ދުނިޔެ

ތުރުކީއަށް މަލާމާތްކޮށް ޗާލީ ހެބްދޯ އިން ކާޓޫން ކުރަހައިފި

ތުރުކީގެ ހާލަތަށް މަލާމާތްކޮށް ޖޯކުޖަހައި ފަރަންސޭސި މަޖައްލާ -- ޗާލީ ހެބްދޯ އިން ކާޓޫން ކުރަހައިފި އެވެ.

މި ހަފުތާގެ ހޯމަ ދުވަހު ތުރުކީ-ސީރިއާ ގުޅޭ ސަރަހައްދަށް އައި ފަނާކުރަނިވި ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި އަދަދު 20،000 ވުރެ އިތުރުވެދާނެ ކަމަށް އދ. އިން ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

ތުރުކީ އާއި ސީރިއާއަށް ދިމާވެފައި އޮތް ހާލަތަށް މަލާމާތްކޮށް ޗާލީ ހެބްދޯ އިން ކުރެހި ކާޓޫނަށް ވަނީ އެ މީހުން އުންމީދުކުރި ގޮތާ ޚިލާފަށް -- އިންތިހާއަށް ފާޑުކިޔުން އިތުރުވެ އަތަށް ގޮވާފަ އެވެ.

ޗާލީ ހެބްދޯ އަކީ ބަސްމޮށުންތެރިކަމާއި ލިޔުންތެރިކަމުގެ ނަޒަރިއްޔާއިން ހިޔާލުފާޅުކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް ދައުވާކުރާ މަޖައްލާއެކެވެ. މި މަޖައްލާގެ އަދަދުތައް ޗާޕްކޮށްގެން އަދި އޮންލައިންކޮށް ވެސް ޝާއިއުކުރެ އެވެ.

ޗާލީ ހެބްދޯ އިން ކުރެހުމުގައި ސުރުކީ އަޅާފައި ވަނީ "ދުވަހުގެ ކުރެހުން" މިހެންނެވެ. އެއަށް ފަހު ފުށުންޖެހިފައި އޮތް ކާރަކާއި އަރިއަޅާފައި ހުރި އިމާރާތެއް އަދި އިމާރާތްތައް ބިމާހަމަވެފައި ހުރިކަން ދެއްކުމަށް ސުންނާފަތިވެފައި އޮތް ތަނެއް ވަނީ ސިފަކޮށްދީފަ އެވެ. އޭގެ ތިރީގައި "ތުރުކީއަށް ބިންހެލުމެއް" ލިޔެފައި އޮތެވެ.

ކުރެހުމުގެ ތިރީގައި "ޓޭންކަރު ފޮނުވާނެ ކަމެއް ނެތް" މިހެން ވެސް ވަނީ ލިޔެފަ އެވެ.

ތުރުކީއަށް ހަޖޫޖަހައި ކާޓޫނު ކުރެހުމުން -- ޗާލީ ހެބްދޯގެ އެޑިޓޯރިއަލުން ހީކުރީ ބަޔަކު އަތްޖަހައި ހޭނެ ކަމަށެވެ. އެހެން ނަމަވެސް، ލިޔުންތެރިނާއި ނޫސްވެރިންގެ ފަރާތުން ވެސް އެ މަޖައްލާއަށް ކުރިމަތިވީ ރުޅިވެރިކަމާއި ނަފުރަތެވެ.

ގިނަ ނޫސްވެރިން ބުނަނީ ތިޔައީ ތަންކޮޅެއް ބޮޑުވަރު ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ތެރެއިން އިންސާނުން ސަލާމަތްކުރުމަށް މުޅި ދުނިޔެ ޖަމާވެ އެހިތެރިކަން ފޯރުކޮށްދެމުން ގެންދާއިރު އިސްތިއުމާރީ ޖާހިލު ފަރަންސޭސިންނަށް އެ މީހުންގެ އަމިއްލަ އެދުމަށް ވުރެ މުހިންމު ކަމެއް ނެތުނީ އެވެ.

ޗާލީ ހެބްދޯގެ މި އަމަލަކީ ނަސްލީ އިމްތިޔާޒުގެ އިންތިހާ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ޗާލީ ހެބްދޯ އަކީ ހިޔާލުފާޅުކުރުމާއި މިނިންވަންކަމުގެ ނަމުގައި ރަސޫލުންނަށާއި ނަބީންނަށް މަލާމާތްކޮށް އެބޭކަލުންގެ ޒާތީ ދިރިއުޅުމަށް ފުރައްސާރަކުރާ ނޫހެކެވެ. ކީރިތި ގުރުއާނަށާއި އިސްލާމީ ގައުމުތަކަށް މަލާމާތްކޮށް -- އިސްލާމްދީނާ މެދު ބިރުވެރިކަން އުފެއްދުމުގައި ހައްދެއް ނެތި ޝާއިއުކުރަމުން ގެންދާ ނޫހެކެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ނިކަމެތި އިންސާނުންގެ ހިއްސުތަކާ ކުޅެ ގޯނާކުރުންތޯ ވެސް އެތައް ބަޔަކު ވަނީ ސުވާލުކޮށްފަ އެވެ.