ތުރުކީ

ބިންހެލުމާއި ވިދިގެން އެނެގެންޖެހޭ ފަސް ކަމެއް

ބިންހެލުމެއް އައިސް ލިބޭ ގެއްލުންތަކުގައި އިމާރާތްތައް ފުނޑުފުނޑުވެ އިމާރާތްތައް ދަށުވާ މީހުން ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ވުރެ ކޮންކްރީޓް ދަށުން މީހުން ނަގައި ސަލާމަތް ކުރަންޖެހޭ މަސައްކަތަކީ މާފުޅާ މާބޮޑު މަސައްކަތެކެވެ.

ތުރުކީގެ ދެކުނުގެ ކަހްރަމަންމަރަސް ސަރަހައްދުގެ ޕަޒާޗިކް ޑިސްޓްރިކްޓަށް ރިކްޓާ މިންގަނޑުން 7.7 ބާރު މިނުގައި ބިންހެލުމެއް އައިސް އެތަކެއްހާސް މީހުން މަރުވުމާ ގުޅިގެން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިޔަ އޮޕަރޭޝަނެއް ފަށާފަ އެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ބުނެފައިވަނީ މި ބިންހެލުމަށްފަހު 78 ލޮޅުމެއް މުޅި ސަރަހައްދަށް އައިސްފައިވާ ކަމަށެވެ. މި ލޮޅުންތަކުގެ ބާރުމިންވެސް 6.5 އަދި 6.6 ގައި ވެއެވެ. މި ލޮޅުންތައް ތުރުކީގެ ގާޒިއާންތިޕް ސަރަހައްދަށްވެސް ވަނީ ކޮށްފަ އެވެ.

ސާޗް އެންޑް ރެސްކިއު ވޮލަންޓިއަރުންނާއި، އޭއެފްއޭޑީ އޮފިސަރުން އަދި 27 މުނިސިޕަލިޓީ އާއި އެންޖީއޯ ތަކުގެ އޮފިސަރުންނާއެކު ޖުމްލަ 9698 ފަރާތެއް ކަނޑައަޅައި ވަގުތުން 216 ވެހިކަލް އިސްތަންބޫލުން އެސަރަހައްދުތަކަށް ފޮނުވާލި އެވެ. މިހުރިހާ ކަމެއް ހަމަޖެއްސީ ލޯކަލް އޭރިއާތަކަށް އިތުރު އެހީ ފޯރުކޮށްދިނުމަށްޓަކަ އެވެ.

ތިންލައްކަ ބްލަންކެޓްސް އާއި، 19722 ޓެންޓާއި، 24172 އެނދާއި، 47176 ޕިލޯ ޝީޓް ސެޓާއި، 1106 ކިޗަން ސެޓް އެސަރަހައްދުތަކަށް ފޮނުވާލެވުނެވެ. ނަމަވެސް މިހާ ގޮންޖެހުން ބޮޑު އޮޕަރޭޝަނެއް ހިންގަނީ ކިހިނެއް ހެއްޔެވެ؟

ކޯޑިނޭޝަން

ފުރަތަމަ ފިޔަވަޅަކީ ސާޗް އެންޑް ރެސްކިއު ކުރާ މީހުން ގޮވައިގެން މަސައްކަތް ފަށައިގަތުމެވެ. މި މީހުންނަކީ ވަރަށް ހުނަރުވެރި ދެ އަހަރުވަރުގެ ފުރިހަމަ ތަމްރީނު ދެވިފައި ތިބި ބަޔަކަށްވާންޖެހެ އެވެ.

މުޅި ތަހުގީގު ހިންގައި ދިރާސާކޮށް އަދި ބާގަނޑުތައް ދަނެގަތުން

ހާދިސާ ހިނގިތަނަށް ރެސްކިއު ޓީމްތައް އެންމެ ފުރަތަމަ އައިސް މުޅި ތަނުގެ މަންޒަރު ސާފްކޮށް ދެނެގަންނަން ޖެހޭނެ އެވެ. އެއިގެ ތެރޭގައި އިމާރާތްތަކާއި އެއިގެ އައުކަމާއި ބައު މިންވަރާއި، މީހުން ތާށިވެފައި ތިބެދާނެ ދިމަދިމާ ދަނެގަންނަންޖެހޭނެ އެވެ.

ރެސްކިއު މީހުންތައް ދަނެގަންނަންޖެހޭނީ މީހުން ރައްކާތެރިކަމާއެކު ތިބެދާނެ ތަންތަނެވެ. އެއިގެ ތެރޭގައި މޭޒުތައް ދަށާއި، ބާތް ޓަބް އާއި ސިޑިގޮޅިތަކާއި މިފަދަ މީހުން ތާށިވެފައި ތިބެދާނެ ދިމަދިމާ ބަލަންޖެހޭނެ އެވެ.

އިމާރަތްތަކަށް ލިބިފައިވާ ގެއްލުން ލިބިފައިވަނީ ކިހާވަރަކަށްތޯ ދަނެގަނެ އިތުރަށް އެއިމާރާތްތައް ވެއްޓިދާނެތޯ ލަފާކޮށް އެއިން ރެސްކިއު މީހުންނަށް ނުވަތަ ތާށިވެފައި ތިބެދާނެ ބަޔަކަށް ނުރައްކަލެއް ހުރިތޯ ދަނެގަންނަންޖެހޭނެ އެވެ.

މީގެ އިތުރުން ވެއްޓިފައިވާ ކަރަންޓް ސަޕްލައި ކޭބަލް ތަކާއި، ގޭސް ލީކް ވުމާއި، ފްލަޑް ވުން އަދި ނުރައްކާ މާއްދާތަކަށް ބަލަންޖެހޭނެ އެވެ.

ހާއްސަ ސޫޓް ތަކާއި، އަންގި އާއި، މާސްކް އާއި ހުރެމެ ވައިގެތެރޭގައި އޮކްސިޖަން އަދި ކާބަންޑައިއޮކްސައިޑް ހުރި މިންވަރު ބަލަންޖެހޭނެ އެވެ. މިއީ ހައްތާވެސް ރައްކާތެރިކަމުގެ އާލާތްތަކެވެ.

އެންމެ ކުދި އަޑުތަކަށްވެސް ސަމާލުވުން

އެންމެ ދުރަކުން ވީހާވެސް ކުޑަކޮށް އިވޭ އަޑުތައްވެސް ދަނެގަންނާނެ ހާއްސަ އާލާތްތައް ހުންނަންޖެހޭނެ އެވެ. ރެސްކިއު ޓީމް މެންބަރަކު މީހެއްގެ ހިލަމެއްގެ އަޑެއް އިވޭތޯ މަރުތޭލަކުން ތިންފަހަރު ޖަހާ މަސައްކަތް ކުރާއިރު މުޅި ތަނުގައި ހިމޭންކަން ބާއްވަންޖެހޭނެ އެވެ.

މަތިކޮށް ހުންނަ ކާބަންޑައިއޮކްސައިޑް މިންވަރު ދަނެގަންނަ އާލާތްތައް ބޭނުންކުރާނީ ނޭވާލާ ނަމަވެސް ހޭނެތިފައި ތިބެދާނެ މީހުން ދަނެގަތުމަށެވެ. މި އާލާތް މަސައްކަތް ކުރާނީ ވީހާވެސް ކުޑަ ތަނެއްގައެވެ. އެއީ ކާބަންޑައިއޮކްސައިޑް މިފަދަ ކުޑަ ތަނެއްގައި ހުންނަ މިންވަރުގެ ސަބަބުން ބަޔަކު ނޭވާލައި ދިރިތިބެދާނެ ކަމަށެވެ.

ތާމަލް އިމޭޖް ކެމެރާތަކުން ހަށިގަނޑުގެ ހޫނު މިންވަރު ދަނެގަނެވޭނެތީ އެފަދަ އާލާތާއި ތަމްރީނު ދެވިފައިވާ ކުއްތާތައް މީހުން ހޯދުމުގައި ބޭނުން ކުރެވޭނެ އެވެ.

ގާކުނޑިތައް ސާފު ކުރުމާއި މީހުން ސަލާމަތް ކުރުން

ތާށިވެފައި ތިބެދާނެ މީހުން ސަލާމަތް ކުރާއިރު ނުވަތަ މީހުން ކޮންކްރީޓްތަކުގެ ތެރެއިން ދަމައިގަތުންފަދަ ކަންކަން ކުރާއިރު އެހާލަތެއްގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭނެ އެވެ. މިކަންކުރާނީ ރެކްޓްއެންގިއުލާ ފިލައިގެ ފްރޭމް ގަނޑެއް ކަމަށްވާ ބޮކްސް ކްރިބްއެއް ހަދައި އެ އާލާތް ކޮންކްރީޓްތަކުގެ ދަށަށްވާ ގޮތަށެވެ.

ހައިޑްރޯލިކް ޖެކް ތަކާއި ކޮންނަ އާލާތް ފަދަ ތަފާތު އެތައް ހަތިޔާރެއް ގާކުނޑި، ދަގަނޑު ފަދަ ކުނިބުނި ދުރުކުރުމަށް ރެސްކިއު ކުރާ މީހުން ބޭނުންކުރެ އެވެ. އަދި ވަދެވޭނެ ބާގަނޑެއް ހެދުމާއެކު ވާގިނެތިފައި އޮންނަ މީހާ އުފުލާލުމަށްފަހު ނުވަތަ ދަމައިގަނެ ނުވަތަ ސަލާމަތުން ގެންދާނީ ރައްކާތެރި ހާއްސަ އާލާތްތައް ބޭނުން ކޮށްގެންނެވެ. އިމާރާތުގެ ބޭރުގެ ސްލެބްތައް ކޮންނަ އާލާތުން ކަނޑާލުމަށްފަހު އެތެރޭގައި ތާށިވެފައި ތިބެދާނެ މީހުން ރެސްކިއު ކުރާ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮންނާނެ އެވެ. ކޮންކްރީޓް ކުނިބުނިތައް ކަނޑާލުމަށް ޗެއިންސޯވް އަދި މިނޫންވެސް ވަރުގަދަ އާލާތްތައް ގެންދަންޖެހޭނެ އެވެ.

މީގެ އިތުރުންވެސް ރައްކާތެރިކަމާއެކު ދެވޭނެ މަގުތައް ހިމާޔަތްކުރުމަށް ހިފަހައްޓާނެ އާލާތްތަކާއި ބޮޑެތި އެތިގަނޑުގަނޑު ހިފަހައްޓާނެ ފްލެޓް ބޭގް އެއިގެ ދަށުގައި ވައިޖެހުމަށްފަހު ބާއްވައި ބޭނުން ކުރަންޖެހޭނެ އެވެ.

ތާށިވެފައިތިބޭ މީހުން ނަގާއިރު އެމީހުންގެ ސިއްހީ ހާލަތު ވަޒަންކުރަންޖެހޭނެ އެވެ. އެންމެ ބޮޑަށް އަނިޔާވެފައި ތިބި މީހުން ދަނެގަނެ އެމީހުންނަށް އިސްކަންދޭނެ ގޮތުގެ މަތިން ކަންކަން ކުރަންޖެހޭނެ އެވެ. އާންމު ގޮތެއްގައި އިމަޖެންސީ ފަރުވާ އެންމެ ފުރަތަމަ ދެވޭނީ ސީދާ އެތަނަކު އެވެ.

އޮޕަރޭޝަން ނިންމާލިކަން އިއުލާންކުރުން

ތާށިވެފައި ތިބެދާނެ މަދު ބަޔަކު ހޯދުން ހުއްޓާލުމުގެ ގޮންޖެހުން ބޮޑު އުނދަގޫ ނިންމުން ނިންމާނީ ކޯޑިނޭޓިން އެޖެންސީ އަދި ދައުލަތުގެ ކަމާބެހޭ ފަރާތުންނެވެ.

އާންމު ގޮތެއްގައި ފެން ލިބޭނަމަ އިންސާނަކު ދިރިހުރެވޭނީ 13 ވަރަކަށް ދުވަހަށެވެ. ނަމަވެސް އެވްރެޖްކޮށް ސީރިއަސް ހާލަތަކަށް ބަދަލުވެގެންދާނީ ފަހެއް ނުވަތަ ހަތް ދުވަހުންނެވެ.