ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބުތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭނީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މި ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލުމަށް ހާއްސަކޮށް ތައްޔާރުކުރާ ޕްލާސްޓިކް ޓެމްޕްލޭޓް ބޭނުންކުރާނެ ކަމަށެވެ.

ޓެމްޕޭލްޓް ތައްޔާރުކޮށްފައިވާނީ ކެންޑިޑޭޓުންގެ ނަންބަރުތައް އެނގޭ ގޮތަށް ކަމަށާއި ޓެމްޕޭޓް ބޭނުންކުރާނެ ގޮތް ކިޔައިދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ކިޔު ދިގުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ އިންތިހާބުތަކަށްވުރެ މިފަހަރުގެ އިންތިހާބުގައި އެއް ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދު މަދުކޮށްފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި އެވަރެޖުކޮށް ވޯޓު ފޮއްޓަކަށް ރަޖިސްޓްރީކޮށްފައިވާނީ 850 މީހުން ކަމަށާއި ގިނަ ފޮށިތަކުގައި އެ އަދަދު އެއަށްވުރެވެސް މަދުވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި އެއް ވޯޓު ފޮއްޓަށް 1،200 އާއި 1،300 މީހުންވެސް ވޯޓުލާފައިވެ އެވެ.