ފޮރިން މިނިސްޓްރީ

ބިންހެލުމުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: ފޮރިން މިނިސްޓްރީ

ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ވަރުގަދަ ބިންހެލުމުގައި ދިވެހި ރައްޔިތަކަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމުގެ ރިިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު ޒާހިރު ވިދާޅުވީ ޖެނީވާގައި ހުންނަ މިޝަން އާއި އޮނަރަރީ ކޮންސިއުލޭޓާ ގުޅިގެން އެ މިނިސްޓްރީން ތުރުކީގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"މިހާތަނަށް އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލުމާތު ލިބިފައެއް ނުވޭ،" ސަފާތު ވިދާޅުވި އެވެ.

ބިންހެލުން އައި ސަރަހައްދަކީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަން ސަފާތު ފާހަގަކުރެއްވި އެވެ.

ރިކްޓާ މިންގަނޑުން 7.7 ގެ ގަދަ ބާރުމިނުގައި އައި ބިންހެލުމުގައި 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެ ސަރަހައްދުގެ އެތަކެއް ހާސް އިމާރާތެއް ވަނީ ފުނޑުފުނޑުވެފަ އެވެ.

މަރުވި މީހުންގެ ސީދާ އަދަދު އެނގިގެންދާން އަދިވެސް ވަގުތު ނަގާނެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދިރިހުރި އެއްވެސް މީހަކުވޭތޯ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.