ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 5 ފެބްރުއަރީ 2023 އާ ގުޅޭ )

އަމިއްލަ ފިރިމީހާ އެހެން މީހަކާ ޚިއްޞާކުރަމުން އޭނާއަށްވުރެ ފުރިހަމަ މީހަކަށް ވާން ލައިލީ ބޭނުމެއްނޫނެވެ. އެގޮތް އޭނާއަށް ބަލައެއް ނުގަނެވޭނެއެވެ. އެ ވިސްނުން ދެކެ ވެސް ލައިލީ މޭނުބައިކޮށް ފަކުރު ގަނެއެވެ. އެހެން އަންހެނަކު އުފާކޮށްދީފައި އައިސް އެފަދައިން އޭނާގެ ގައިގާ ދަރަކް ބީހެން ކެތްވާނީ ކިހިނެއް ހެއްޔެވެ. އެކަމަށް ކެތްނުކުރެވި ދަރަކްގެ އެދުންތަކަށް ލައިލީ ދެކޮޅު ހަދައިފިއްޔާ އޭރުން އެ ލިބުނީ ދައްކާނޭ އުޒުރެކެވެ. އޭރުން ދަރަކްގެ ބޭނުންތައް ފުއްދުމުގެ ބަހަނާގައި އޭނާ އެހެން އަންހެނެއްގެ ކައިރިޔަށް ދިއުން ފަސޭހަވީއެވެ. އެއާއެކު ދަރަކްއަށް އަވަހަކަށް ގެއަކަށް ނާނޭއެވެ. އަދި ދަރަކް ގެއިން ބޭރުގައިވާ ވަގުތުތަކުގައި ފޯނު ނަގާލެއް ވެސް މަދުވާނެއެވެ. މިހުރިހާ ކަމަކާ ހާސްވެ ފިކުރުބޮޑުވެ އެކަނިވެފައި ގޭގައި އިންނަން ޖެހޭނެ މީހަކީ ލައިލީއެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ނުދިޔަޔަސް އެ ގުޅުމުން ލިބޭނޭ ހިތްހަމަޖެހުމެއް ނޯންނާނެއެވެ.

"ދަރަކް ޗީޓު ކުރާކަމުގެ ހެއްކާއެކީ އޭނާއާ ކުރިމަތިލައިފިނަމަ ދަރަކްއަށް ވިސްނޭނެތަ އޭނާއަށް ހެދުނު ގޯސް. އޭރުން އަހަރެންނަށް އަހަރެން ބޭނުންވާ ދަރަކް ލިބޭނެތަ... މުޅި އުމުރަށް އަހަރެންގެ މީހެއްގެ ގޮތުގައި އަހަރެންދެކެ އެކަނި ލޯބިވާނެތަ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. އެއްފަހަރެއް ކަމަށް މަޢާފު ކުރުން ރަނގަޅު. އެކަމަކު މަޢާފު ކުރުމަށްފަހު އަލުން އަހަންނަށް ދަރަކްއަށް އިތުބާރު ކުރާން ފަސޭހަވާނެތަ." ޚިޔާލުތަކުގައިވީ ލައިލީ ސިއްސުވާލީ ކާމޭޒު މަތިން ފޯނު ވައިބްރޭޓްވާންފެށި އަޑުންނެވެ. އުނދުން ނިއްވާލާފައި އައިސް މޭޒުމަތިން ލައިލީ ފޯނު ނެގިއެވެ.

"ކީކޭ ތަސް." ފޯނުކޯލު ނެގި ގޮތަށް ލައިލީ ބުންޏެވެ.

"ހެލޯ! އޭ! ޔޫން ގުޅިތަ." ތަސްލީމާގެ އަޑުގައިވީ ހާސްކަމެވެ.

"ނުގުޅާ. ކިހިނެއްވީ... ކަމެއްވީތަ." ލައިލީއަށް ވެސް ނިކަން އަވަހަށް އަހާލެވުނެވެ.

"މަވެސް ނަމާދުން ދެންމެ މި ފޭބީ. ފޯނު ބަލާލިއިރު ޔޫން މެސެޖުކޮށްފައި އޮތީ މަރުވާށޭ ބޭނުންވަނީ ކިޔާފައި. އަހަރެން އޭނާއަށް ވަރަށް ގުޅައިފިން. ފޯނެއް ނުނަގާ. ސިޔާއާއި ކިރަން އެކޮޅުގައި ތިބޭނެތީ އެމީހުންނަށް ވެސް ގުޅައިފިން. އެކަމަކު އެ ދެ މީހުން ވެސް އޮފީސް ކަމެއްގައި މާލޭގައި ތިބީ. އިއްޔެ ޕާކަށް ގޮސްފައި އައިފަހުން ހައްތު ވެސް ހުން އައިސްގެން މިއުޅެނީ." ތަސްލީމާ ކަންބޮޑުވެފައި ވާހަކަދެއްކިއެވެ.

"ތަސް. ޑޯންޓް ވޮރީ. އަހަރެން ހިނގައިދާނަން. ދަރަކް ގޭގައި ވެސް އެބައުޅޭ. އަހަރެމެން އެކޮޅަށް ދެވުނީމަ ތަސްއަށް ގުޅާނަން. ފޯނު ހިފައިގެން އުޅޭތި." ލައިލީ ބުންޏެވެ.

ފެންވަރައިގެން ނުކުމެ ދަރަކް އޮތީ އެނދުގައެވެ. ލައިލީ ކޮޓަރިއަށް ވަނުމުން ނިމުނީތޯ އޭނާ އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ތަސްލީމާ ކުރި ފޯނުކޯލުގެ ވާހަކަ ލައިލީ ބުންޏެވެ. ފެންވަރާލައިގެން ނޫނީ ބޭރަށް ނުކުންނާކަށް ލައިލީ ބޭނުމެއްނޫނެވެ. ނަމަވެސް މެދުވެރިވި ހާލަތުގެ ގޮތުން ޔޫންގެ ފުރާނައަށްވުރެ މުހިންމު އެއްވެސް ކަމެއް މިވަގުތު ލައިލީއަށް ނުވާ ކަހަލައެވެ. އޭނާ އަވަހަށް ހެދުން ބަދަލުކޮށްލައި މަތި ހަދާލީއެވެ. ދަރަކް ވެސް އެދުން ފޭބި ގޮތަށް ނިކަން އަވަހަށް ތައްޔާރުވެލައިފިއެވެ. ދެމަފިރިން އެކުގައި އެޕާޓްމެންޓުން ނުކުތީ ހުޅުމާލެއަށް ދާށެވެ.

ސައިކަލު މަތީ އިނދެގެން ޔޫންއަށް ލައިލީ މެސެޖު ކުރަމުން ދިޔައެވެ. ފޯނު ނުނަގާ ތަނުގައި މެސެޖެއް ވެސް ޔޫން ނުބަލައެވެ. ކަންބޮޑުވެ ހާސްވެފައި އިންވަރުން ލައިލީއަށް ކުދިކިޔާލެވުނެވެ. ރާސްތާ މާ ދިގުވެއްޖެހެން ވެސް ހީވަނީއެވެ. އެވަގުތު ދަރަކް ވާހަކަދެއްކިއެވެ.

"ކާމް ޑައުން ލައި. ދެރަގޮތެއް ނުވާނެ. ޝީ ވިލް ބީ ފައިން." ދަރަކް ކުރިއަށްވުރެ ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. ދަރަކްގެ ވާހަކަ ލައިލީ ޤަބޫލުކުރިއެވެ. އޭނާ ވެސް އެދެނީ ޔޫންއަށް ދެރަގޮތެއް ނުވުމެވެ. ހަމައެއާއެކު ލައިލީއަށް ވިސްނާލެވުނެވެ. އޭނާ ހާސްވެ ކަންބޮޑުވެގެން އުޅޭ ވަގުތުތަކުގައި ދަރަކްގެ އޯގާތެރި އެންމެ ބަހެއް ވެސް އޭނާގެ ނަފްސު ހަމައަކަށް އެޅުމަށް ޓަކައި ފުދެއެވެ. ލައިލީއާއެކު ދަރަކް ހުރިކަން އިޙްސާސް ކޮށްދެއެވެ. އެއްވެސް ބުރައެއް ލައިލީ އެކަނި އުފުލަން ނުޖެހޭނެކަމެވެ. އެއީ ވެސް ދަރަކްއާ ވަކިވާން ލައިލީ ބޭނުންނުވާ ސަބަބެކެވެ. އެ އޯގާތެރިކަމާއި އެއްބާރުލުމާއި ގާތްކަމަށް ލައިލީ ބޭނުންވުމަކީ އޭނާގެ ބަލިކަށިކަން ބާއޭ ވެސް ބައެއްފަހަރު ލައިލީ ހިތަށް އަރައެވެ. ހަޤީޤީ އުފާވެރިކަމަކީ ކޮބާ ބާއެވެ. އުފާވެރި ހަޔާތެއްގެ ލަނޑުދަނޑިއަކީ ކައިވެނިނަމަ، އެ ކައިވެނީގެ އަމާޒަކަށް ވާން ޖެހޭނީ ކޮންކަމެއް ބާއެވެ.

ދަރަކް ސައިކަލު މަޑުކޮށްލުމާއެކު ލައިލީ ފައިބައިފިއެވެ. ލައިލީއާއެކު އަންނަން ދަރަކް ބޭނުންވެ އެކަމަށް ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް ދަރަކް ގާތުގައި ލައިލީ އެދުނީ މަޑުކުރުމަށެވެ.

"ޔޫންއަށް ވެގެން އުޅެނީ ކިހިނެއްކަމެއް އަދި ނޭނގެ. އަހަރެން ފުރަތަމަ އެޕާޓްމެންޓަށް ވަންނާނީ. ދަރަކްގެ އެހީއެއް ބޭނުންވެއްޖެނަމަ ގުޅާނަން." ލައިލީ ބުންޏެވެ.

"އޯކޭ. ބަލައިގެން އަރާތި." ދަރަކް މިހެންބުނެ ލައިލީ ގޮސް ލޯ މަތިން ގެއްލެންދެން ބަލަން އިނެވެ.

އެޕާޓްމެންޓްގެ ބެލްއަށް ލައިލީ ފިތާލިއެވެ. ޔޫންއަށް ގޮވާލިއެވެ. ދޮރުގެ ތަޅުގައި ހިފާލި ހިނދު ދޮރު ހުޅުވިއްޖެއެވެ. އިތުރަށް ލައިލީ ކަންބޮޑުވިއެވެ. ހަލުވިކޮށް އެޕާޓްމެންޓް ތެރެއަށް ލައިލީ ދެމިގަތެވެ. ޔޫންއަށް ގޮވަމުންނެވެ. ނަމަވެސް ލައިލީގެ ފިޔަވަޅު ހުއްޓުނީ އެޕާޓްމެންޓް ތެރެއަށް ވެރިވެފައި އޮތް އަނދިރިކަމުންނެވެ. ހިންދިރުވާލެވުނުއިރު ލައިލީގެ ހިތުގެ ހިނގުން އަވަސްވެފައި ވިއެވެ. ލައިލީ މަޑުމަޑުން ކުރިޔަށް އައެވެ. ފޯނުން ފާރުތަކަށް އަލިކުރަމުންނެވެ. ސުވިޗު ފެނި އެ ޖައްސަން ލައިލީ އުޅުނު ވަގުތު ތޫނު އެއްޗަކަށް ފައިން އެރުނެވެ.

"އައުޗް." ލައިލީ ފައި ހިއްލާލިއެވެ. އަދި އަވަހަށް ފާރުގައިވި ސުވިޗު ޖެއްސިއެވެ. މުޅިތަން އަލިވެގެން ދިޔައެވެ. ތަން އޮތް ހާލު ލައިލީއަށް ފެނުނީ އެވަގުތެވެ.

ތަށިތަކާއި މާވަށިގަނޑުތައް ތަޅައިގެން ގޮސް ތަޅުންމަތީ އެތަން މިތަނަށް ބުރައިގެން ގޮސްފައި ވެއެވެ. ބިއްލޫރި ފެންޖަގު ވެސް އޮތީ ތަޅުންމަތީ ހަމަ އެހާލުގައެވެ. އެ ހިސާބުގައި އޮތީ ހުސް ފެނެއެވެ. ލައިލީއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޔޫން ކޮބާބާއޭ ހިތަށް އެރިއެވެ. ގޭތެރެއިން ފެންނަމުން ދިޔަ ހާލަތުގެ އަސްލަކީ އިދާންގެ ރުޅިގަނޑުބާއޭ ލައިލީ ހިތަށް އެރިއެވެ. އެހެންވިޔަސް އެ ޢަމަލު ލައިލީއަށް ކުށްވެރި ކުރެވުނެވެ. އިދާންގެ މަތިން ހަނދާންވުމުން ކުރިޔަށް ދާން ލައިލީ ފަސްޖެހުނެވެ. ދަރަކްއަށް ގުޅަން އޭނާ ހިތަށް އެރިއެވެ. ނަމަވެސް ފޯނު ނެގި ވަގުތު ބަދިގެތެރެއިން އަޑެއް އިވުނުހެން ހީވެ ލައިލީއަށް އެ ދިމާއަށް ދެވުނެވެ.

"ޔޫން." ކަބަޑު ސެޓު ކައިރީ ކަނެއްގައި ދެފައި ކުރުކޮށްލައިގެން ހުއްޓުން އަރާފައި އިން ޔޫން ފެނުނީ ދެނެވެ. ވަގުތުން އެކުވެރިޔާގެ ގާތަށް ލައިލީ އައެވެ. އޭނާއަށް އިވުނު އަޑަކީ ފޯނަށް މެސެޖު އައިމާ ވައިބްރޭޓްވާ އަޑުކަން ލައިލީއަށް އެނގުނީ ޔޫންގެ ފައިކައިރީ އޮތް ފޯނު ދިއްލުނީމައެވެ.

"ޔޫން. ކީއްވެފަ ތިއިނީ. މީ ލައިއޭ... ޔޫން ބަލާބަލަ." ޔޫންގެ ކޮނޑުގައި އަތްޖައްސާލަމުން ލައިލީ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.

ސިހުމުގެ އަސަރު ޔޫންގެ ފުށުން ފާޅުވިއެވެ. އޭނާ މަޑުމަޑުން މޫނު އަނބުރާލައި ލައިލީއަށް ބަލާލިއެވެ. ޔޫންގެ ދެ ލޮލުން ފާޅުވޭވޭ ހުރި ހުސްކަން ލައިލީގެ ހިތް ހާސްކުރުވިއެވެ. ދިރިހުރުން މަތިން ޔޫން ފޫހިވެފައިވާ ކަހަލައެވެ. ޔޫންގެ ދެކޮނޑުގައި ލައިލީ ހިފަހައްޓާލައި އަނެއްކާވެސް އެކުވެރިޔާގެ ނަމުން ގޮވާލިއެވެ.

"ލައި... ލައިތަ ތީ..." ޔޫން ޔަގީންނުވެފައި އިނދެ އަހާލިއެވެ.

"އާން. ލައި މީ... ލައިލީ މީ." ނިކަން އަވަހަށް ލައިލީ ބުންޏެވެ. ޔޫންގެ ދެ ލޯ ކަރުނުން ފުރުނީ ދެނެއެވެ.

"ލައި. މީހުންނަށް އުނދަގޫކޮށް ތަކުލީފަކަށް ވާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު އަހަންނަށް އެނޫންކަމެއް ނުކުރެވޭ. ރަނގަޅަށް ކަމެއް ކުރާކަށް އެނގެނީއެއް. އައި އޭމް ވޯތްލެސް." ރޮމުން ހެމުން ޔޫން ވާހަކަދެއްކިއެވެ.

ޔޫންގެ ގައިގާ ލައިލީ ބައްދާލިއެވެ. ނަފްސާނީ ޢިލްމު އުނގެނިފައި ނެތަސް އެކުވެރިޔާ އެ އިނީ ވަރަށް ނާޒުކު ހާލެއްގައިކަން ދެނެގަންނަން ލައިލީއަށް އެނގެއެވެ. ލައިލީގެ ކޮނޑުގައި ޔޫން ބޯއަޅާލި ގޮތަށް ބާރަށް ރޯން ފެށިއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ގޭތެރެއަށް މީހަކު ވަންކަމުގެ ހިލަންވީ އެވަގުތެވެ. ޔޫންގެ ގައިގާ ބާރަށް ހިފަހައްޓާލައިގެން އިނދެ ލައިލީ ބަލާލިއެވެ. އިދާންކަމަށް ހީކޮށެވެ. ނަމަވެސް އެޕާޓްމެންޓް ތެރެއަށް ވަދެގެން އައިސް ލައިލީއާއި ޔޫން ފެންނަ ހިސާބުގައި ހުއްޓިލީ ނޫރީއެވެ.

"ނޫރީ." ލައިލީ ގޮވާލިއެވެ.

"ތަސް އަހަންނަށް ވެސް ގުޅީ. ޔޫން ފޯނަށް ޖަވާބެއް ނުދީ އަހަރެން ވެސް މިއައީ." ނޫރީ ބުންޏެވެ. އޭނާ ވެސް އެ އައީ ވަރަށް އަވަސް އަރުވާލާފައިކަން ހުރި ގޮތުން ދޭހަވެއެވެ. ބޮލުގައި ހުރި ހުޅިއާއި ގޭގައި ލައިގެން އުޅޭ ހަރުވާޅާއި ޓީޝާޓުގަނޑާއެކީއެވެ. ނޫރީ އައިސް ޔޫންއާ ކުރިމަތިވާނޭހެން ކުޑަކަކޫ ޖަހާލިއެވެ. ޔޫންގެ ދެއަތުގައި އޭނާ ހިފާލުމާއެކު ވާހަކަދެއްކިއެވެ.

"އިދާން ދޯ މިތަނަށް މިހާވަރު ކުރީ." ނޫރީ ސުވާލުކުރިއެވެ. އެއާއެކު ކަންތައް ހިނގާ ދިޔަ ގޮތް ހަނދާންވެ ޔޫން ފިނިވިއެވެ. އަވަސްއަވަހަށް ދެއަތް ދެއަތާ މޮޑެންފެށިއެވެ. ލޮލުން ކަރުނަ އައުން ވެސް ހުއްޓިއްޖެއެވެ.

"އިދާން ރުޅި އަންނަ ގޮތަށް އަހަންނަށް ކަންތައްތައް ކުރެވެނީ. އެއްވެސް ކަމެއް އަހަންނަށް ރަނގަޅަށް ކުރާން ނޭނގެންޏާ ރުޅި ވެސް އަންނާނެއެއްނު..." ޔޫންގެ ނަމުން ނިކަން ބާރަށް ގޮވާލަމުން އޭނާގެ ވާހަކަ ނޫރީ މެދުކަނޑާލިއެވެ.

"އަހަރެން ނުބުނަންތަ ކަންކަން ބަލައިނުގަންނަ މީހަކަށް ދުވަހަކުވެސް ރަނގަޅަށް ކަމެއްކޮށް ނުދެވޭނޭ. އެއީ ފިރިމީހާއަށް ވިޔަސް އަދި ތިމާ ގެންގުޅެ ބޮޑުކުރި މައިންބަފައިން ކަމަށް ވިޔަސް... ކަންކަން ރަނގަޅު ކުރަން ޔޫން މަސައްކަތް ކުރޭ. ވީއިރު އެކަކަށް ވެސް ނޯންނާނެ ހައްޤެއް ޔޫންއަކީ ބޭކާރު މީހެކޭ ބުނުމުގެ. ޔޫ އާ ނޮޓް އަ ފެއިލިއާ." ނޫރީ ޔަގީންކަމާއެކު ވާހަކަދެއްކިއެވެ.

ނޫރީ އައިކަން ނަސީބެކޭ ލައިލީ ހިތަށް އެރިއެވެ. ނޫރީ ފަދައިން ވާހަކަދައްކާކަށް އޭނާއަކަށް ނޭނގޭނެއެވެ. އެކުވެރިޔާގެ ވާހަކައިން ލައިލީ ހަނދާންވީ ސްކޫލު ދުވަސްވަރެވެ. އެ އެންމެންގެ އެކުވެރިކަން ފެށިގެން އައީ ސްކޫލުންނެވެ. ކިޔެވުމުގައި ވެސް އެންމެންނަށްވުރެ ބުރަކޮށް މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ޔޫން ނެރޭނެއެވެ. އެހެންވިޔަސް އޭނާގެ މައިންބަފައިން ހިތްހަމަޖެހޭ ނަތީޖާއަކަށް އެ ނަތީޖާ ނުވެއެވެ. ޔޫން ކުރާ ކަންކަން އެމީހުން ބަލައިގަނެ ހިތްވަރުދޭތަނެއް ނުފެންނާނެއެވެ. އެކަމަކު ޔޫންގެ މަންމައާއި ބައްޕައަކީ މޮޅަށް ކިޔަވައިގެން ތިބި މަތީ މަޤާމުތައް ފުރަމުންދާ ގިނަބަޔަކު ދަންނަ ބައެކެވެ. މީހުންގެ ރުހުން ހޯދައި އެމީހުން ފާޑުނުކިޔާނޭ ގޮތަށް އުޅޭން ޔޫންއަށް މުހިންމުވީ އޭނާގެ މައިންބަފައިންގެ ސަބަބުން ކަމުގައި ލައިލީއަށް ޤަބޫލުކުރެވެއެވެ. އެކަމުގެ ސަބަބުން ޔޫންގެ އަމިއްލަ އަޑު އެވަނީ ހިމޭންވެފައެވެ. އޭނާގެ ބޭނުންވާގޮތް ޚިޔާރުކޮށްފިނަމަ އެންމެން އޭނާ ކުށްވެރިކޮށް ބާކީކޮށްލާނޭ ހީވެ ބިރުގެންފައެވެ.

"އަހަރެން ވަޒީފާއަކަށް ދަނީއެއްނޫން. އިދާން އޮފީހުގައި ބުރަކޮށް އުޅެފައި އަންނައިރު ރަނގަޅު ކާއެއްޗެއް ވެސް ހެދެނީއެއްނޫން." ޔޫން އިސްޖަހާލައިގެން އިނދެ ބުންޏެވެ.

"ބަނޑުބޮޑު އިރު ބައެއް އަންހެނުންނަށް ދިމާވާގޮތެއް އެއީ. ކޮންމެ ވަހެއް ޖެހުނަސް ހޮޑުލެވޭނެ... އެއީ ޔޫން ގަސްދުގައި ކުރާކަމެއްނޫން." ނޫރީ ބުންޏެވެ.

"ބަނޑުބޮޑުވުމަކީ ބޮޑު ބައްޔެއް ވުމެއްނޫނެއްނު. ބަނޑުބޮޑު ވިޔަސް ގޭގައި އަހަރެން ހުރެ ގޭތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ކޮށްފައި ބަހައްޓަންވާނީ. އެއީ އަހަރެންގެ ޒިންމާއެއް..." ޔޫންގެ ވާހަކައިގެ މިސްރާބު އެއްގޮތަށް ވެސް ނޫރީއަށް ކަމަކު ނުދިޔައެވެ. ލައިލީ ވެސް އިނީ ޔޫންގެ ވިސްނުން ހުރި ގޮތުން ހައިރާންވެ އަޖައިބުވެފައެވެ. ޔޫންއާމެދު އިދާން ކަންތައްކުރާ ގޮތް ދެނެގަންނަން އެމީހުންނަށް އުނދަގުލެއްނުވިއެވެ. ޔޫން އެ ދައްކަނީ އިދާން އޭނާއާ ދިމާއަށް ބުނާ ވާހަކަތައްކަން ނޫރީއާއި ލައިލީއަށް ވެސް ފަހުމްވެއެވެ.

"ޔޫން. މިއަދު ކިހިނެއްވީ؟. މިހާވަރު އިދާން ކުރީ ކީއްވެ." ލައިލީ އަހާލިއެވެ.

"އިދާން އޮފީހުން އަންނަންވާއިރަށް ކާން ތައްޔާރު ނުކުރެވުނީ. ކައްކަން އޭރު ހުރީ. އައި އިރު ވެސް ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައިހެން ހީވަނީ. އަހަރެން ބަރަބޯ ރިހަކޮޅެއް ހެދީ. އިދާނަށް ކަމަކުނުދިޔަ... ދެން ރުޅިއައިސްގެން އެއްޗެހި ކިޔަން ފެށީ. ބަނޑުހައިވެގެން އަންނައިރު ރަނގަޅު ކާއެއްޗެއް ނުހުންނާނެއޭ. މޭޒުމަތީ ހުރިއްޔާ ހުރި އެއްޗެއް ތަޅާލާފައި ނުކުމެގެން ދިޔައީ. އަހަރެން ކައްކާ އެއްޗެއް ކާކަށް ބޭނުމެއްނެތޭ ކިޔާފައި. އެއްކަމެއް ވެސް ރަނގަޅަށް ކުރާކަށް ނޭނގޭނޭ." ޔޫން މޫނުގައި ދެއަތް އަޅައި ފޮރުވާލިއެވެ. އެކުވެރީންގެ ކުރިމަތީ އޭނާ ލަދު ވެސް ގަތީއެވެ. އޭނާއާއި އިދާންގެ ދިރިއުޅުން އެހާ ގޯސްކަމެއް އެކުވެރީންގެ ކުރިމަތީގައި ޔޫން ހާމައެއް ނުކުރެއެވެ.

"އަހަންނަށް އެނގޭ ފިރިމީހާގެ ބަސްއަހާ އަނތްބަކަށް ވާންކަން ޔޫން ބޭނުމީ. އެކަމަކު އަނބިމީހާއަކީ ފިރިމީހާ ރުޅިއަންނަ ފަހަރަކު އެ ރުޅިގަނޑު ބާލަން ހުރި މީހެއްނޫން. ހިތަށް އައިހާ އެއްޗެއް ގޮވަން ހުރި މީހެއްނޫން. ޔޫން އެއްޗެކޭ ނުބުނެ އިދާން ބުނިހާ ގޮތެއް ހަދަން މަސައްކަތް ކުރާއިރު އޭނާއަށް އެ ލިބެނީ ހިތްވަރު އޭނާ ބޭނުންހާ ގޮތަކަށް އުޅޭން. އިދާން އެނގޭ އޭނާ ކޮންމެ އެއްޗެކޭ ކިޔަސް ޔޫންއަކަށް ނުކެރޭނެކަން ދެކޮޅަށް އެއްޗެއް ބުނާކަށް. އިދާން ދެކެ ރުޅި އަންނާކަށް ވެސް. އެހެން ނުހަދާ. އިދާން ގޯސްކަމެއްކޮށްފިއްޔާ ޔޫން ނުކެރިފަ ހުރެގެން ނުވާނެ. އަނބިމީހާގެ ޤަދަރުކުރާން ނޭނގޭ ފިރިއަކަށް އެކަން ދަސްކޮށްދޭން އެނގޭނީ ވެސް އަނތްބަކަށް." ނޫރީ ބުންޏެވެ. މޫނުން އަތް ނަގައި ނޫރީއަށް ޔޫންއަށް ބަލާލިއެވެ.

"އަހަންނަށް ކޮންކަމެއް ކުރެވޭނީ." ޔޫން ބުނެލިއެވެ. އޭނާގެ ވިސްނުމުގައި ފިރިމީހާގެ ކުރިމަތީ އަނބިމީހާއަށް އެއްވެސް ބާރެއް ލިބިފައެއް ނުވެއެވެ. އަނތްބަކަށްވުމަށް ފިރިމީހާ އެދޭހާ ގޮތަކަށް ކަންތައްކުރާން އަނބިމީހާއަށް ޖެހޭނެއެވެ.

"ޔޫން ހެޕީތަ މި ދިރިއުޅުމާމެދު. މިބުނީ އިދާންއާއެކީ." ނޫރީ އަހާލިއެވެ.

"ނޭނގެ. ގައިމުވެސް މެރީ ކުރީ ލޯބިން." ޔޫން ބުންޏެވެ. އޭނާގެ ހަޔާތް އުފާވެރިކަން ޔޫންއަށް ބުނެދޭކަށް ނޭނގެއެވެ. ކައިވެނިކޮށް ދެމަފިރިން މާމުއިހަނދުވަރުގެ ދުވަސްތައް ވޭތިވެގެން ދިޔައީ އަމާންއޮމާންކަމާއެކު އެހާމެ އުފާވެރި ގޮތުގައެވެ. ދިރިއުޅުމަށް ބަދަލު އަންނަންފެށީ އޭގެ ފަހުންނެވެ.

"ޔޫން. ކިހިނެއް ހަދަން ބޭނުންވަނީ. އިދާންއާ ދުރަށްދާންތަ ނޫނީ އޭނާއާ ކުރިމަތިލާންތަ." ނޫރީ ނިކަން ސީރިއަސްކޮށް އަހާލިއެވެ.

"ދުރަށް ދާކަށް ބޭނުމެއްނޫން. އެހެންނޫނަސް އަހަރެން އެނބުރި ހިނގައްޖެނަމަ މަންމަމެން ވަރަށް ރުޅި އަންނާނެ. އެމީހުން އަހަންނަށް އެއްބާރުލުން ދޭނެހެން ހިޔެއްނުވޭ. އަނެއްކޮޅުން އަހަރެން މިއިނީ އިދާންގެ ދަރިއަކަށް ބަލިވެ. ހުރިހާ ވަގުތަކު އިދާން ރުޅިއައިސް އެއްޗެހި ކިޔައެއްނޫޅޭ... އޭނާއަކީ ގޯސް މީހެއްނޫން. އަހަންނަށް އެނގޭ އަހަރެންދެކެ އިދާން ލޯބިވާކަން." ޔޫން ބުންޏެވެ.

"އެހެންވީރު އިދާންއާ ކުރިމަތިލައި އޭނާއަށް ޔޫންއާ މެދު ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވޭނެކަން ބުނެދޭންވީ." ނޫރީ ބުންޏެވެ.

"އެކަމަކު ކިހިނެއް؟. އިދާން އަޑު އަހާނެތަ؟." ޔަގީންކަމެއް ނެތް ފަދައަކުން ޔޫން ބުންޏެވެ.

"ހުރިހާކަމެއް ފުރިހަމައަށް ވަމުން އައިސް އެކަންކަން ދިރިއުޅުމުން އުނިވީމާ އެކަހަލަ ފިރިހެނުންނަށް އުޅޭން ވަރަށް އުނދަގޫވާނެ. އޭރުން އޭނާއަށް ވިސްނޭނެ ޔޫންގެ މުހިންމުކަން. ގަލަމަކާއި ކަރުދާސްކޮޅެއް ގެނެސްދީބަލަ. ދުވަސްކޮޅަކަށް ޔޫން އަހަރެންގެ ގެއަށް ހިނގާ. އަހަންނަށް އުނދަގުލެއްނުވާނެ. އިތުރު ކޮޓަރިއެއް ހުންނާނެ. ޔޫންއަށް އެތަނުގައި ހުރެވޭނެ. އަހަރެމެން ދާނީ އިދާނަށް މެސެޖެއް ލިޔެފައި. އޭރުން އޭނާއަށް އެނގިފައި އޮންނާނީ ޔޫން ހުރީ ކޮންތާކުކަން އަދި ކީއްވެކަން ދިޔައީ." ނޫރީ ބުންޏެވެ.

"ނޫން. އޭރުން އިދާން ވަކިން ރުޅި ގަދަވާނީ." ޔޫން ކަންބޮޑުވުމާއެކީ ބުންޏެވެ.

"އެކަމުގެ ފައިދާ އަހަރެން މި ނަގަނީ. ޔޫންއާ ނުލާ ނޫޅެވޭނެކަން އޭނާއަށް އޭރުން އެނގޭނެ. އަމިއްލައަށް އެއްކަމެއް ވެސް ކުރަން އެނގެނީއެއްނޫން." ނޫރީ ބުންޏެވެ.

"އެކަމަކު އޭރުން... އިދާންއަށް ވަރަށް އުނދަގޫވާނެ. އޭނާއަކަށް ނޭނގޭނެ އެއްޗެހި ހުންނާނެ ތަންތަނެއް. އަނެއްކާ ހެދުނު އޭނާ ތެދުވާނީ އަހަރެން ގޮވީމަ. އެލާމަކުން އޭނާއަކަށް ނުހޭލެވޭނެ." ޔޫންއަށް ބުނެވުނެވެ.

"އުނދަގޫކޮށްލުމޭ ބޭނުމަކީ. ހަމަ ރުޅި އަންނައިރަށް އޭނާ ބޭނުންހާ ގޮތަކަށް ކަންތައް ކުރާއިރު ޔޫންއާ މެދު ވިސްނާލަނީއެއްނޫން. މިހެން ހެދީމާ ދެން އެނގޭނެ ރުޅިއައިސްގެން އޭނާއަށް މިފަހަރު މޮޅެއް ނެތްކަން. އޭނާ ޔޫންގެ ކައިރިން މަޢާފަށް އެދުން ނޫންގޮތެއް ނޯންނާނެ." ނޫރީ ބުންޏެވެ.

"އޭނާ މަޢާފައަށް އެދޭނެތަ. އަހަންނަށް ހިޔެއްނުވޭ. ވަރިވެއްޖެއްޔާ ކިހިނެއް ހަދާނީ. މަންމަމެން ރުޅި އައިސްގެން އަހަންނަށް އަޅާނުލައިފިއްޔާ އަހަރެން ދާނޭ ތަނެއް ނުހުންނާނެ. އިދާން ގޮސް މަންމަމެން ކައިރީ ކިޔައިފިއްޔާ." ޔޫން ހާސްވެފައި ވާހަކަދެއްކިއެވެ.

"ޔޫން. ތި ވިސްނުން ބަދަލުކުރޭ. އިދާންގެ ކުރިމަތީގައި ޔޫންއެކޭ ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏެކޭ ތަފާތެއްނެތް. އޭނާ ހީކުރަނީ ޔޫންއަށް ދުވަހަކުވެސް ނުކުރޭނޭ އެ ކޮށިން ނުކުންނާކަށް. އޭނާ ކޮންމެ ގޮތެއް ހެދި ކަމުގައި ވިޔަސް ޔޫން އަބަދުވެސް އިންނާނީ ކިޔަމަންތެރިކަމާއެކު ރުހިގެންނޭ. އެކަމަކު އެއްފަހަރު ވެސް ޔޫން ނިކަން އެއީ ދޮގެއްކަން ސާބިތުކޮށްދީފިނަމަ އޭރުން އޭނާ ޖެހިލުންވާނެ މިހާރު ކަންތައް އެކުރާ ގޮތަށް ޔޫންއާ މެދު ޢަމަލުތައް ބަހައްޓަން. އެހެންވީމަ ހިނގާ. އެންމެ ދުވަހަކަށްވިޔަސް މިތަނުން ބޭރަށް، އިދާންއާ ދުރަށް ހިނގާ. ޔޫން ގެއްލިދާނެކަމުގެ ބިރު އިދާންގެ ހިތުގައި އުފެދޭނީ އޭރުން. ޔޫން... ޔޫ ހޭވް ޓު ފައިޓް ޔޯ އޯން އެންޒައިޓީ އެންޑް ވީކްނެސް. އިދާންގެ މުށަށް ލައި ބާރުކޮށްގެން ޔޫން ގެންގުޅެނީ އޭނާއަށް ޔޫން މުހިންމުވީމަ. މީ އެކަމުގެ ފައިދާ ނަގަންވީ ވަގުތު. އޭނާއަށް ވިސްނޭނީ އޭރުން." ނޫރީ އަޑަށް ބާރުލައި ބުންޏެވެ.

އެ މަންޒަރު ބަލަން އިން ލައިލީއަށް ނޫރީގެ ވާހަކަތަކާމެދު ވިސްނާލެވުނެވެ. ނޫރީ ބުނިހެން ހާލަތު ބަދަލުވާން އެދޭނަމަ ފުރަތަމަ ބަދަލުވާން ޖެހޭނީ ތިމާއެވެ. ތިމާ ވިސްނާ ގޮތާއި އާދަތަކެވެ. ކަންކަން އިތުރަށް ގޯސްވާން ނޭދޭތީ އަޅާނުލާ ހުރުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. ބޭއިންސާފުން އަނިޔާ ލިބޭއިރު ވެސް ލޯބިވާތީއޭ ކިޔާފައި އެ އަނިޔާއަށް ކެތްކޮށްގެން ހުންނަނަމަ އަނިޔާކުރާން ހިތްވަރު ދިނުމެކޭ އެއްފަދައެވެ.

ޔޫންގެ ފޮށްޓަށް އެއްޗެހި އަޅައިގެން ނޫރީއާއެކު ޔޫން ނުކުތެވެ. އިދާން އެނބުރި އަންނަން ވާއިރަށް ޔޫން ގޮވައިގެން ދާން ނޫރީ ނިންމީއެވެ. އޭނާ ޔޫން ކައިރިން އެދުނީ އިހަށް އިދާން ގުޅިޔަސް ފޯނު ނުނެގުމަށެވެ. ޔޫން ގެނެސް ދިން ނޯޓުފޮތުން ގަނޑެއް ނައްޓާލައި އޭގައި އިނގިރޭސި ބަހުން ނޫރީ މެސެޖެއް ލިޔުނެވެ. އިދާންގެ ރުޅިއާއި ޔޫންއާ މެދު ގެންގުޅޭ ރަވައްޔާ ބަދަލުނުކުރަނީސް އެނބުރި ނާންނާނަން ކަމުގައި އެ މެސެޖުގައި ވިއެވެ. ނޯޓު ފޮތުގެ ދަށަށް ކަރުދާހުގެ އެއްބައި ލައްވާލައި އިދާންއަށް ފަސޭހައިން ފެންނާނޭހެން ކާމޭޒުމަތީ ބޭއްވިއެވެ. އަދި ތިން އަންހެނުން އެކުގައި އެ އެޕާޓްމެންޓުން ނުކުތީ އެތަން އެ އޮތް ގޮތަށް ބާއްވާފައެވެ. އިދާން ހޭވި ހަޑި އިދާން ސާފުކުރާން ބަހައްޓާށޭ ނޫރީ ބުނީއެވެ.

ނޫރީ ކާރާ ދިމާއަށް ހިނގައި ގަތުމުގެ ކުރީން އެމީހުންނާއެކު އަންނަން ލައިލީ ގާތު އެދުނެވެ. ސައިކަލު މަތީ އިން ދަރަކްއަށް ލައިލީ ބަލާލިއެވެ. ފިރިމީހާ ކައިރީ ބުނެލާފައި އަންނަން އޭނާ ހިނގައިގަތެވެ. ނޫރީ ދިޔައީ ކާރު ނަގައިގެން އަންނާށެވެ.

"އަހަރެން ކީއްކޮށްދޭންވީ." ލައިލީ އައުމުން ދަރަކް ނިކަން އަވަހަށް އަހާލިއެވެ.

"ނޫރީ ބުނީ ކާރުގައި ޔޫންއާއެކީ އެގެއާ ހަމައަށް އައިސްދޭންވީނޫންހޭ." ލައިލީ ބުންޏެވެ.

"އޯކޭ. އަހަރެން ކާރު ފަހަތުން ދާނަން. ޔޫން ކިހިނެއް." ދަރަކް އަހާލިއެވެ.

"ގެއަށް ގޮސް އެވާހަކަދައްކާނީ." ލައިލީ ބުނެލިއެވެ. އެއާއެކު ދަރަކް ބޯޖަހާލިއެވެ.

(ނުނިމޭ)