ލައިފްސްޓައިލް

ސްމާޓްފޯނަށް މާގިނައިން ބެލުމުން އަންހެނެއްގެ ލޯ އަނދިރިވެއްޖެ

އަހަރެމެން ކޮންމެ ދުވަހަކު ގެންގުޅޭ އެކި ކަހަލަ އާދަތަކުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުން ސިއްހަތަށް ކުރަމުންދެ އެވެ.

އިންޑިއާގެ ހައިދަރުއާބާދުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސުދީރު ކުމާރު ކުރައްވާފައިވާ ޓުވީޓްތަކެއްގައި ވިދާޅުވެފައިވާ މި ވާހަކައަކީ ވަރަށް ގިނަ ބަޔަކު ބިރުގަންނާނެ ވާހަކަ އެކެވެ. ނަމަވެސް މި ވާހަކަ ކިޔާފައި ހަމައެކަނި ބިރުގަތުމަކުން ނުފުދެ އެވެ. މިއީ ވަރަށް ގިނަ މީހުން މިކަމަށް ލޯ ހުޅުވާ ހޭލަން ޖެހޭ ކަމެއްވެސް މެއެވެ.

ޑިޖިޓަލް ވަސީލަތްތަކާ ނުލާ ދިރިއުޅެން އުނދަގޫވެފައިވާ މި ޒަމާނުގައި މިފަދަ ޓެކްނޮލޮޖީން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ވާހަކައެއް ޑޮކްޓަރު ވަނީ މި ޓުވީޓްތަކުގައި ކިޔައިދެއްވާފަ އެވެ.

ޑރ. ސުދީރް ވިދާޅުވެފައިވާ ގޮތުގައި ލޮލަށް ނުފެނިގެން އޭނާގެ ކައިރިއަށް ފަރުވާ ހޯދަން ޒުވާން އަންހެނަކު އައެވެ. އެމީހާގެ ލޮލަށް ނުފެނަން ފެށީ އޭނާ ހިފިފައިހުރި ގޯސް އާދައެއްގެ ސަބަބުންނެވެ.

މަންޖޫ ނަމަކަށް ކިޔާ 30 އަހަރުގެ މި އަންހެން މީހާގެ ލޮލަށް ނުފެންނަން މެދުވެރވީ ސަބަބު ޑޮކްޓަރު އޮޅުން ފިލުއްވައި ދެއްވި އެވެ.

ޑރ. ސުދީރް ވިދާޅުވެފައިވާ ގޮތުގައި މި އަންހެން މީހާގެ ލޮލަށް ނުފެންނަން ފެށީ ރޭގަނޑުގެ ކަނުއަނދިރީގައި ފޯނާ ކުޅެން އެތައް ގަޑިއިރެއް ވަންދެން އިނުން އާދައަކަށް ހެދީމަ އެވެ. އޭނާގެ ލޮލަށް ނުފެންނަން ފެށިއިރު މިގޮތަށް ފޯނަށް ބަލަން ގިނަ ވަގުތު ރޭގަނޑު އަނދިރީގައި އެމީހާ ހޭދަކުރާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.

ލޮލަށް ނުފެންނަން ފެށުމުގެ ކުރިން އެމީހާގެ ލޮލުގައި މައްސަލަ ޖެހެން ފެށިއިރު ފެނުނު އަލާމާތްތަކުގެ ތެރޭގައި ވައިގެ ތެރޭގައި އެއްޗެތި ފްލޯޓްވާ ތަން ފެނުމާއި، ކުއްލިއަކަށް ލޯ ކުރިމަތިން ގަދަ އައްޔެއް ދިއުމާއި އަދި އަނދިރި ޒިގްޒެގް ޕެޓާންތަކެއް ފެނުން ފަދަ ކަންކަމެވެ.

"އޭނާއަށް އެއްވެސް ތަނެއް ނުފެނި އެތައް ސިކުންތެއް ހުރޭ. މިހެން ގިނަ ފަހަރަށް ދިމާވަނީ އޭނާ ރޭގަނޑު ނިދާފައި އޮވެފައި ހޭލައިގެން ފާޚާނާއަށް ވަންނަ ވަގުތު. އެންމެ ކުރިން މިހެން ވާން ފެށުމުން އޭނާ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުން އެއްވެސް ކަމެއް ގޯސް ކަން ފާހަގައެއް ނުކުރެވުނު. އަދި ނިއުރޮލޮޖިކަލް މައްސަލަތަކެއް ކަމަށް ބަލައި ނިއުރޮލޮޖިސްޓަކަށް ދައްކަން ބުނީ،" އަންހެން މީހާއަށް ދިމާވި ގޮތް ހިއްސާކުރަމުން ޑޮކްޓަރުގެ ޓުވީޓްގައި ލިޔުއްވާފައި ވެއެވެ.

އެމީހާއަށް ފަހުން ބޭސް ކުރެއްވީ ޑރ. ސުދީރް އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހިސްޓްރީއަށް ބަލާއިރު އޭނާއަކީ ބިއުޓީޝަނެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާގެ ޚާއްސައެހީއަށް ބޭނުންވާ ކުއްޖަކު ހުރުމާއެކު ފަހުން ވަޒީފާ ދޫކޮށްލައި އެ ކުއްޖާ ބަލަން ގޭގައި މަޑުކުރީ އެވެ. މިގޮތުން ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަން ފެށުމުން އެމީހާއަށް މުޅިން އެހެން ކަމެއް ކުރަން އާދަވި އެވެ. އެއީ ސްމާޓް ފޯނާ ކުޅުމެވެ. ދުވާލަކު އެތައް ގަޑިއިރެއް އޭނާ ސްމާޓް ފޯނާ ކުޅުމުގައި ހޭދަކުރަން ފެށި އެވެ. އެގޮތުން ކޮންމެ ރެއަކު ދެގަޑިއެއްހާއިރު އޭނާ ހުރިހާ ބޮތްކެއް ނިއްވާލައިގެން ކަނު އަނދިރީގައި ފޯނާ ކުޅެން އިނދެފައި ވެއެވެ.

އަންހެން މީހާގެ ލޮލުގެ ފެނުން ގެއްލުނީ ސްމާޓްފޯން ވިޝަން ސިންޑްރޯމް (އެސްވީއެސް)ގެ ސަބަބުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ކޮމްޕިއުޓާ، ސްމާޓްފޯން ނުވަތަ ޓެބްލެޓް ފަދަ އެއްޗެތި ދުވާލަކު މާގިނައިރު ބޭނުންކުރަމުންދާތާ ގިނަ ދުވަސްތަކެއް ވުމުން މިފަދަ ލޮލުގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"އަހަރެން އޭނާއަށް އެއްވެސް ބޭހެއް ނުލިޔެދެން. އަދި ޓެސްޓެއް ވެސް ހަދާކަށް ނުދެން. އަހަރެން ކިޔައިދިނީ އޭނާއަށް މި މައްސަލަ ދިމާވި ކަމަށް ބެލެވޭ ސަބަބުތައް. އަދި ސްމާޓްފޯނު ބޭނުންކުރުން ވަރަށް ބޮޑަށް މަދުކޮށްލަން އަހަރެން އިރުޝާދު ދިނިން،" ޑޮކްޓަރުގެ ޓުވީޓުގައި ވެއެވެ.

ޑޮކްޓަރު ބުނި ގޮތަށް ކަންތައްކޮށް ވަރަށް މުހިއްމު ކަމަކު ނޫނީ ފޯނު ބޭނުންކުރުން މަންޖޫ އެއްކޮށް ހުއްޓާލުމަށްފަހު އެއްމަސް ފަހުން ޑޮކްޓަރު ކައިރިއަށް ރިވިއު އަށް އައި ކަމަށާއި އޭރު އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން އަނބުރާ ލިބެން ފަށައިފި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި ނަސީބަކުން އަންހެން މީހާގެ ލޮލަށް ލިބިފައިވަނީ ދާއިމީ ގެއްލުމަކަށް ނުވާތީ މިހާރު މަޑުމަޑުން ރަނގަޅުވަމުން ގޮސް ލޮލުގެ ފެނުން ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ.

ޑޮކްޓަރުގެ ޓުވީޓުތަކުގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ސްމާޓްފޯން ބޭނުންކުރާ މީހުންނަށް މެސެޖެއް ދެއްވާފައި ވެއެވެ.

"ޑިޖިޓަލް ޑިވައިސްތަކުގެ ސްކްރީނަށް ބަލަން ގިނަ ވަގުތު އިނުމުން ދުރުހެލިވޭ. އެކަމުގެ ސަބަބުން ލޮލަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެ. ސްކްރީނަށް ބެލި ނަމަވެސް ކޮންމެ 20 މިނިޓަކުން 20 ވަރަކަށް ސިކުންތުގެ ބްރޭކެއް ނަގާ. އަދި 20 ވަރަކަށް ފޫޓު ދުރުގައިވާ ކޮންމެވެސް އެއްޗަކަށް ބަލާން އިރުކޮޅަކު އިނދޭ،" ޑޮކްޓަރު ވިދާޅުވި އެވެ.