މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކުރިއަށް ގެންދާ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ފެއާ ހުޅުވައިފި އެވެ. ދަރުބާރުގޭގައި ކުރިއަށްދާ މި ފެއާ ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބާއްވާ މި ފެއާ މަސީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ފެއާ އެކެވެ. މިފަހަރުގެ ފެއާގައި 49 ސްޓޯލް ވަނީ ގާއިމުކޮށްފަ އެވެ.
މިއަހަރުގެ އެކްސްޕޯގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އިމާރާތް ކުރުމުގެ ހިދުމަތާއި އާކިޓެކްޗާ އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ އާއި އިންޖިނިއަރިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ގޭތެރެ ޒީނަތް ތެރި ކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތައް ހިމަނާފައިވާއިރު ހާޑްވެއާ ސާމާނާއި އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ އިތުރުން ފައިނޭންސް އަދި އިންޝުއަރެންސްގެ ހިދުމަތްދޭ ފަރާތްތައް ވެސް ހިމެނެ އެެ.
މި ފެއާ އިންތިޒާމްކޮށްދޭ ތިންކް އެޑްވަޓައިސް އިން ބުނީ ފެއާ ކުރިއަށްދާ ތިން ދުވަހުގެތެރޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ތަކެތި އިފްތިތާހް ކުރުމުގެ ރަސމިއްޔާތުތައް ކުރިއަށް ދާނެ ކަމަށެވެ.
ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ، "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" އަކީ މަސީއިން ބާއްވާ އެންމެ ބޮޑު ފެއާ ކަމަށާއި ފެއާގައި ރާއްޖެއަށް އަލަށް ތައާރަފްކުރާ ގިނަ އުފެއްދުންތަކެއް ތައާރަފުކުރުން ކުރިއަށްދާނެ ކަމަށެވެ.
މި ފެއާގައި އެންމެ ފުރަތަމަ ތައާރަފްކޮށްފައިވާ އެސްޓީއޯގެ ރެޑީ މިކްސް އެވެ. ރެޑީ މިކްސް ސިމެންތިއަކީ ވަކި ހާއްސަ ކޮލިޓީއެއްގައި ގަށައި ތައްޔާރުކޮށްފައި ހުންނަ ކޮންކްރީޓެވެ. މި ސިމެންތި އުފުލަކީ ހާއްސަ އުޅަނދެއްގަ އެވެ. މިއީ އިމާރާތް ކުރުމުގެ ސްޕީޑް ހަލުވި ކުރުމަށް ގިނަ ގައުމުތަކުން ބޭނުންކުރާ އުފެއްދުމެކެވެ.
ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން، ކޮންސްޓްރަކަންޝަން ދާއިރާއަށް ކޮށްދެވި ހިދުމަތްތަކާއި ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތައް ފާހަގަކޮށް މަސީގެ ހިދުމަތުގެ އައްޑަނަ އެމަނިކުފާނަށް އަރުވާފައިވެ އެވެ.