އިއްޔެ ހަވީރު ކުޅުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީގައި އިއްޔެ ހަވީރު ކަލާފާނު ސްކޫލް ވަނީ ކ. ގުރައިދޫ ސްކޫލާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން މެޗަށް ފަހު ގުރައިދޫ ސްކޫލް ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގައި ރެފްރީ އަށް ހަމަލާދީފަ އެވެ. ރެފްރީ އަށް ހަމަލާ ދިނުމުގައި ގުރައިދޫ ސްކޫލް ޓީމުގެ ކުއްޖަކު ވެސް ބައިވެރިވި އެވެ.
ގުރައިދޫ ސްކޫލް ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލާ ގުޅިގެން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލު ކުށްވެރިކޮށް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ، އެފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ އަދި އަހްލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތަކަށް ވެފައި، އެ ހައިސިއްޔަތުން ބައިވެރިވާ އެއްވެސް ފަރާތަކުން ކުޅިވަރުގެ ރޫހާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.
"...އިއްޔެގެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް މިމިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސްކުރަން" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މެޗަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ހިނގާދިޔަ ހަމަނުޖެހުން ބަލައި ވަރަށް އަވަހަށް އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ސެމީ ފުރަތަމަ މެޗުން މޮޅުވި ކަލާފާނު ސްކޫލް ފައިނަލުގައި ވާދަކުރާނީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވި ރެހެންދި ސްކޫލާ އެވެ. ސެމީގައި ރެހެންދި ސްކޫލް ރޭ ވަނީ އިމާދުއްދީން ސްކޫލް 4-1 އިން ބަލިކޮށްފަ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.