އިލެކްޝަންސް ކޮމިޝަން

ކުރިން މާލޭގައި ވޯޓުލި މީހުން އަލުން ރީ-ރަޖިސްޓްރީވާކަށް ނުޖެހޭނެ

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލި މީހުން އަންނަ ރިޔާސީ އިންތިހާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސް އަށް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލި މީހުންގެ ތެރެއިން އަންނަ ރިޔާސީ އިންތިހާބުގައިވެސް މާލޭގައި ވޯޓުލާ މީހުން އަލުން ރީ-ރަޖިސްޓާވާން ނުޖެހޭނެ ކަމަށެވެ.

"ނަމަވެސް ކުރިން މާލޭގައި ވޯޓުލީ ބޭފުޅުންގެ ތެރެއިން މިފަހަރު ހުޅުމާލޭގައި ވިލިމަލޭގައި ވޯޓުލުމަށް އެދޭ ބޭފުޅުން ޖެހޭނެ ރީ-ރަޖިސްޓްރީވާން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ކުރީގެ އިންތިހާބުގައި މާލެ ފިޔަވައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލީ މީހުންގެ ނަން މިހާރު އޮންނާނީ އެމީހަކު ރަޖިސްޓްރީވެފައިވާ ރަށުގައި ކަމަށެވެ. އެހެންކަމުން ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ކުރިން ވޯޓުލި މީހުންގެ ތެރެއިން އެހެން ރަށެއްގައި ވޯޓުލުމަށް މިފަހަރު ރީ-ރަޖިސްޓާވާންޖެހޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރީ-ރަޖިސްޓާވުމަށް ފުރުސަތު ހުޅުވާލާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.