ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތަޅުމުން މެންބަރުން ނެރުނީ ސިފައިންނެއް ނޫން

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން މަޖިލީހުގެ ޗެމްބަރުން ނެރުނީ ސިފައިން ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ އިދާރީ ބޭފުޅުން ތިއްބަވާ މޭޒުގެ ކުރިމަތީގައި ތިއްބަވައިގެން ހަރުއަޑުން އިހްތިޖާޖުކޮށްގެން މަޖިލީހުގެ ނިޒާމު ގެއްލުވާލާފަ އެވެ.

މަޖިލީހުގެ ނިޒާމު ގެއްލުވާލުމާ ގުޅިގެން އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަސް މެންބަރުންގެ ނަން އިއްވާފަ އެވެ. ނަން އިއްވުމުންވެސް އެ ބޭފުޅުން މަޖިލީހުގެ ޗެމްބަރުން ނިކުންނެވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނަވާ ސާޖަންޓް އެޓް އާމްސްގެ ދަށުން މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަންގަވައިގެން ބާރު ބޭނުންކޮށްގެން އިދިކޮޅު މެންބަރުން ޖަލްސާ އިން ނެރެފަ އެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމުގައި މިވަގުތު އެއްވެސް ބޭފުޅަކު ނެތުމާ ގުޅިގެން އިދިކޮޅު ފިރިހެން މެންބަރުންތަކެއް ނެރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަންހެން ސެކިއުރިޓީންތަކެކެވެ. މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންވެސް މިހާރު ވަނީ މަޖިލީހުގެ އިދާރާއަށް އަމާޒުވެފަ އެވެ.

މެންބަރުން ނެރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ އެމްއެންޑީއެފްގެ ސިފައިން ކަމަށް ހީކޮށް ބައެއް މީހުން ވަނީ ސިފައިންނަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން ސިފައިންގެ އިން މިއަދު ބުނީ މެންބަރުން ނެރުމުގައި ސިފައިން އެއްވެސް ވަރަކަށް ހަރަކާތްތެރި ވެފައި ނުވާނެ ކަމަށާއި، އެކަމުގައި އެއްވެސް އެހީތެރިކަމަކަށް އެދިފައިވެސް ނުވާ ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަން އިއްވާ ނެރެފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.