ކުޅިވަރު

އިންޓަ ސްކޫލް ސެމީ ފައިނަލުގައި ބޮޑު ހަމަނުޖެހުމެއް

މާލޭގައި މިހާރު ކުރިއަށްދާ އެފްއޭއެމް 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ސެމީ މެޗުގައި ވާދަކުރީ ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލެވެ. މެޗު ނިމުނީ ކަލާފާނު ސްކޫލް 1-2 އިން މޮޅުވެގެންނެވެ. އެކަމަކު މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފަ އެވެ. އަދި ރެފްރީ އަށް ހަމަލާދޭ މަންޒަރު ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "އަވަސް" އަށް ވިދާޅުވީ ހަމަނުޖެހުމުގެ އެންމެހާ ކަންކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަންކަން ނިންމާނީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީ އިން ކަމަށާއި، އޭރު މެޗު ނިމިފައި އޮތުމުން ނަތީޖާ ބަދަލުވާނެކަމަށް ނުބެލެވޭ ކަމަށް ޖަވާ ވިދާޅުވި އެވެ.

ވީޑީއޯ އިން ފެންނަ ގޮތުގައި ރެފްރީ ދަނޑުގައި ހުއްޓައި އެޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ރެފްރީ އަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަދި ރެފްރީ ފަހަތުން ދުވެ ރެފްރީގެ ގައިގައި ޖަހާ މަންޒަރު ފެނެ އެވެ. ރެފްރީ އަށް ހަމަލާ ދިނުމުގައި ގުރައިދޫ ސްކޫލް ކުއްޖެއްގެ ބައިވެރިވުން ވެސް ހިމެނެ އެވެ.

ސެމީ ފައިނަލު ޖާގަ ގުރައިދޫ ސްކޫލް ހޯދީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގާޒީ ސްކޫލް ބަލިކޮށްގެންނެވެ. ކަލާފާނު ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓަ ފައިނަލުގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 1-0 އިން ކުރި ހޯދައިގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ހަމަނުޖެހުން ހިނގިޔަސް މިރޭ ސެމީގެ ދެވަނަ މެޗު ކުރިއަށްދާނެ އެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ރެހެންދި ސްކޫލާއި އިމާދުއްދީން ސްކޫލެވެ. ގަލޮޅު ދަނޑުގައި ކުޅޭ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.