ރައީސް މުހައްމަދު ނަޝީދު

"އާސަންދަ ހަރަދު އިތުރުވީ ޕްރައިމަރީއާ ގުޅިގެންތޯ ސުވާލުކުރަންޖެހޭ"

Feb 7, 2023

ރާއްޖޭގައި މިދިޔަ ޖެނުއަރީ މަހު އާދަޔާ ހިލާފަށް ގިނަ ބަޔަކު ބަލިވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެންތޯ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިވާހަކައެއް ދެއްކެވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށައިޖެހޭ ސިޔާސަތެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކާ ގުޅިގެން މެންބަރުން ދެއްކެވި ވާހަކަތަކެއް މެދުން ފުރުސަތެއް ހޯއްދަވައިގެންނެވެ.

ސަރުކާރުގެ ހަރަދު ތަފްސީލް ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާސަންދަ އިން ހަރަދުކުރީ 67.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އާސަންދަ އިން 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަތަރުގުނައިން ބަލި މީހުން އިތުރުވެގެން ހިނގައްޖެ. ހަތަރު ގުނައިން. އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ ނުވަތަ ހަގީގަތުގައިވެސް ބަލި މީހުންތައް ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ. މިއީ މި މަޖިލީހުން އަހަންޖެހޭ ސުވާލު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އާސަންދަ އިން އެހާ ބޮޑު ހޭދައެއް ކުރަންޖެހުނު ސަބަބަކާ ގުޅޭގޮތުން މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ވެސް މައުލޫމާތު ހާމަކުރައްވާއިރު ބަލަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދަސް ރައްދުދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ މިއަހަރުގެ ޖެނުއަރީ މަހު އާސަންދައަށް ކުރި ހަރަދު ބޮޑުވީ މިދިޔަ އަހަރުވެސް ކޮވިޑުން މުޅިން އަރައިގަނެވިފައި ނުވާތީ ބައެއް ދިވެހިން ބޭސް ފަރުވާއަށް ދާން ބޭނުންވި ނަމަވެސް މިދިޔަ އަހަރު ފުރޭ ގޮތް ނުވުމުން އޭރު އެގޮތަށް ކުރި ހަރަދު މަދުވުމުން ކަމަށެވެ. އާސަންދަ ހަރަދަށް އެ ބަދަލު އައި ގޮތް އެއީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ގައުމުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އާސަންދައިން ބޭރަށް ދެވޭނެ އިންތިޒާމެއް ނެތިގެން ވަރަށް ގިނަ މީހުން ބޭސް ފަރުވާއަށް ނުގޮސް އެބޭފުޅުން މަޑުކުރެވެން ހުރި ކަންތައްތަކުގައި މަޑުކޮށްފައިވަނީ އިއްޒަތްތެރި ރައީސް. އެހެންނަމަވެސް މިހާރު މުޅި ދުނިޔެ ހުޅުވުމާ އެއްކޮށް މި ޖެނުއަރީ މަހުވެސް ފެބްރުއަރީ މަހުވެސް އަދި ދެން ހުރި މަސްތަކުގައިވެސް އާންމު ހާލަތަށް އައިސް އާސަންދައިން ބޭސް ކުރެވޭ އަދަދު އާންމު ހާލަތުގައި ރާއްޖޭގައި ދެމިގެންދާނެ ކަމަށް އިއްޒަތްތެރި ރައީސް މިކަންކަމުން މިފެންނަނީ،" ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެބައިވެފައިވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ސަޕޯޓަރުން ގެންދަނީ މަޖިލީހާއި ސޯޝަލްމީޑއާގެ އިތުރުން އާންމު ޖަލްސާތަކުގައިވެސް އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔަމުންނެވެ.