ދުނިޔެ

އެންމެ މުސްކުޅި ދަރިވަރަކީ 90 އަހަރުގެ ހޫރުމާމައެއް: މުޅި ކްލާހުގައި ވެސް މާމަ ދަރިން!

މިއީ ކެންޔާގެ އަންހެނެއްގެ ވާހަކަ އެވެ. ޕްރިސީލާ ސިޓިއެނޭއި ނަމަކަށް ކިޔާ އުމުރުން 90 އަހަރުގެ މި އަންހެން މީހާ، އުމުރުން 10 އަހަރާއި 14 އަހަރުގެ ކުދިންނަށް ހާއްސަ ކްލާހެއްގައި ކިޔަވަމުން އަންނައިރު އޭނާ މިހާރު މަޝްހޫރުވެފައި ވަނީ ދުނިޔޭގައި ހުރި އެންމެ "މުސްކުޅި ދަރިވަރު" ގެ ގޮތުގަ އެވެ.

ކެންޔާގައި އޭނާ ދިރިއުޅޭ ނަދްލަތު އަވަށުގެ ލީޑާސް ވިޝަންސް ޕްރިޕްރޭޓަރީ ސްކޫލްގައި އޭނާ ކިޔަވަމުންދާތާ މިހާރު ފަސް އަހަރުވީ އެވެ. މިހާރު ކިޔަވަނީ ގްރޭޑް ހަތަރެއްގަ އެވެ.

އޭނާގެ ކްލާހުގެ ދަރިވަރުންގެ ތެރޭގައި އޭނާ އަށް ހޫރުމާމަ ކިޔާ ހަ ކުދިން ތިބިއިރު ކްލާހުގައި ތިބި ގިނަ ކުދިންނަކީ އޭނާގެ ފޫޅުމާކަމުގެ ދަށުން ވިއްސާފައިވާ ކުދިންނެވެ. ފާއިތުވި 65 އަހަރު ޕްރިސީލާ އަކީ އަވަށުގެ އެންމެ މަޝްހޫރު ފޫޅުމައެވެ.

 

މިހާރު، އަވަށުގެ އެންމެ މަޝްހޫރު ދަރިވަރެވެ. ސްކޫލަށާއި މުޅި އަވަށަށް ވެސް މިހާރު އޭނާ މަޝްހޫރުވެފައި ވަނީ "ގޯގޯ" ގެ ނަމުންނެވެ. އެއީ އަވަށުގެ މީހުންގެ ބަހުރުވައިން ނަމަ "މާމަ" އެވެ.

ކޮންމެއަކަސް ގޯގޯ ހުރީ ވަރަށް ވެސް ހިތްހަމަޖެހިފަ އެވެ. އެއީ އުމުރުން 90 އަހަރުގައި، ފުރަތަމަ ފަހަރަށް ލިޔަންކިޔަން ދަސްވީތީ އެވެ. އަނެއްކޮޅުން އޭނާ ދަނީ އިނގިރޭސި ބަހަށް ވެސް ފަރިތަވަމުންނެވެ.

"އަހަރެން ބޭނުން ބައިބްލް ކިޔެވޭ މީހަކަށް ވާން. އަދި ކުދިން، ތައުލީމު އުނގެނުމަށް ލޯބި ޖައްސައި ހިތްވަރު ދިނުމަކީ ވެސް އަހަރެންގެ ބޭނުމެއް،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ގޯގޯ ބުނެފައިވެ އެވެ.

އޭނާ ބުނީ އުމުރުން ދުވަސްވާ ވަރަކަށް ސްކޫލާއި ފޮތާ ދުރަށް ދާ ކުދިން ގިނަވެފައިވާއިރު އެފަދަ ކުދިން ފޮތާއި އިލްމާ ރައްޓެހި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ.

"ދުވަސްވެފައި ތިބި ގިނަ ކުދިންނަކީ ސްކޫލަކަށް ދާ ބައެއް ނޫން. އޭގެ ތެރެއިން ގިނަ ކުދިން މި އުޅެނީ ކިޔެވުން ދޫކޮށްލާފައި މީހުންނާ ހިތާވެގެން ދަރިން ވެސް ހޯދައިގެން،" ގޯގޯ ބުންޏެވެ.

"ދެން ސްކޫލަށް ނުދަނީ ކީއްވެހޭ އަހާލީމަ މި ކުދިން މި ބުނަނީ އަހަރެން ގާތު، ތިމަންނަމެން މިހާރު ބޮޑެތިވެއްޖެއޭ. އުމުރުން ދުވަސްވެއްޖެޔޭ ކިޔަވަން. އަހަރެން މި ބުނަނީ ބަލަ އަހަރެން ވެސް މި އުޅެނީ ދަރިވަރެއްގެ ގޮތުގައި ސްކޫލެއްގައޭ. އެހެންވީމަ ކަލޭމެން ކުދިން ނުދާންވީ ސަބަބަކީ ކޮބައިހޭ؟."

ގޯގޯ ބުނީ ސްކޫލުގައި ކިޔަވާތާ މިހާރު ފަސް އަހަރުވެފައިވީ ނަމަވެސް އެންމެ ފުރަތަމަ ސްކޫލުން ވެސް އޭނާ އަށް ފުރުސަތެއް ނުދިން ކަމަށެވެ. ނަމަވެސް އުނގެނުމަށް ގޯގޯގެ ކިބައިން ފެނުނު ޝައުގުވެރިކަމުގެ ބޮޑުކަމާ ހެދި އެންމެފަހުން އޭނާ އަށް ސްކޫލްގެ ޔުނީފޯމު ދިނީ އެވެ.

ސްކޫލަށް ކިޔަވަން ދާން ފެށުމުން ގޯގޯ އަށް ވަނީ މުޅިން އާ ރަހުމަތްތެރިންތަކެއް ވެސް ލިބިފަ އެވެ. އެގޮތުން އޭނާގެ އާ ބެސްޓް ފްރެންޑަކީ އުމުރުން 11 އަންހެން ކުއްޖެކެވެ.

"އެންމެ މުސްކުޅި ދަރިވަރު" ގެ ދުނިޔޭގެ ރިކޯޑް ކުރިން ވެސް އޮތީ ކެންޔާގެ ރައްޔިތެއްގެ އަތުގަ އެވެ. އެއީ އުމުރުން 84 އަހަރުގައި ސްކޫލަށް ކިޔަވަން ދިޔަ ކިމާނީ މަރޫޖީ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރު މަރުވެފަ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންނަށް ވެސް އަހަރެން ބުނެލަން ބޭނުންވަނީ، ހާއްސަކޮށް އަންހެން ކުދިންނަށް، ހަގީގީ މުއްސަނދި ކަމަކީ އިލްމޭ. އިލްމު އުނގެނިއްޖެ ނަމަ ބޭނުން ކަމެއް، ބޭނުން މީހަކަށް ވެވިދާނެޔޭ. އެއީ ޑޮކްޓަރެއް ނުވަތަ ޕައިލެޓެއް އަދި ލޯޔަރެއް ކަމުގައި ވިޔަސް،" ހުރިހާ ކުދިންނަށް ގޯގޯ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ.

މުސްކުޅިން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ. ތައުލީމު އުނގެނުމަށް ވަކި އުމުރެއް ނެތެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅާ ހަމަ އަށް ވެސް އުނގެނޭށެވެ.

ގޯގޯ ވެސް ބުނަނީ މިހެންނެވެ.