މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މަޝްރޫއުތައް މޮނިޓާކުރަން މިނިސްޓަރު އަސްލަމް އައްޑޫއަށް ބަދަލުވަނީ

އައްޑޫގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ގާތުން ބަލައި، މަސައްކަތް އަވަސްކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުޑަ ދުވަސްކޮޅަށް އައްޑުއަށް ބަދަލުވާން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ގޮތުން މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު އައްޑޫ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މި މައްސަލަތައް ބަލައި، ހައްލުކޮށް މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑޫ އަށް މޫވް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް އައްޑުއަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް، އައްޑޫގައި ހޭދަކުރައްވާނީ ކިހާ ދުވަހެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

އައްޑޫގެ މަގުތައް ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދިމާވާ ދަތިތަކުގެ އިތުރުންވެސް އެތައް މައްސަލަތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތު ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އައްޑޫގައި ބޮޑު ދެ މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އެއީ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު އެވެ.