ޖުމްހޫރީ ޕާޓީ

ޖޭޕީގެ ލީޑަރުގެ މަގާމު އުވާލާ ރައީސެއް ހޮވަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސްގައި އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމު އުވާލާ ޕާޓީއަށް ރައީސަކު އައްޔަންކުރަން ނިންމައިފި އެވެ.

ކުރިއަށް އޮތް ޖޭޕީގެ ކޮންގްރެސްގައި ޖޭޕީގެ ހިންގާ ގަވައިދު އިސްލާހު ކުރާއިރު މިބަދަލު އަސާސީ ގަވައިދަށް ގެނައުމަށް ވަނީ ނިންމާފަ އެވެ. އަދި ޖޭޕީގެ ކައުންސިލަށް ބޭފުޅުން ހޮވުންވެސް ކޮންގްރެސްގައި ކުރިއަށްދާނެ އެވެ. އޭގެފަހުން އާ ކައުންސިލުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް ނިންމާނެ އެވެ.

ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ ޕާޓީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން ގަވައިދު އިސްލާހު ކުރުމަށް މިއަދުގެ ވަގުތެއްގައި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިވަގުތު ޖޭޕީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޕާޓީ އުފެދުނީއްސުރެ ގާސިމް ހުންނަވަނީ ޕާޓީގެ ލީޑަރުގެ މަގާމުގަ އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ޕާޓިގެ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ ޕާޓީގެ ލީޑަރުކަމުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމް އާއެކު އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށްވެސް ޖޭޕީގެ ލީޑަރު ގާސިމް ކޮންމެވެސް އެއްބަޔަކާއި ކޯލިޝަން ހައްދަވަ އެވެ. އަދި އެންމެ ފަހުން ނިމުނު ރިޔާސީ އިންތިހާބު ފިޔަވާ އެހެން ހުރިހާ އިންތިހާބެއްގައިވެސް ގާސިމް ވަނީ ވާދަކުރައްވާފަ އެވެ.