ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާގެ އޮރިޔާން ވީޑިއޯއެއް އޮތް ކަމަށްބުނެ އޭނާ ބްލެކްމެއިލް ކުރުމުގެ ކުށުގައި ތަހުގީގުގައި ސުވާލު ކުރަމުންދާ އެ ގައުމުގެ ފޯވަޑް ރެއާލް މެޑްރިޑުގެ ކަރީމް ބެންޒެމާ އަށް ދެން ފްރާންސް ޓީމުން ޖާގައެއް ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މެނުއަލް ވޯލްސް ބުނީ ފްރާންސްގެ ކުޅުންތެރިންނަކީ މިފަދަ މައްސަލަތަކުން ސަލާމަތްވެ ތިބެންޖެހޭ ބައެއް ކަމަށާއި ހެދިބޮޑުވަމުން އަންނަ ފްރާންސްގެ ޒުވާން ޖީލަށް ކުށްތަކަށް އަރައިގަންނަ މީހުން ގައުމީ ކަންކަމުގައި ބައިވެރިކުރާތަން ދައްކަން ބޭނުނުވާ ކަމަށެވެ.
ބޮޑުވަޒީރު މިހެން ވިދާޅުވިއިރު ބެންޒެމާގެ މައްޗަށް ކުރެވެނީ އަދި ތުހުމަތެކެވެ. ނަމަވެސް ވަލްބުއޭނާގެ މަންޒަރުތައް ރެކޯޑްކޮށްފައިވާ ޓޭޕްތަކެއް ބޭނުންކޮށްގެން އޭނާ ބްލެކްމެއިލް ކުރުމުގެ އަޑީގައި ހުރީ ބެންޒެމާ ކަމަށް ތަހުގީގީ ޓީމުތަކުން ވަނީ ޔަގީންކޮށްފަ އެވެ. ނަމަވެސް މިކަމާ ބެންޒެމާ ދެކޮޅު ހަދަ އެވެ.
އެކަމަކު ވަލްބުއޭނާ ބުނެފައިވަނީ މި މައްސަލާގައި ފުލުހުން ސުވާލު ކުރަމުންދާ ތިން މީހުންނަކީ ވެސް އޭނާގެ ވަރަށް ގާތް ބައެއް ކަމަށެވެ. އަދި އެ ބަޔަކު ވީޑިއޯ ހޯދީ އޭނާގެ ފޯނުން ކަމަށެވެ.
މި ވީޑިއޯ އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯއާ ދިމާކޮށް ލީކުކޮށްލާނެ ކަމަށް ބުނެ ވަލްބުއޭނާ އަށް ބަޔަކު ދަނީ ބިރު ދައްކަމުންނެވެ. އޭނާ މައްސަލަ ކޯޓަށް ވެއްދީ ވެސް މިކަމާހުރެ އެވެ.