ބޮލީވުޑް

ރާކީގެ ޝަކުވާކޮށްގެން އޭނާގެ ފިރިމީހާ އާދިލް ހައްޔަރުކޮށްފި

ރާކީ ސާވަންތުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މި ދުވަސްވަރު އިންޓަނެޓުން ވަރަށް ގިނައިން ފެނެ އެވެ. ރާކީ އާއި އޭނާގެ މިހާރުގެ ފިރިމީހާގެ ކައިވެނީގެ ޚަބަރުތަކާއެކު ދެން އިވެން ފެށީ އެ ދެ މީހުންގެ މެދުގައި އޮތް ހަމަނުޖެހުންތަކުގެ ވާހަކަ އެވެ. އަދި މިހާރު އިވެނީ ދެ މީހުން ވަކިވާން އުޅޭ ވާހަކަ އެވެ.

އިންޑިޔާގެ ނޫސްތަކުން އިއްޔެ ބުނެފައިވާ ގޮތުގައި ރާކީ އޭނާގެ ފިރިމީހާ އާދިލް އާ ގުޅޭ ގޮތުން ކުރި ޝަކުވާ އަކާ ގުޅިގެން މުމްބައި ފުލުހުން މިހާރު ވަނީ އާދިލް ހައްޔަރުކޮށްފަ އެވެ. އޭގެ ކުރިން ރާކީ ވަނީ މީޑީއާ އާ ބައްދަލުކޮށް ރޮއިރޮއިފައި ފިރިމީހާގެ ގޯސް ވާހަކަ ދައްކާފަ އެވެ.

ރާކީ ތުހުމަތުކުރާ ގޮތުގައި އޭނާގެ ފިރިމީހާ އުޅެނީ ތަނޫ ނަމަކަށް ކިޔާ އަންހެނަކާ ހެދި އޭނާ ވަރިކުރާށެވެ. މި ވާހަކަތައް ނޫސްވެރިންނަށް ކިޔައިދެމުން ދިޔައިރު ރޮމުން ރޮމުން ގޮސް ރާކީ އަނބުރައިގަނެގެން ވެއްޓުނު މަންޒަރު ފެންނަ ވީޑީއޯއެއް ވެސް އިއްޔެ ވަނީ ދައުރުވެފަ އެވެ.

ރާކީގެ މަންމަ މިދިޔަ ހަފުތާގައި ކެންސަރު ބަލީގައި މަރުވެފައިވާއިރު މަންމަގެ މަރުގެ ޒިންމާ ވެސް ރާކީ އަޅުވަނީ އޭނާގެ ފިރިމީހާގެ ބޮލުގަ އެވެ. މަންމަގެ ސާޖަރީއަށް ބޭނުންވި ފައިސާ އާދިލް ނުދައްކާ ލަސް ކުރިކަމަށް ރާކީ ބުންޏެވެ.

ރާކީގެ ފިރިމީހާ ހައްޔަރުކުރީ އޭނާއަށް އަނިޔާކުރާ ކަމަށާއި އޭނާގެ ހުރިހާ ފައިސާއަކާއި މުދަލެއް އާދިލް އަތުލައިފިކަމަށް ބުނެ ފުލުހުންނަށް ރާކީ މައްސަލަ ހުށަހެޅުމުންނެވެ.

މީޑީއާގައި ވާހަކަ ދައްކަމުން ރާކީ ބުނީ އޭނާ ކުޅެނީ ޑްރާމާކަމަށް ބަޔަކަށް ހީވިޔަސް އޭނާ ދައްކަނީ ހަމަ ތެދު ވާހަކަ އެވެ. އާދިލް އޭނާއަށް އަނިޔާކޮށް ފައިސާތައް ވަގަށް ނަގާފައިވާ ކަމަށް ރާކީ ތުހުމަތުކޮށްފައިވެއެވެ.

ރާކީ އާއި އާދިލް ކައިވެނިކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އެ މީހުން އުޅުނީ ކައިވެނިކުރި ކަން ސިއްރު ކޮށްގެންނެވެ.

މި ކައިވެނީގެ ވާހަކަ މިދިޔަ މަހު މީޑިއާއަށް ކިޔައިދިނީ ރާކީ އެވެ. އަދި އެމީހުންގެ ކައިވެނީގެ ފޮޓޯތަކާއި ވީޑީއޯ އަދި ކައިވެނީގެ ސެޓްފިކެޓްވެސް ރާކީ ވަނީ މީޑީއާ އާ ހިއްސާ ކޮށްފަ އެވެ. އެވަރުން އެ ކައިވެނިކުރިކަމަށް އާދިލް ދެކޮޅު ހަދަމުން ދިޔަ އެވެ. ފަހުން އޭނާ އެއްބަސްވީ ދޮގު ހަދައިގެން ސަލާމަތް ނުވެވިގެންނެވެ.

ފަހުން އާދިލް ބުނީ އޭނާ ކައިވެނިކުރިކަން ސިއްރުކޮށްގެން އުޅުނީ އާއިލާގެ މީހުން އޭނާ ރާކީ އާ ކައިވެނިކުރަން ދެކޮޅުހަދާތީ ކަމަށެވެ.