ދުނިޔެ

ޔުކްރޭނާ ބެހޭގޮތުން އެމެރިކާއާ ކުރާނެ މަޝްވަރާއެއް ނެތް: ރަޝިއާ

ޔުކްރޭނާ ބެހޭ ގޮތުން މޮސްކޯ އާއި ވޮޝިންގްޓަންއާ ދެމެދު ކުރާނެ މަޝްވަރާއެއް މިވަގުތު ނެތް ކަމަށް ރަޝީއާ ފޮރިން މިނިސްޓަރުގެ ނައިބު ސަރުގޭ ރިޔަބްކޯފް ވިދާޅުވެއްޖެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގާ ޚާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން އެމެރިކާއަށް ދޭނެ މައުލޫމާތެއް އަދި ކުރާނެ މަޝްވަރާއެއް ވެސް ނެތް ކަމަށް ރިޔަބްކޯފް ވިދާޅުވި އެވެ.

ރިޔަބްކޯފް ވިދާޅުވި ގޮތުގައި ޔުކްރޭންގެ މަޝްރަހާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ދައްކާނެ ވާހަކައެއް އޮތް ނަމަ އެ ކަމެއް ހިނގަނީ ދެ ގައުމުގެ ފޮރިން މިނިސްޓްރީ އާއި ދެ ގައުމުގެ އެންބަސީއާ ދެމެދުގައި ކަމަށެވެ.

މައުލޫމާތެއް ބަދަލުކުރަން ދެ ގައުމުގެ ދެމެދުގައި ފޯނުކޯލެއް ކުރެވުނު ނަމަވެސް، އޮފިޝަލުން އެއްމޭޒު ދޮށަށް ޖަމާވެ ކުރާނެ ސައްލާއެއް މިވަގުތު ބޭނުން ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާ އާއި ރަޝިއާއާ ދެމެދު ނިއުކްލިއާ ހަތިޔާރު މަދުރުކުރުމަށް ވެފައި އޮންނަ އެއްބަސްވުން -- "ނިއު ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ (ސްޓާޓް)"އާ ބެހޭގޮތުން މަޝްވަރާ ކުރައްވާތޯ ދެންނެވުމުން ރިޔަބްކޯފް ވިދާޅުވީ މޮސްކޯގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު، ލީން ޓްރޭސީއާ އެކު މަޝްވަރާ ކުރެވޭ ކަމަށާއި އެއިން އެއްވެސް ވާހަކައެއް ހާމަކުރެވެން ނެތް ކަމަށެވެ.

ނިއު ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ އަކީ ރަޝިއާ އާއި އެމެރިކާއާ ދެމެދު ކޮންމެ ފަސް އަހަރަކުން އާކޮށް ސޮއިކުރާ އެއްބަސްވުމެެކެވެ. މިި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2010 ގައެވެ. އެހެން ނަމަވެސް، މި އެއްބަސްވުން ދެން އާކުރީ 2021 ގަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި ހުޅަނގުގެ ޕްރެޝަރާއި އިގުތިސާދީ ދަތިތަކުގައި ޖެހި މޮސްކޯއިން ވަނީ މި އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ރިޔަބްކޯފް ވިދާޅުވީ ސްޓާޓް އެއްބަސްވުމާ މެދު އެމެރިކާ ދެކޭ ގޮތް އެހާ ޒިންމާދާރު ނޫން ކަމަށެވެ. އަދި އެ މީހުން ތަޅަނީ ހުސް އަނގަ ކަމަށްވެސް ވިދާޅުވި އެވެ.