ޕާކިސްތާން

ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް މިއަދު އަވަހާރަވެއްޖެ އެވެ.

ޕަރްވޭޒް އަވަހާރަވީ އުމުރުފުޅުން 79 އަހަރުގައި ދުބާއީގެ ހޮސްޕިޓަލެއްގަ އެވެ. ޕަރްވޭޒް އަވަހާރަވީ ހިތާއި ބްލަޑް ޕްރެޝާގެ ބައްޔަކަށް 2019 ވަނަ އަހަރުގެ ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޕަރްވޭޒް މުޝައްރަފް ވެރިކަމަށް ވަޑައިގަތީ 1999 ވަނަ އަހަރު ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ވެރިކަން ބަޢާވާތަކުން ވައްޓާލުމަށްފަހު އެވެ. ޕަރްވޭޒްގެ ވެރިކަން ނިމުނީ 2008 ވަނަ އަހަރު އެވެ.

ވެރިކަން ނިމުމުން ޕަރްވޭޒްގެ މައްސަލަތަކެއް ބަލަން ފެށުމުން ޕަރްވޭޒް ހުންނެވީ އަމިއްލަފުޅަށް ދުބާއީ އަށް އަރުވާލެއްވިގެންނެވެ. ޕަރްވޭޒް ދުބާއީއަށް ވަޑައިގެންނެވީ މާޗް 2016ގަ އެވެ.

ޕަރްވޭޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އޮގަސްޓް 11، 1943ގައެވެ. އަސްކަރިއްޔާގައި މަސައްކަތްކުރެއްވި ޕަރްވޭޒަށް ޖެނެރަލްގެ މަގާމު ލިބިވަޑައިގަތީ 1998ވަނަ އަހަރު އެވެ.