މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށާއި ގިނަ މަޝްރޫއުތަކުގެ މަސައްކަތް ފަށާނީ އަހަރުގެ ފަހު ކޮޅުގައި ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރެއްވީ އައްޑު އަތޮޅު މަަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ އެ ކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވުމުންނެވެ.
ޖަލްސާގައި ޝަރީފު ވަނީ މަރަދޫ ބަނދަރުގެ އިތުރަށް މަރަދޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން ވެސް ސުވާލު ކުރައްވާފަ އެވެ.
އޭނާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހަވާލު ކުރީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ނިންމަން ކަމަށާއި މަސައްކަތް ލަސްވީ ބަނދަރުގެ ސައިޒަށް ބަދަލުތަކެއް ގެންނަން ސިޓީ ކައުންސިލުން އެދުމުން އެ ކަން ދިރާސާތައް ކުރަން މަށެވެ.
މިނިސްޓަރު ވިދާޅުވީ ބެލި ބެލުމުން ކުރިން އޮތް އެއްބަސްވުމުގެ ދަށުން ނުކުރެވި ހުރި މަސައްކަތާއި އަލަށް ހަވާލު ކުރި މަސައްކަތާއެކު 28 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފާހަގަ ކުރެވިފައިވާތީ އާ އެއްބަސްވުމެއް އެކުލަވާލަން ޖެހުނު ކަމަށެވެ. އެ ގޮތުން މިދިޔަ ޖޫން މަހު އެމްޓީސީސީއާއެކު އާ އެއްބަސްވުމުގައި ސޮއިކޮށް ހަދަން ޖެހޭ އެންވަޔަރަމެންޓް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން 30 ދުވަސް ދިން ކަމަށެވެ.
ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާނީ އެ 30 ދުވަހަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝަރީފުގެ ސުވާލަށް ފަހު މަޖިލީހުގެ އެހެން މެންބަރުން ވެސް ވަނީ އެ މެންބަރަކު ތަމްސީލު ކުރައްވާ ދާއިރާއަށް ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދުގެ ސުވާލާ ގުޅުން ނެތުމުން ވަކި މަޝްރޫއެއްގެ މައުލޫމާތު ދެއްވަން ދަތިފުޅު ކަމަށެވެ. ނަމަވެސް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ.
އަސްލަމް ވިދާާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓުގައި ހިމެނޭ ގިނަ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައި އޮތީ މުޅި އަހަރު ދުވަހު ހިންގޭ ވަރަށް ވުރެ ކުޑަ އަދަދެކެވެ. އެހެންކަމުން އަހަރުގެ ކުރީކޮޅު ބައެއް މަޝްރޫއުތައް ފެށިނަމަ އަހަރުގެ ވަކި ހިސާބަކުން މަޝްރޫއުގެ މަސައްކަތް ހުއްޓޭނެ އެވެ. އެހެން ކަމުން މިނިސްޓްރީން ނިންމީ އެފަދަ މަޝްރޫއުތައް އަހަރު މެދުން ނުވަތަ އަހަރުގެ ފަހުކޮޅުގައި ފަށާށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ބަޖެޓުގައި ޖަހާފައި ހުރި އެއްވެސް މަޝްރޫއެއްގެ ނުފަށާ ނުދާނެ ކަމަށް. ބައެއް މަޝްރޫއުތައް އެބަ ހުރި ކުޑަކުޑަ ފައިސާކޮޅެއް ޖަހާލާފައި... ހަމަ އަދަދެއް ޖަހާލާފައި. އެ މަޝްރޫއުތައް އަހަރުގެ ކުރީކޮޅު ފަށައިފިނަމަ މެދުކެނޑޭނެ. އެހެންވެ އެ ފެށޭނީ އަހަރުގެ ފަހުކޮޅު. ތަރުތީބު ކުރެވިފަ އޮތް ޕްލޭނެއް އެބަ އޮތް،" މިނިސްްޓަރު ވިދާޅުވި އެވެ.
އެ ގޮތުން ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް ފަށާއި ކުރިއަށް ގެންދާނެ ތާރީހުތައް ހިމެނޭ ގޮތަށް ޝެޑިއުލެއް ތައްޔާރު ކޮށްފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހާ އެ ޝެޑިއުލް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަޝްރޫއުތައް އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީން ކަން ދެއްވި އެވެ.
"ބަޖެޓުގައި ހިމެނިފައި އޮތް އެއްވެސް ކަމެއް އަޅުގަނޑުމެން އަތް ނުލައި ނުދާނަން. ބަޖެޓުގައި ހުރި ކަންކަން ކުރިއަށް ގެންދަން ޝެޑިއުލް އެއް އޮންނާނެ. އަދި ވަރަށް އަވަހަށް އެ ޝެޑިއުލް މި މަޖިލީހަށް ހިއްސާ ކުރާނަން. މި މަޖިލީހަށް ހިއްސާ ކުރަން އެއްވެސް ޖެހިލުމެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.
ބަޖެޓުގައި ހިމެނިފައި އޮތް އެއްވެސް ކަމެއް އަޅުގަނޑުމެން އަތް ނުލައެއް ނުދާނަން. ބަޖެޓުގައި ހުރި ކަންކަން ކުރިއަށް ގެންދަން ޝެޑިއުލް އެއް އޮންނާނެ. އަދި ވަރަށް އަވަހަށް އެ ޝެޑިއުލް މި މަޖިލީހަށް ހިއްސާ ކުރާނަން. މި މަޖިލީހަށް ހިއްސާ ކުރަން އެއްވެސް ޖެހިލުމެއް ނެތް،މުހައްމަދު އަސްލަމް | މިނިސްޓަރު
36 މަޝްރޫއެއްގައި ސޮއިކުރެވިފައި
- ފެނުގެ ތިން މަޝްރޫއެއް
- ނަރުދަމާގެ މަޝްރޫއެއް
- ފެނާއި ނަރުދަމާގެ 11 މަޝްރޫއެއް
- މަގު ހެދުމުގެ ހަތް މަޝްރޫއެއް
- ބަނދަރު ހެދުމުގެ 11 މަޝްރޫއެއް
- އިތުރު 40 މަޝްރޫއެއްގެ އެއްބަސްވުމެއް
މި އަހަރުގެ މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިިހާތަނަށް 36 މަޝްރޫއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އެއީ ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާގެ މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި، މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 11 މަޝްރޫއެކެވެ. އޭގެ އިތުރުން ވެސް އިތުރު 40 މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ
ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ކުރަމުންދާ ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވާލެވިފައިވާ ކަމަށެވެ. އެ ޑްރާފްޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލޭން ނިމި އާންމު ކުރުމަށެވެ.
"ގައުމީ ތަރައްގީގެ ޕްލޭނަކީ މަތިން ބާއްވާ ލެއްވި އެއްޗެއް ވެސް ނޫން. އެ އާންމު ކުރުމަށް ފަހު ވެސް އެ ޕްލޭނަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ. މި މަޖިލީހަށް، ކައުންސިލްތަކަށް، އަދި ރައްޔިތުންނަށް ވެސް އެ ފުރުސަތު އޮންނާނެ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.