އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބު: 600 ވޯޓު ފޮށި ބަހައްޓާނެ

ރިޔާސީ އިންތިހާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހަބީބް މިއަދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކުރުމަށް ރިސޯޓުތަކުގައި ބަހައްޓާ ވޯޓުފޮށި އިތުރުކޮށްފައިވާ ކަމަށެވެ.

ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓޭނީ މަދުވެގެން 30 މީހުންގެ ރަޖިސްޓްރީ ކުރުމުން ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓެނީ މަދުވެގެން 50 މީހުންގެ ރަޖިސްޓްރީ ކުރުމުންނެވެ.

ރިސޯޓުން 30 މީހުން ރަޖިސްޓްރީކުރި ނަމަވެސް އެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ އެމާހައުލަކީ ވޯޓު ފޮށި ބެހެއްޓުމަށް ރައްކާތެރި ތަނަކަށްވާނަމަ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދޭނެ މުވައްޒަފުން ރިސޯޓުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ވޯޓު ފޮށި ބެހެއްޓޭ ކޮންމެ ރިސޯޓަކަށް އިލެކްޝަންސް ކޮމިޝަނުން ދެ އޮފިޝަލުންނާއި ފުލުހެއް ފޮނުވާނެ ކަމަށެވެ.

ދިވެހިން އުޅޭ އެހެން ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. އެގޮތުން ބޭރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނީ މަދުވެގެން 150 މީހުންގެ ރަޖިސްޓްރީ ލިބިގެން ކަމަށާއި އެގައުމެއްގައި ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަން ޖެހޭނެ ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އަދި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.