ދުނިޔެ

ގާނޫނު އަސާސީ އަކީ ގުރުއާނާއި ސުންނަތް، އެ ދުލެއް ނުކުރާނަން: ސައޫދީ ރަސްގެފާނު

ސައޫދީ އަރަބިއްޔާގެ ގާނޫނު އަސާސީކަމުގައި އަބަދުވެސް ބަލަމުން އަންނަނީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތް ކަމަށާއި އެ ގާނޫނު އަސާސީ ދުވަހަކު ވެސް ދޫކޮށްނުލައްވާނެ ކަމަށް ސައޫދީ އަރަބިއްޔާގެ އާ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު ވިދާޅުވެއްޖެ އެވެ.

ރަސްކަމުގައި ހުންނެވި އަބްދުﷲ ބިން އަބްދުލް އަޒީޒް ރޭ އަވަހާރަވުމާ ގުޅިގެން ރަސްކަމަށް އިސްކުރި ސަލްމާން ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވީ ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒާއި އެމަނިކުފާނުގެ ދަރިކަލުންގެ ތެރެއިން މިހާތަނަށް ރަސްކަން ކުރެއްވި ބޭބޭކަލުން ދެއްކެވި މަގުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަހަރެމެންގެ ގާނޫނު އަސާސީ އަކީ ގުރުއާނާއި ރަސޫލާގެ ސުންނަތް ކަމަށް ވުމުން، މި ގާނޫނު އަސާސީ ދައްކާ މަގު ދޫކޮށް ދުވަހަކު ވެސް ނުދާނަން،" ރަސްގެފާނު ވިދާޅުވި އެވެ.

އަވަހާރަވި ރަސްގެފާނު ވަނީ އިސްލާމް ދީނުގެ ދިފާއުގައި އަދި އަރަބި އިސްލާމީ ގައުމުތަކުގެ ދިފާއުގައި ބުރަ މަަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި އެ މަސައްކަތް އާ ރަސްކަމުގެ ފަރާތުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް، އުމުރުން 79 އަހަރުގެ ސަލްމާން ވިދާޅުވި އެވެ.

"މުސްލިމު އުންމަތް މިއަދު މި ވަނީ އެއްބައިވަންތަކާއި އެކުވެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

މާތްﷲ އެކަލާނގެ ދީން ފެތުރުއްވުމަށް ސައޫދީގެ ބިން މެދުވެރިކުރައްވައި އަދި މުސްލިމުންގެ ގިބްލަ ވެސް އެތަނެއްގައި ވުމުގެ ހެޔޮ ނަސީބު ސައޫދީ އަށް މިންވަރު ކުރައްވާފައިވާ ކަމަށާއި ސައޫދީން އަބަދުވެސް މަސައްކަތް ކުރާނީ އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ ތެރޭގައި އެކުވެރިކަން އާލާކޮށް އެ ދީނުން އުނގަންނައިދީފައިވާ ސުލްހަޔާއި އަމާންކަން ހޯދަން ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަލާނގެ މަދަދާއި އެހީތެރިކަމާ އެކު ޒިންމާތައް އުފުލާނަން. ހައްގު މަގުގައި ކުރިއަށް ދިއުމަށް އަދި ފަސާދައިގެ މަގުން ސަލާމަތްކޮށްދެއްވުމަށް އެދި އެކަލާނގެ ހަޟްރަތުގައި ދުއާކުރަން،" ސަލްމާން ވިދާޅުވި އެވެ.