޓެލްގައި ވޯކްކުރަނީ. ލައިލީގެ ހަޒްބަންޑެއް ހުންނަކަން އެނގޭ. އެކަމަކު ދިމާ މިވީ އަދިކިރިޔާ ދޯ." އަކިޔަލް ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ.

"އާން. އަދިކިރިޔާ މި ފެނުނީ." ދަރަކް ބުނެލިއެވެ. އަދި ނިކަން އަވަހަށް އޭނާގެ ސަމާލުކަން ލައިލީއަށް އަނބުރާލިއެވެ.

"ލައި. ކޮންއިރަކުން ގެއަށް ދަނީ." ދަރަކް އަހާލިއެވެ. އެވަގުތު ކޮފީ ތަށި ތުނބުގައި ޖަހަން ހިއްލާލައިފައި ވެސް އަކިޔަލް ޖޯޑު ތިރިކޮށްލިއެވެ.

"ލައިލީ ގެއަށްދާން އުޅުމުން އަހަރެން އޭނާ ގެނައީ. މިތާ އެއްޗެހި ވަރަށް މީރުކަން އެނގިފަ އޮތީމަ." އަކިޔަލް މިހެން ބުނިއިރު ދަރަކްއާ ބަދަލުކޮށްލި ނަޒަރުގައި ތަފާތުކަމެއް ވިއެވެ.

"އެހެންތަ؟." ދަރަކްގެ އަޑުގައި ވެސް އެކުވެރިކަމެއް ނެތެވެ.

"އާން... އެއީ... އެއީ ތެދެއް. މިތާ ފޮނިއެއްޗެހި ވަރަށް މީރު. މޭޕެލް ކަސްޓަޑް ވޯފްލްއެއް މިކަނީ. ދަރަކްއަށް އެކަމަކު މާފޮނި ގަދަވާނެ ކަންނޭނގެ." ލައިލީއަށް ވެސް އަކިޔަލްއާއި ދަރަކްއާ ދެމެދު ހިސާބެއްގެ ނުތަނަވަސްކަމެއް އުފެދިއްޖެހެން ހީވެ އަވަސް އަވަހަށް ކޮންމެވެސް އެއްޗެއް ބުނެލަން ބޭނުންވީއެވެ.

"ޓްރައިކޮށްލާނަން. އަކިޔަލްއޭ ދޯ ބުނީ... ޔުނިވަރސިޓީގައި އަދި ކިޔަވަނީ. ލައިލީއަށްވުރެ ކުޑަކުއްޖަކާއެކީ މަސައްކަތް ކުރާ ވާހަކަ ލައި ދެއްކި." ދަރަކް ބުންޏެވެ. އަތަށް ދަތްދޮޅި ދީގެން އިނދެ އަކިޔަލް ހީނލިއެވެ. ދެން ދަރަކްއާ ނަޒަރު ސީދާކޮށްލައިފިއެވެ.

"އުމުރުގެ ފަރަގު ބެލުމަކީ މުސްކުޅި ޚިޔާލެއް. މިހާރުގެ އަންހެނުންނަށް އެމީހުންނަށްވުރެ އުމުރުން ހަގު ފިރިހެނުން މާބޮޑަށް ކަމުދޭ. އެމީހުންނަށް އެނގޭ އެ އަންހެނުންގެ ދިރިއުޅުމުގައި އުނިވަނީ ކޮންކަމެއްކަން. އެހެންނޫނަސް ލައިލީ ކަހަލަ ރީތި އަންހެނަކާއެކު މިކަހަލަ ތަނަކަށް އާދެވުމަކީ ލިބޭނެ ޝަރަފެއް. ރީތި އަންހެނުން ގޮވައިގެން އަންނަންވާނީ ކާއެއްޗެހި ވެސް މީރު ތަނަކައްތާ." ޒާތަކަށް ހިނިއައިސްފައި އިނދެ އަކިޔަލް ބުންޏެވެ. ދަރަކްއަށް އަކިޔަލްގެ ވާހަކައާއި ރާގު ހުރި ގޮތް ކަމުނުދިޔަކަން އޭނާގެ ކަތުރުކަށިގަނޑަށް ވާންވެލި ގޮތުން ދޭހަވެއެވެ. އެއް ފަހަރު ދަރަކްއަށް އަނެއް ފަހަރު އަކިޔަލްއަށް ލައިލީ ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.

"އެހެން ދޯ." ދަރަކް ގަދަކަމުން ހިނިތުންވުމެއް ދިނެވެ. އެއާއެކު ފަރުވާކުޑަ ގޮތަކަށް އަކިޔަލް ހޫން ލައްވާލިއެވެ. އަދި އަތުގައި އޮތް ކޮފީ ޖޯޑު ތުނބުގައި ޖަހާލައިފިއެވެ. ދަރަކް ޖެހިލީ ލައިލީއާ ގާތަށެވެ. ލައިލީގެ ބޮލުގައި އޭނާ އަތް ބާއްވާލިއެވެ. އިސްތަށިތަކުގެ ކޮޅާ ކުޅެމުން ދަރަކް ވާހަކަދެއްކިއެވެ.

"ލައި. އަހަރެން މިވަގުތު ދަނީ އިނގޭ. އެކަމަކު މިއަދު ކުރީން ގެއަށް ދާނަން. ލައި ހަދާ ޗިލީ ބީފް ވަރަށް މީރު. މިރޭ ކާނީ އެ ދޯ. އެއްވެސް އެއްޗެއް ގަންނަން ޖެހޭނެތަ... ގަންނަން ޖެހެންޔާ ކިހިނެއްވާނީ ލައި ދާމަގުމަތީ ގޭ ކައިރި ފިހާރައިން ނަގަން." އަކިޔަލްއާ ވާހަކަދެއްކި ރާގު ލައިލީއާ ދަރަކް ވާހަކަދެއްކިއިރު ތަފާތުވިއެވެ. އޭނާ ލައިލީއާ ވާހަކަދެއްކީ ނުހަނު ލޯބިންނެވެ.

"އޯކޭ." ލައިލީއަށް ބުނެވުނީ އެވަރަށެވެ. ދަރަކްގެ އަތުގެ ބީހުންތަކުން ލައިލީއަށް ވާހަކަދައްކަން އުނދަގޫވީއެވެ. އަކިޔަލްގެ ކުރިމަތީ ދަރަކްގެ އެފަދައިން ހަރަކާތްތައް ބެހެއްޓުމުން ލައިލީ އިނީ ލަދު ވެސް ގަނެފައެވެ. ދަރަކް އެނބުރިލުމާއެކު އަފްރާހުމެން ތިބި މޭޒުގެ ދޮށަށް ދާން ހިނގައިގަތެވެ. އޭނާ ދުރަށް ދަންދެން ލައިލީ އިނދެފައި ދެ ލޯ ބޮޑުކޮށް އަކިޔަލްއާ ދިމާއަށް ބަލަމުން ވާހަކަދެއްކިއެވެ.

"ވަޓް އިޒް ރޯންގް ވިތް ޔޫ. ދަރަކް ކީކޭ ހީކުރާނީ. ކީއްވެ އެހެން ވާހަކަދެއްކީ." ދަތްކުނޑިވިކާލައިގެން އިނދެ ލައިލީ ވާހަކަދެއްކިއެވެ. މީހަކަށް އިވިދާނޭތީ އޭނާ ވާހަކަދެއްކީ އާންމުކޮށް ވާހަކަދައްކާ ވަރަށްވުރެ މަޑުންނެވެ.

"ރީތި ފިރިއެއް ލައިލީއަށް ލިބިފައި ތިހުރީ. އަންހެނުން ނިކަން ފަސޭހައިން އަޅައިގަންނާނެ ކަހަލަ މީހެއް. އޭނާއަށް އެނގޭ މީހުން އޭނާ ބަލައިގަންނާނެކަން. ޚާއްޞަކޮށް އަންހެން ކުދީންގެ މެދުގައި އޭނާ މަޤްބޫލުވާނެކަން. ލައިލީ ދުށީމެންނު. އޭނާ އަހަންނާ ވާހަކަދެއްކި ގޮތް. އަހަރެން ވާހަކަދެއްކި ގޮތުން ޔަގީނުން ވެސް އޭނާ ޖެލަސްވި. ނޫންތަ؟." ހިނިއައިސްފައި އިނދެ އަކިޔަލް ވާހަކަދެއްކިއެވެ.

"ޔޫ އާ ރިއަލީ އިންޖޮއިން ދިސް." ލައިލީއަށް ބުނެލެވުނެވެ. އަކިޔަލްގެ ތުންފަތުގައިވާ ހިނިތުންވުން ލައިލީއަށް އެކަން ޔަގީންކޮށްދެއެވެ.

"އާކިގެ ތި ވާހަކަތަކުން ދަރަކްއަށް އޮޅުމެއް އަރައި ނުބައި ހީކުރުންތަކެއް ހީކޮށްފިއްޔާ ދެންވާނީ ކިހިނެއް؟." އަކިޔަލް ކުރި ކަންތަކަށް އެއްބާރުލުން ދޭން ބޭނުންނުވާކަން ހާމަކުރުމުގެ ގޮތުން ލައިލީ ބުންޏެވެ.

"އެކަމަކު ދަރަކްއަށް ވީގޮތް ފެނުމުން ލައި އުފާވިކަން އެނގޭ. ނޫންތަ؟. ދަރަކް ލޯބިވޭތޯ ޔަގީންކުރަން ބޭނުންވީ ލައިލީ. އަޅެ މިހާރު ވިސްނާލާފައި ބުނެބަލަ... ހަމަ އެހާ ކަމުނުދާ ކަމެއްތަ ޗީޓު ކުރުމަކީ." އަކިޔަލް އަހާލިއެވެ.

ލައިލީ ދެއަތުން ކޮފީ ޖޯޑުގައި ހިފަހައްޓާލައިގެން ހިމޭންވެފައި އިނެވެ. އޭނާ ވިސްނަނީއެވެ. އަކިޔަލް އެބުނީ މުޅީން ދޮގު ވާހަކައެއް ނޫނެވެ. އެހެން ފިރިހެނަކާއެކު ލައިލީ އެގޮތަށް ބޭރުން މީހަކަށް ނުފެންނާނެ ވިއްޔާއެވެ. ދަރަކްއަށް ސިހުން ލިބުނީ އެހެންވެކަމަށް ބެލެވެއެވެ. ނޫނީ ސަމައިރާގެ ޒުވާންކަމާއި ރީތިކަން ލައިލީއަށް ފާހަގަވީހެން ދަރަކްއަށް ވެސް އަކިޔަލްގެ ޒުވާންކަމާއި ފިރިހެންވަންތަ ސިފަތައް ފާހަގަވީ ނޫންބާއެވެ. އެ ޚިޔާލުން ދަރަކްގެ ހިތުގައި ލައިލީ ފަދައިން ކުރީން ނުއުފެދޭ އެތައް ސުވާލުތަކެއް އުފެދުނީ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އަކިޔަލް ބުނިހެން ދަރަކްގެ ފުށުން ފާޅުވީ ކުރީން ލައިލީ ނުދެކޭ ސިފައެކެވެ. އަކިޔަލްގެ ކުރިމަތީ އެއްބަސްވާން ބޭނުންނުވިޔަސް ދަރަކްގެ އެ ސިފައިން ލައިލީގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔަކަން ގައިމެވެ. ނަމަވެސް އެއީ ލައިލީ އެދެމުން އައި ހިތްހަމަޖެހުމެއްނޫނެވެ.

"އެހެންވިޔަސް ހެޔޮ... ދަރަކް އަހަރެންދެކެ ހަޤީޤަތުގައި ވެސް ލޯބިވާނަމަ... އޭނާ އަހަންނަށް އޮޅުވައެއްނުލާނެ. އެހެން އަންހެނަކަށް ޚާއްޞަކަމެއް ނުދޭނެ." ލައިލީ އެނބުރިލައި ދަރަކްމެން ތިބި މީޒަށް ބަލާލިއެވެ.

"ތިކަމަށް އެއްޗެއް ބުނާކަށް ނޭނގޭ. އަނބިމީހާއާ މެދު އިޙްސާސްވާއި ގޮތާއި ހިލޭ އަންހެނަކާމެދު އިޙްސާސްވާ ގޮތާއި އެއީ މުޅީން ތަފާތު ދެ އިޙްސާސެއް. ލައިލީ ވިސްނާލަބަލަ... ގޭގައި ތާޒާކަމާއެކު ސިއްޙަތައް ފައިދާ ހުރި މީރު ކާއެއްޗެހި ތައްޔާރުކޮށްފައި ހުންނާނޭކަން އެނގޭއިރު ވެސް ބޭރުން ނުކާ މީހަކު ނޫޅޭނެ. އެކަން މާބޮޑު މައްސަލައަކަށްވޭތަ. ބޭރުން ކައިގެން އައިސް އަނެއްކާ ގެއިން ކާމީހުން ވެސް މަދެއްނޫން." އަކިޔަލް ކުރިއަށް ޖެހިލަމުން އެއްބުމަ ހިއްލާލައިގެން އިނދެ ވާހަކަދެއްކިއެވެ. ލައިލީއަށް އެއްޗެއް ވިސްނާދޭން އުޅޭ ކަހަލައެވެ.

"ތީ ކޮންކަހަލަ ވާހަކައެއް. އަޅާކިޔަން ތިއަށްވުރެ ރަނގަޅު މިސާލެއް ނަގަން އާކިއަށް ނޭނގުނީތަ؟." މާބޮޑު އަސަރެއްނެތި ލައިލީ ބުންޏެވެ.

"ދަރަކްގެ ފޭވަރިޓްއަކީ ބީފްއަށް ވާއިރު އޭނާއަށް ބީފް ނުކެވޭ ދުވަހެއް އަތުވެއްޖެނަމަ ވާނީ ކިހިނެއް؟. އެހާތަނުން އޭނާ ބޭރުން ވެސް އެ ކާކަށް ބޭނުމެއްނުވާނެ ދޯ." އަކިޔަލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އާކި ހުއްޓާލަބަލަ. ކާއެއްޗިއްސާ އަޅާނުކިޔަފާނަންތަ." ލައިލީއަށް ބުނެވުނެވެ.

"އޭގެ މާނައަކީ ކޮބާކަން އެނގޭތަ؟... މާނައަކީ ލައިލީގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަގީންކަން ގެއްލުވާނުލާށޭ. ބީ ކޮންފިޑެންޓް. ލައިލީ ވަރިވާން އެދިއްޖެނަމަ ދަރަކް ރޮއެ އާދޭސްކުރާނޭ ވަކިނުވާން. އަޅެ ގޮތް ބަލާލަން ވެސް އެހެން ކަންތައްކޮށްބަލަ." އަކިޔަލް ބުންޏެވެ.

"އޯކޭ... ދެޓްސް އިނަފް. ހިނގާ ދެން ދާން. ގެއަށް ގޮސް ކުރަންޖެހޭ ކަންކަން އަހަރެންގެ އެބަހުރި." ލައިލީ ވަގުތުން ބުންޏެވެ.
އިތުރު ވާހަކައެއް ނުދައްކާ ބިލު ގެނައުމަށް އަކިޔަލް އިޝާރާތްކޮށްލިއެވެ. ބިލު ގެނެސް މޭޒުމަތީ ބޭއްވުމުން އަކިޔަލް ވޮލެޓު ނެގިއެވެ. އެހިނދު ލައިލި އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ.

"އަހަރެން ދޭ ޓްރީޓެއް މީ." ލައިލީ ބުންޏެވެ. ނަމަވެސް އެ އަޑު އަކިޔަލް ނޭހިއެވެ.

"އިޓްސް އޯކޭ. އައި ގޮޓް އިޓް. ދެން ފަހަރަކުން ލައި ދީ." ބިލުމަތީ އަކިޔަލް ވޮލެޓުން ނެގި ފައިސާ ބެހެއްޓިއެވެ.

މޭޒުދޮށުން ލައިލީއާއި އަކިޔަލް ތެދުވެގެން ހިނގައިގަތީ އެކީގައެވެ. ލައިލީގެ ނަޒަރު ދަރަކްމެން ތިބި މޭޒަށް ހުއްޓިފައި ވިއެވެ. އެ ތިން މީހުން ތިބީ ވާހަކައިގައެވެ. މޭޒުމަތީ ބާއްވާފައި އޮތް ނޯޓު ފޮތަކަށް ދަރަކްގެ ސަމާލުކަން ހުއްޓިފައި ވިއެވެ. ނުކުމެގެން ދިއުމުގެ ކުރީން އެ މޭޒު ދޮށުގައި އިން އަންހެންމީހާގެ މޫނު ފެންނާނޭނަމައޭ ލައިލީ ހިތަށް އެރިއެވެ. ނަމަވެސް އެ މީހުން ތިބީ ތަންކޮޅެއް އެތެރޭގައި ތިބި މޭޒެއްގައެވެ. އެ އަންހެންކުއްޖާ ފަހަތަށް އެނބުރިލައިގެން ނޫނީ އޭނާގެ މޫނެއް ނުފެންނާނެއެވެ. ނަސީބު ލައިލީއާ އެއްކޮޅަށް ނޭރިއެވެ. ކެފޭއިން އަކިޔަލްއާއެކު ލައިލީއަށް ނުކުންނަން ޖެހުނީ އެ އަންހެންކުއްޖާގެ މޫނު ނުފެނިއެވެ.

ލައިލީ ގެއަށް އައީ ބާޒާރުކޮށްގެންނެވެ. ކެފޭތެރެއިން ދަރަކް އެރެއަށް ޗިލީބީފް ކާން ބޭނުންވާކަން ބުނީމައެވެ. އެޕާޓްމެންޓަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ލައިލީ އައިސް ވަނީ ބަދިގެއަށެވެ. ގޭގައި ވަގުތުން ތައްޔާރު ކުރެވެންނެތް އެއްޗެއް ހަދާކަށް ދަރަކް ނުބުނާނެއެވެ. ވީއިރު "ޗިލީބީފް" ހަދަން ދަރަކް ބުނިއިރު އޭނާއަށް ވެސް ގޭގައި އެއަށް ބޭނުންވާ ސާމާނު ނުހުންނާނޭކަން އެނގޭނެއެވެ. އަނެއްކޮޅުން އޭގެ ދެމަފިރިން ރޭގަނޑުގެ ކެއުން ކާނީ ހަތެއް ޖަހާއިރުއެވެ. މިހުރިހާ ކަމަކާ ލައިލީ ވިސްނާލިއެވެ. ދަރަކްގެ މަޤްޞަދަކީ ކޮބާކަމެވެ.

"އެއްޗެއްހި ގަނެގެންކަން ކެއްކޭނީ ދަރަކްއަށް ރަނގަޅަށް އެނގޭނެ. ގެއާއި ފުދޭ ވަރަކަށް ދުރުގައި އަހަރެން ހުރީ. މިހާރު އަވަހަށް ބަންގި ވެސް ގޮވާނެ. އެހެންވީމަ މިރެއަށް ޗިލީ ބީފް ހެދޭނީ ކުރީބައިގައި އަހަރެން ކެފޭއިން ނުކުމެ ޝޮޕިންކޮށްގެން. ދަރަކްގެ ބޭނުމަކަށްވީ އަހަރެން އަވަހަށް ގެއަށް ދާނޭ އުޒުރެއް މެދުވެރިކުރުންބާ... އާން! އެހެން އެވީ. ސެވަންއަށް ރެޑީ ކުރެވޭނީ އަހަރެން ވަރަށް ކުރީން އުޅެގެން." ލައިލީއަށް ކުޑަކޮށް ހީނލެވުނެވެ. އަކިޔަލްއާއެކު ފެނިލިފެނުލުން ދަރަކްއަށް ބަދަލުތަކެއް ގެނުވައިފިތާއޭ ލައިލީގެ ހިތަށް އެރީމައެވެ.

ކޮށަންޖެހޭ ހުރިހާ އެއްޗެއް ކޮށާ ނިންމާފައި ލައިލީ އައިސް ސިންކު ކައިރީ ހުއްޓިލިއެވެ. ގެރިމަހުގެ ފިނިކަން ކެނޑުނުތޯ އޭނާ ބެލިއެވެ. އެ އަދިވެސް ހުރީ ހަރު ހިލަހެންނެވެ. އެހެންވެ ލައިލީ އައިސް ކާމޭޒުދޮށުގައި އިށީނީއެވެ. މޭޒުމަތީ އޮތް ތަރުކާރީ ކޮށި ކަޓިންބޯޑު އެއްފަރާތްކޮށްލާފައި އޭނާ ނެގީ ފޯނެވެ. ހަމަ ފޯނު ނެގުމާއެކު ސިކުނޑިއަށް އައީ ސަމައިރާގެ ޚިޔާލެވެ. އަކިޔަލްއާއެކީ ދިޔައީ މާލޭގައި ވަރަށް ފަހުން ހުޅުވި އަދި މަޝްހޫރު ކެފޭއަކަށްކަން ލައިލީއަށް އެނގެއެވެ. ސަމައިރާ އެފަދަ ތަނަކަށް ގޮސްފައި ފޮޓޯ ނުނަގައެއް ނުހުންނާނޭ ލައިލީގެ ހިތާއި ސިކުނޑި ވެސް ޤަބޫލުކުރެއެވެ. އަވަހަށް ސަމައިރާގެ އިންސްޓަގްރާމަށް ލައިލީ ވަނީ އެކަން ޔަގީން ކުރާށެވެ.

"އެހެންވީމަ އޭނަ އެ އިނީ ދަރަކްމެންނާއެކީ ގޮސް." ވިހިމިނެޓު ކުރީން ސަމައިރާ ލާފައި އިން ފޮޓޯ ފެނި ލައިލީއަށް އަމިއްލަ ނަފްސަށް ބުނެވުނެވެ.

ލައިލީ އިތުރަށް ބަލާކަށް ބޭނުމެއްނުވިއެވެ. ފޯނުގެ އިސްކުރީނު ނިއްވާލާފައި މޭޒުމަތީ ބޭއްވީއެވެ. ދަރަކްއާ އެއް އޮފީހެއްގައި މަސައްކަތް ކުރާއިރު ދެ މީހުން ބައްދަލުވާން ކިތަންމެ ފުރުޞަތެއް ލިބޭނޭކަން ލައިލީ ޤަބޫލުކުރެއެވެ. ހިތް ނުތަވަނަސްވާން ފެށުމުން އެ ޚިޔާލުތަކާއި ދުރަށްދާން ލައިލީ ބޭނުންވިއެވެ. އޭނާ ކާމޭޒު ދޮށުން ތެދުވީ ޓީވީ ހުޅުވާލައިގެން ސޯފާގައި އިންނަން ގަސްދުކޮށްގެންނެވެ. ނަމަވެސް ސޯފާ ކައިރިއަށް ނާދެވެނީސް އެޕާޓްމެންޓްގެ މައިދޮރުގެ ތަޅު ހުޅުވާއަޑު އިވުނެވެ. ސުވާލު އުފެދިފައި އެ ދިމާއަށް ލައިލީ ބަލަން ހުއްޓާ ދޮރު ހުޅުވާލައި ވަނީ ދަރަކްއެވެ. ލައިލީއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެންމެ އަވަހަށް ވެސް ދަރަކް ފެންނާނީ ފަސްގަޑި ބައިގައޭ ލައިލީ ހީކުރިއެވެ. އަދި ލައިލީއަށް ގެއަށް އައިސް ކައްކަން ވެސް ނުފެށޭ ވިއްޔާއެވެ. ގަޑިތަކުން ވެސް އަދިކިރިޔާ ފަހެއް ޖަހަން އުޅެނީއެވެ. ޤަބޫލުނުކުރެވިފައި ލައިލީއަށް ބަލަން ހުރެވުނެވެ. ދަރަކް ބަދަލުކޮށްލީ ނިކަން ފުޅާ ހިނިތުންވުމެކެވެ. އޭނާ ބޫޓު ބާލާފައި އައިސް ލައިލީގެ ކުރިމަތީ ހުއްޓިލިއެވެ. ކުލުނުން ފުރިފައިވި ލޯބިވެތި ބެލުމަކުން ލައިލީއަށް ބަލާލާފައި އޭނާގެ ގައިގާ ދަރަކް ބައްދާލީއެވެ. ދެން ވެސް ހަރަކާތެއް ކުރާކަށް ލައިލީއަކަށް ނޭނގުނެވެ.

"އޭނަ..." ދަރަކް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ. އޭރު ވެސް އޭނާ ލައިލީގެ ގައިން ދޫކޮށެއްނުލައެވެ.

"ދަރަކް." ލައިލީ ގޮވާލީ ދަރަކް ބުނަން އުޅޭ އެއްޗެއް ނޭނގޭތީއެވެ.

"މީ.. އަކިޔަލް ދޯ އޭނާއަށް ކިޔަނީ." އާގަންނަމުން ދަރަކް ވާހަކަދެއްކިއެވެ.

"ހޮޓެލްގައި އަހަންނާއެކީ ވޯކް ކުރާ ކުއްޖެކޭ ބުނީމެންނު." ލައިލީ ނިކަން އަވަހަށް ބުނެލިއެވެ.

"އަހަރެން ބުނީ... އޭނާ... އޭނާ ލައިއާ ކައިރިވާން މަސައްކަތް ކުރޭތަ." ބުނަން ބޭނުންނުވެ ހުރެ ދަރަކްގެ ދުލުން ބަސްތައް ބޭރުވީ ފަދައެވެ.

"ވަޓް... ނޫން. ތި ހީކުރީ ރަނގަޅަކަށްނޫން. އޭނާ އެކަހަލަ ކަމެއް ނުކުރާނެ. އަނެއްކާ އަހަންނަށްވުރެ އޭނާ ކުޑަކަން އެނގެއެއްނު. އޭނާ އެކަހަލަ މޮޔަ ވާހަކަ ދައްކާނެ. މީހުންގެ ކުރިމަތީ އަނގައިން ނާރާނެ. ހީ ވޯޒް ޖަސްޓް ކިޑިން." ދަރަކްއާ ދުރަށް ޖެހިލި ގޮތަށް ފިރިމީހާއާ ނަޒަރު ސީދާކޮށްލައިގެން ހުރެ ލައިލީ ވާހަކަދެއްކިއެވެ.

"ވެދާނެ ތިހެން ކަމަށް... ލައިލީއަށް އަދި ފިރިހެނުންގެ ގޮތް ނޭނގެނީ." ދަރަކް އަނެއްކާވެސް ފިޔަވަޅު އަޅާލީ ލައިލީއާ ގާތަށެވެ. ފަރުވާތެރި ބެލުމަކުން ލައިލީއާ ނަޒަރު ސީދާކޮށްލައިގެން ހުރެ ކޯތާފަތުގައި ދަރަކް ހިފާލިއެވެ. ދަރަކްގެ ބެލުމާއި ހަރަކާތްތަކުގައިވީ ލައިލީ ނުދަންނަ ބަހުރުވައެކެވެ. އެކަމަކު ދަރަކްގެ އެދުން ހާމަކޮށްދިނީ ލައިލީގެ މޫނަށް އިޙްސާސްވާން ފެށި ހޫނު ނޭވާއިންނެވެ.

"ޓައިމް... ކައްކަން..." ވާހަކަދައްކާނޭ ފުރުޞަތެއް ލިބުނު ހިނދު ލައިލީ ބުނެވޭތޯ މަސައްކަތް ކުރިއެވެ.

"ފަހުން." އަވަސްވަމުންދިޔަ ނޭވާގެ ތެރެއިން ދަރަކް ބުނެލިއެވެ. ލައިލީގެ ސިކުނޑި މަސައްކަތް ކުރުން ލަސްވެފައިވާ ކަހަލައެވެ. އޭނާގެ ބުރަކަށި ސޯފާގައި ޖެހުނީ ކިހިނެއް ކަމެއް ލައިލީ ނުދެނަހުއްޓެވެ. ސޯފާގައި ހުރި ހުރިހާ ކުދި ބާލީހެއް ވަނީ ތަޅުންމަތީގައެވެ. ދަރަކްގެ ކޮންމެ ހަރަކާތެއްގައިވީ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ.

"ވެއިޓް... ދަރަކް... ސޯފާ... ކޮޓަރިއަށް ހިނގާ." ދަރަކްގެ ބީހުންތަކުން ނަފްސު ބެހެމުންދިޔައިރު ލައިލީ ވެސް އެ އަރާމާއި ލައްޒަތާ ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ. އޭނާގެ އަޑު ދަރަކްއަށް އިވޭހެން ހިޔެއްނުވެއެވެ.

ދެމަފިރިންގެ ނަފްސު ހަމައަކަށް އެޅުނުއިރު ސޯފާގައި ދަރަކްގެ އަތުގެ ތެރޭގައި ލައިލީ ވިއެވެ. ދަރަކްއާ ކުރިމަތިލާން ނުކެރި ލަދުން ލައިލީ އޮތް ކަހަލައެވެ. ކުރުއަތް މައްޗަށް ތެދުވެ އޮތް ދަރަކްގެ ލުއި ހީނލުން ލައިލީގެ ކަންފަތްދޮށުން އިވިލިއެވެ. ލައިލީ ދެ ލޯ މަރާ ބާރުކޮށްލިއެވެ. އެހިނދު ލައިލީގެ ކޯތާފަތުގައި ދަރަކް ބޮސްދިނެވެ.

"ލައި... އެނގޭތަ. ތީ ހަމަ ބެސްޓް." ދަރަކްއާ ވަކިން ބޮޑަށް ލައިލީ ގާތްކޮށްލުމާއެކު ބުނެލިއެވެ.

"ބެސްޓް އޭ... ކީއްވެ ތިހެން ތިބުނީ. އެހެން މީހަކާ އަހަރެން އަޅާކިޔަނީތަ؟." ލައިލީގެ ހިތާ ސުވާލުކޮށްލެވުނެވެ. އެއާއެކު މީހާގެ ޠަބީޢަތަށް ވެސް ބަދަލު އަތުވެއްޖެއެވެ. އުނަގަނޑުމަތިން އަޅުވާލެވިފައި އޮތް ދަރަކްގެ އަތް ހިއްލާލުމާއެކު ލައިލީ ސޯފާއިން ތެދުވިއެވެ.

"މިހެން ތިބެވޭކަށް ނެތް. ކައްކަން ވެސް ޖެހޭނެއެއްނު." ތަޅުންމަތިން ހެދުންތައް ނަގަމުން ލައިލީ ބުންޏެވެ. އަދި ދަރަކްއަށް ބަލާލުމެއްނެތި ހަލުވިކޮށް އޭނާ އައިސް ވަނީ ކޮޓަރިއަށެވެ.

ލައިލީ ފާޚާނާއަށް ވަދެފައި ނުކުތްއިރު ދަރަކް ވެސް އިނީ ކޮޓަރީގައެވެ. ކައްކަން ތައްޔާރުކޮށްފައި ހުރީތީ ލައިލީ ނުކުތީއެވެ. އޭނާ ބަދިގެއަށް އައިސް ކެއްކުމައިގެން އުޅުނެވެ. އޭރު ވެސް ސިކުނޑީގައި ހަރުލާފައި ހުރީ ދަރަކް އެންމެފަހުން ބުނި ޖުމްލައެވެ. ދަރަކް ހިތްހަމަޖެހުނުކަން ބުނަން އަޅާކިޔުމުގެ ލަފުޒެއް ބޭނުންކުރަންވީ ކީއްވެ ހެއްޔެވެ. ލައިލީގެ ހަނދާންތަކުގެ ސަފުހާއަކުން ކިރަންގެ ސޫރަ ސިފަވެގެން އައެވެ.

"ޗީޓުކުރިކަން އެނގިގެން މަޢާފުކޮށްދޭނޭ އޮންނާނީ އެންމެ ގޮތެއް. އެއީ އަހަންނަށް އަހަރެންނަކީ ހުރިހާ ގޮތަކުން ބެސްޓުކަން އިޙްސާސް ކޮށްދީފިނަމަ."

އެންމެންގެ ތެރޭ ކިރަން އެހެން ބުނިއިރު ލައިލީގެ ހަޔާތުގެ ހިސާބެއްގައި އެ ޖުމްލައާ މެދު މިހާ ފުންކޮށް ވިސްނަން ޖެހިދާނޭ ކުޑަކޮށް ވެސް ހީނުކުރެއެވެ. އަނެއްކޮޅުން ލައިލީއަކީ ކިރަންއެއް ވެސް ނޫނެވެ. ކިރަން ގެންގުޅޭ އުސޫލާއި މިންގަނޑުތައް ލައިލީ މިނާ ނާޅިއަށް ފެތޭކަށް ވެސް ނުޖެހެއެވެ. އަމިއްލަ ފިރިމީހާ އެހެން މީހަކާ ޚިއްޞާކުރަމުން އޭނާއަށްވުރެ ފުރިހަމަ މީހަކަށް ވާން ލައިލީ ބޭނުމެއްނޫނެވެ. އެގޮތް އޭނާއަށް ބަލައެއް ނުގަނެވޭނެއެވެ. އެ ވިސްނުން ދެކެ ވެސް ލައިލީ މޭނުބައިކޮށް ފަކުރު ގަނެއެވެ. އެހެން އަންހެނަކު އުފާކޮށްދީފައި އައިސް އެފަދައިން އޭނާގެ ގައިގާ ދަރަކް ބީހެން ކެތްވާނީ ކިހިނެއް ހެއްޔެވެ.

(ނުނިމޭ)