ރާއްޖެ ކުޅިވަރު

ހަދިޔާއެއްގެ ގޮތުގައި ކަސިޔާސް އަށް ޖާގަ ނުދޭނަން: ކޯޗު

Jan 27, 2016

ހަދިޔާ އަކަށް ނުވަތަ މީގެ ކުރިން މޮޅަށް ކުޅެފައިވާތީވެ ސްޕޭނުގެ ގައުމީ ޓީމުން ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔާސް އަށް ޖާގަ ނުދޭނެ ކަމަށް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.

"މީގެ ކުރިން މޮޅެއް ކުޅެފައިވާތީވެ ނުވަތަ ތަށިތަކެއް ހޯދާފައިވާތީވެ އޭނާގެ ޝަރަފަށްޓަކައި އެއްވެސް މީހަކަށް ޖާގަ ނުލިބޭނެ. އެންމެނަށް ވެސް ޖާގަ ލިބޭނީ މަސައްކަތް ކޮށްގެން،" ޑެލްބޮސްކޭ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ކީޕަރު ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދާ ސްޕޭން ޓީމުގައި ހިމެނޭނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަން އޭނާ ޓީމުގައި ހިމެނޭނެ ކަމަށް. އޭނާ އަކީ ޓީމަށް މުހިންމު މީހެއް. އެކަމަކު އެއްވެސް މީހަކަށް ހަދިޔާއެއްގެ ގޮތުގައި ޓީމުން ޖާގަ ނުދެވޭނެ،" ކޯޗު ބުންޏެވެ.

ކަސިޔާސް އަކީ އެންމެ ފަހުގެ ޔޫރޯގެ ދެ މުބާރާތާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. ނަމަވެސް ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ދިފާއުކުރަން އޭނާ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުރީގެ ކުޅުން ނުދެއްކުމާއި މެންޗެސްޓާ ޔުނައިޓެޑުގެ ސްޕޭނުގެ ޒުވާން ކީޕަރު ޑޭވިޑް ޑެހެޔާ ދައްކާ މޮޅު ކުޅުމެވެ.

ޑެލްބޮސްކޭ ބުނީ ސްޕޭނުގެ ކުޅުންތެރިންގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގައި ކަމަށާއި އަދިވެސް އިނިއެސްޓާ މޮޅުވާނެ ކަމަށެވެ.