ފިނިޕޭޖް

ގްރެމީ އެވޯޑްސް 2023: ތާރީހީ ކުލަގަދަ ހަފްލާއެއް

މިމަހުގެ ހަވަނަ ދުވަހު ބޭއްވި 65 ވަނަ ގްރެމީ އެވޯޑް ޝޯ ވެގެންދިޔައީ އެހެން އަހަރުތަކެކޭ އެއްފަދައިން ކުލަގަދަ އަދި ތާރީހީ ހަފްލާ އަކަށެވެ.

ޓްރެވާ ނޮއާ ހޯސްޓްކޮށްފައިވާ މި ޝޯގައި ފާހަގަކޮށްލެވޭ ވަނަ ތަކުގެ ތެރޭގައި ޓޭލާ ސްވިފްޓްއަށް އޭނާގެ "އޯލް ޓޫ ވެލް" ކުރު ފިލްމު މިއުޒިކް ވީޑިއޯއަށް ބެސްޓް މިއުޒިކް ވީޑިއޯ އެވޯޑް، ރިކޯޑް އޮފް ދަ އިޔާ އެވޯޑް ލިޒޯގެ "އަބައުޓް ޑޭމް ޓައިމް" އަށް، އަލްބަމް އޮފް ދަ އިޔާ އާއި ބެސްޓް ޕޮޕް ވޯކަލް އަލްބަމްގެ އެވޯޑް ހެރީ ސްޓައިލްސްގެ ހެރީސް ހައުސް އަށް ލިބުން ހިމެނެ އެވެ.

އަދި ސޯންގް އޮފް ދަ އިޔާގެ އެވޯޑް ރޮނީ ރައިޓްގެ "ޖަސްޓް ލައިކް ދެޓް" އަށް، ބެސްޓް ނިއު އާޓިސްޓްގެ އެވޯޑް ސަމާރާ ޖޯއިއަށް، ބެސްޓް ޕޮޕް ސޯލޯ ޕާފޯމަންސް އެވޯޑް އަޑޭލްއަށް، ޓްރެޑިޝަނަލް ޕޮޕް ވޯކަލް އަލްބަމްގެ އެވޯޑް މައިކަލް ބޫބްލޭގެ "ހަޔާ" އަށް، ބެސްޓް ޑާންސް ރިކޯޑިން އަދި އަލްބަމްގެ އެވޯޑްތައް ބިޔޯންސޭގެ "ބްރޭކް މައި ސޯލް" އާއި "ރެނެސޯންސް" ލިބުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ބޭޑް ބަނީ، ވެޓް ލެގް، މުނީ ލޯންގް، ސްޓީވް ލޭސީ، ބްރެންޑީ ކާލައިލް، ރޮބަޓް ގްލޭސްޕާ، ކެންޑްރިކް ލަމާ އާއި އެތައް ތަރިންނަކަށް އެވޯޑް ލިބިފައިވެ އެވެ. އަދި ވަޔޯލާ ޑޭވިސްގެ އޯޑިއޯ ފޮތަށް "ބެސްޓް އޯޑިއޯ ބުކް" އެވޯޑް ލިބިފައިވެ އެވެ.

ބިޔޯންސޭ ވަނީ 32 އެވޯޑާއެކު މިހާތަނަށް ކެރިއަރުގައި އެންމެ ގިނަ ގްރެމީ އެވޯޑް ލިބިފައިވާ ލަވަކިޔުންތެރިޔާގެ ގޮތުގައި ތާރީހުގައި ނަން ލިޔެލާފަ އެވެ.

މި އެވޯޑް ޝޯގައި އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވަނީ 9 ނޮމިނޭޝަންސްއާ އެކު ބިޔޯންސޭ އަށެވެ. ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީ ވަނީ 88 ނޮމިނޭޝަންސްއާ އެކު އެންމެ ގިނައިން ގްރެމީއަށް ނޮމިނޭޓްވެފައިވާ ލަވަކިޔުންތެރިންގެ ގޮތުގައި ޓައި ވެފަ އެވެ.

ކޯވިޑް-19ގެ ސަބަބުން ލަސްތަކަކަށްފަހު މިއީ ދެ އަހަރު ފަހުން ބޭއްވި އެންމެ ބޮޑު ޝޯ އެވެ. މިއަހަރުގެ ގްރެމީގެ 91 އެވޯޑަށް ނޮމިނޭޓް ކޮށްފައިވަނީ އޮކްޓޫބަރު 01، 2021 އިން ސެޕްޓެމްބަރު 30، 2022 އާ ދެމެދު ނެރެފައިވާ ލަވަތަކާއި އަލްބަމްތަކެވެ.