ޖުމްހޫރީ ޕާޓީ

ޖޭޕީގެ ކޮންގްރެސް މި މަހު 24 އަދި 25ގައި

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ ކޮންގްރެސް އޮންނާނީ މާލޭ ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މި ކޮންގްރެސްގައި ކުރާނެ މައިގަނޑު މަސައްކަތަކީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޕާޓީގެ އާ ކައުންސިލަށް މެންބަރުން ހޮވުމެވެ.

ކޮންގްރެސްގައި ހޮވާ އާ ކައުންސިލްގެ ފުރަތަމަ ޒިންމާ އަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ޕާޓީން ނިންމާ ގޮތްތަކެއް ނިންމުން ކަމުގައިވެސް އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މީގެ ކުރިން އަވަސް އަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރަހީމް އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ގާސިމަށް ހުކުމެއް އިއްވާފައިވާތީ އެ އަހަރު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަނުކޮށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދީ އެވެ.