ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 7 ފެބްރުއަރީ 2023 އާ ގުޅޭ )

ނޫރީ ކާރާ ދިމާއަށް ހިނގައި ގަތުމުގެ ކުރީން އެމީހުންނާއެކު އަންނަން ލައިލީ ގާތު އެދުނެވެ. ސައިކަލު މަތީ އިން ދަރަކްއަށް ލައިލީ ބަލާލިއެވެ. ފިރިމީހާ ކައިރީ ބުނެލާފައި އަންނަން އޭނާ ހިނގައިގަތެވެ. ނޫރީ ދިޔައީ ކާރު ނަގައިގެން އަންނާށެވެ.

"އަހަރެން ކީއްކޮށްދޭންވީ." ލައިލީ އައުމުން ދަރަކް ނިކަން އަވަހަށް އަހާލިއެވެ.

"ނޫރީ ބުނީ ކާރުގައި ޔޫންއާއެކީ އެގެއާ ހަމައަށް އައިސްދޭންވީނޫންހޭ." ލައިލީ ބުންޏެވެ.

"އޯކޭ. އަހަރެން ކާރު ފަހަތުން ދާނަން. ޔޫން ކިހިނެއް." ދަރަކް އަހާލިއެވެ.

"ގެއަށް ގޮސް އެވާހަކަދައްކާނީ." ލައިލީ ބުނެލިއެވެ. އެއާއެކު ދަރަކް ބޯޖަހާލިއެވެ.

ކާރު ދުއްވަން ނޫރީ އިންއިރު ފަހަތު ސީޓުގައި ޔޫންއާއެކީ ލައިލީ އިނެވެ. ކާރުގައި އިނދެ ތަސްލީމާއަށް ޔޫން ގުޅިއެވެ. ކުރުގޮތަކަށް އޭނާ ތަސްލީމާއަށް ކަންކަން ކިޔާލަދިނެވެ. ދެތިން ދުވަހަށް ނޫރީއާއެކު އެ ގޭގައި ހުންނަން ދަނީކަން ބުންޏެވެ. ތަސްލީމާއާ ވާހަކަދައްކާ ނިންމާފައި ފޯނުކޯލު ކަނޑާލުމަށްފަހު ޔޫން ފިނި ނޭވާއެއް ދޫކޮށްލިއެވެ.

"މިހާރު ހަމަޖެހިލެވިއްޖެހެން ހީވޭ." ލުއި ހިނިތުންވުމަކާއެކު ލައިލީ ވާހަކަދެއްކިއެވެ. އެއްބަސްވުމުގެ ގޮތުން ޔޫން މަޑުމަޑުން ބޯޖަހާލީއެވެ.

"ސޮރީ. އެންމެންނަށް ވަރަށް އުނދަގޫ ކުރެވުނީމަ." ޔޫން މަޑުމަޑުން ބުނެލިއެވެ.

"އުނދަގުލެއްނުވޭ. އެކަމަކު ވަރަށް ހާސްވެ ކަންބޮޑުވި." ލައިލީ ފިރުމާލީ ޔޫންގެ އުނގުމަތީ ޖޯޑުކޮށްލެވިފައިވާ އަތްތިލައިގައެވެ.

"ލައި. ސޮރީ ދޮގު ހެދުނީމަ. ކުލިނިކުން އަހަރެމެން ދިމާވިއިރު ވެސް އަހަރެން ބަނޑުބޮޑު. އެވަގުތު އަހަރެން ހުރީ ވަރަށް ޕެނިކްވެފައި. ކިހިނެއްކަމެއް ހަދާނީ ނޭނގިފައި." ޔޫން ބުންޏެވެ.

"ޔޫން ބޭނުން ދޯ ބޭބީ." ލައިލީ އަހާލިއެވެ.

"ތެދަށް ބުނަންޏާ ތި ސުވާލަށް ޖަވާބު ދޭކަށް ނޭނގޭ. އަހަރެން ކުދީން ބޭނުން. އެކަމަކު ބަނޑުބޮޑުކަން އެނގުމުން އަހަރެން އުފާވުމުގެ ބަދަލުގައި ވަރަށް ހާސްވީ. ދިރިއުޅުމާމެދު އަހަރެން ސުވާލު އުފެދިފައި ހުރީ... އެހެންވެ ބަނޑުބޮޑުކަން އެނގުނީމަ ހިތަށް އެރީ މި ދަރިފުޅުގެ ސަބަބުން އިތުރަށް އަހަންނާއި އިދާންގެ ދެމެދުގައި ކަންތައްތައް ގޯސްވެދާނޭ. ހިތަށް އެރީ އަހަންނަށް މި ދަރިފުޅު ލިބުނަސް އަހަރެން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ނުލިބޭނޭ. އެކަމުގެ އަސަރު ދަރިފުޅަށް ކުރާނޭ. އެކުއްޖާ އަބަދު ކުޑަކުއްޖެއްގެ ގޮތުގައި ނުހުންނާނެތާ. އޭނާ ބޮޑުވުމީނާ އިދާން ފަދައިން އަހަރެން ކުށްވެރިކުރާނޭ ހީވީ. އަހަންނަށް އޭނާ ބޭނުންވާ ގޮތަށް ކަންކަން ނުކޮށްދެވުނުކަން ބުނާނޭ... ރަނގަޅު އަނތްބަކަށް ނުވެވުނުހެން ރަނގަޅު މަންމައަކަށް އަހަރެން އޭރުން ނުވާނެ." ޔޫންގެ އަޑުގައި ރިހުންވިއެވެ.

"ބަނޑުގައި ތިވަނީ ޔޫންގެ ވެސް ބޭބީއެއް. ދަރިއަކު އުފަންވަނީ ދެމަފިރިން އެކަމުގައި ޝާމިލްވެގެން. އެހެންވީމަ އިދާން ޚިއްޞާ އޮތް މިންވަރަށް އެ ދަރިފުޅުގެ މައްޗަށް ޔޫންގެ ޚިއްޞާ ވެސް އޮންނާނެ. އަހަންނަށް ޔަގީން ޔޫންއަށް ލިބޭ ބޭބީއަށް ޔޫންގެ ތި އޯގާތެރި ސިފަތައް ލިބޭނެކަން. އިންޝާﷲ، އެކުއްޖާ ގޯސް ކުއްޖަކަށް ނުވާނެ. އެކުއްޖާ ޔޫންދެކެ ލޯބިވާނެ. ޔޫންގެ އެންމެ ބޮޑު ހިތްވަރަށް އެކުއްޖާވާނެ." ލައިލީގެ ތުންފަތުގައިވީ އޯގާތެރިކަމުގެ ލުއި ހިނިތުންވުމެކެވެ.

"ރިއަލީ." ޔޫންއަށް ބުނެލެވުނެވެ. ލައިލީ ނިކަން އަވަހަށް ބޯޖަހާލިއެވެ. ޔޫން ފެންކަޅިވީ ނަމަވެސް އޭނާގެ ތުންފަތް ދެމިލިއެވެ. މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ ލައިލީގެ ކޮނޑުގައި ބޯއަޅާލިއެވެ. ކާރު ދުއްވަން އިން ނޫރީއަށް ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އޭނާ ވެސް އިނީ ހިނިތުންވެލައިގެންނެވެ.

"އަހަރެން ބޭނުން އިދާންއާ ކުރިމަތިލެވޭނެހާ ހިތްވަރު ހޯދަން. މިހެން ޕެނިކްވެ ރޮއެރޮއެފަ އުޅެގެން އަހަންނަށް އެމީހުން ގެއްލޭކަށް ބޭނުމެއްނޫން. އިދާންއާއި ދަރިފުޅު ވެސް އަހަރެން ބޭނުން." ހިތުގައިވާ އެދުން ޔޫން މަޑުމަޑުން އިއްވާލިއެވެ.

ޔޫން އެ އެދޭ ބަދަލު އޭނާއަށް ހާސިލުވެދާނެކަން ލައިލީ ޤަބޫލުކުރެއެވެ. ޚާއްޞަކޮށް ޔޫން މަންމައަކަށް ވާން އުޅޭއިރުއެވެ. އެހެންނަމަވެސް ލައިލީއަށް އޭނާގެ އަމިއްލަ ދިރިއުޅުމާމެދު ޔަގީންކަމެއް ނެތެވެ. ޔޫން ފަދައިން ދިރިއުޅުމާ ކުރިމަތިލާނޭ ހިތްވަރެއް އޭނާގެ ނެތެވެ. ޖެހިގެން އުޅޭ މައްސަލަ ހައްލުކުރެވޭނެ މަގެއް ވެސް ފެނިފައެއްނެތެވެ.

ނޫރީމެން ގޭ ދޮށަށް ކާރު މަޑުކޮށްލިއެވެ. އޭނާ ކާރު ގަރާޖަށް ވައްދާފައި އަންނަންދެން ޔޫންއާއެކީ ދޮރޯށި ކައިރީ ލައިލީ މަޑުކުރިއެވެ. އެމީހުން ފެންނަ ހިސާބުގައި ސައިކަލުގައި މަޑުކޮށްލައިގެން ދަރަކް އިނެވެ. ލައިލީ އައިސް ދަރަކްގެ ފަހަތަށް ސައިކަލަށް އެރީ ނޫރީއާއެކީ ޔޫން އެގެއަށް ވަނީމައެވެ.

"ވަރަށް ބަނޑުހައިތަ؟. ކުޑަކޮށް ދުއްވާލާފައި ގެއަށްދާން އޯކޭތަ؟." ދަރަކް ސައިކަލު ދުއްވާލި ވަގުތު ލައިލީ އަހާލިއެވެ.

"ހިނގާ ދުއްވާލަން." ދަރަކް ބުންޏެވެ.

"ޔޫންގެ ދެމަފިރިން މައްސަލަ ޖެހުނީތަ؟" ލައިލީގެ ހިމޭންކަން ފާހަގަވެ ދަރަކް އަހާލިއެވެ. އެކުވެރިޔާއާ މެދު މާބޮޑަށް ލައިލީ ވިސްނަނީއޭ ދަރަކްއަށް ހީވީއެވެ.

"އަހަރެން ނުދެނަހުރިން މިހާ ކަންކަން ސީރިއަސްކަމެއް. އެމީހުންގެ ވެޑިންގައި އަހަރެން ފުރަތަމަ އިދާން ދުށީ. އޭނާ އުޅުނު ގޮތުން ހިޔެއްނުވޭ އޭނާއަށް ޔޫންއާމެދު އެފަދައިން ކަންތައް ކުރާން ދުވަހަކުވެސް ކެރޭނެއެކޭ. އެކަމަކު މީހާ ހުންނަ ގޮތަކުން ބުނާކަށް ނޭނގޭނެ. އޭނާ ޔޫން ނިކަމެތިކޮށްލިއިރު ޔޫންގެ އިޙްސާސްތަކަށް ކުޑަ ވެސް ޤަދަރެއް ނުކުރި." ލައިލީއަށް ބުނެވުނެވެ.

"ވެދާނެ އިދާންއަށް ނުވިސްނެނީހެން އޭނާ ކުރާ ކަންކަމުގެ ސަބަބުން ޔޫންއަށް ނިކަމެތިކަން ލިބޭކަން." ދަރަކް ބުންޏެވެ.

"ނުވިސްނެނީއޭ. ތިމާއަށް ކުރެވޭ ކަންކަން ނޭނގެންވީ ކީއްވެ." ދަރަކްގެ ވާހަކަ އިވިފައި ލައިލީ އެ ވާހަކައާ ގަޔައެއް ނުވިއެވެ.

"އަހަރެނާއެކީ އޮފީހުގައި މަސައްކަތް ކުރި ނަޒާން އޭނާގެ އަނބިމީހާ ވަރިކުރަން ޖެހުނީ އޭނާއާ ދިމާއަށް އަބަދު އެއްޗެހި ގޮވަނީއޭ ކިޔާ ކޯޓަށް މައްސަލަ ހުށަހެޅީމައޭ އޭނާ ބުނި. ނަޒާން ބުނީ އޭނާއަށް އެހެން ކަންތައް ކުރެވޭކަން އެނގި ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެޔޭ. އޭނާއަށް ބުނެވޭ ބަހަކުން އަނބިމީހާ ހިތުގައި ޖެހި ނިކަމެތިކަން ލިބިދާނޭ ހިޔެއްނުކުރަމޯ. އޭނާގެ އަންހެނުން ވެސް ދެކޮޅަށް އެއްޗެކޭ ނުބުނާތީ އެކަން ނަޒާނަށް ބޮޑުކަމެއްގެ ގޮތުގައި އިޙްސާސެއް ނުކުރެވުނު. ހަޤީޤަތަކީ އޭނާ އެ ހުރިހާ ބަހަނާއެއް ދެއްކީ އަމިއްލަ ނަފްސުގެ ދިފާއުގައި. އޭނާއަށްކަން ގޯސް ހެދުނީ އެނގޭއިރު ވެސް އެކަން އޮއްބާލަން ބޭނުންވީ. އަނބިމީހާގެ އަޑު އަހަން ނަޒާނަށް ކިތަންމެ ފުރުޞަތެއް ވެސް ލިބުނު. އެކަމަކު ނަޒާން ބަދަލުވާން ބޭނުންނުވީމާ އޭނާގެ އަންހެނުން ބޭނުންވީ ވަރުވާން. މިހާރު އެންމެންގެ ކުރިމަތީ ނަޒާން ކުށްވެރިކުރަނީ އޭނާގެ އަންހެނުން. އެކުގައި ނޫޅެން ވަރިވާން އެދުނު މީހަކީ އޭނާއެއްނޫންކަން. ދިރިއުޅުމާމެދު ނުވިސްނި މީހަކީ އޭނާގެ އަންހެނުންކަން. ނަޒާން އަދިވެސް ޤަބޫލުކުރަން ބޭނުންނުވަނީ އޭނާއަށްކަން ގޯސް ހެދުނީ." ދަރަކް ކިޔާދިނެވެ.

ލައިލީއަށް ވިސްނަން އިނދެވުނީއެވެ. ކޮންމެ ދެމަފިރިއަކު ވެސް ބޭނުންވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އެކަން އެހެންވާނީ ދެމަފިރިން އެކަތިގަނޑަކަށްވެ އެއް ވިސްނުމެއްގައި އެއް މިސްރާބަކަށް ދަތުރުކުރާން އަމާޒު ހިފައިގެންނެވެ. ނަމަވެސް ދެރައީ ކައިވެންޏަށްފަހު ގިނަ ދެމަފިރިން އެހެން ނުވާތީއެވެ. ދެމީހުންކުރެ އެކަކަށް ގޯސް ހެދޭތީއެވެ. އެންމެ ބޮޑު ނުތަނަވަސްކަމަކާއި ހިތާމައެއް ދޭ ފަރާތަކީ ތިމާގެ ބައިވެރިޔާއަށް ވާކަމެވެ.

"އަނބިމީހާ ނެތުމުން ނަޒާންގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައިކަން އަހަރެމެންނަށް ވެސް ފާހަގަވި. އޮފީހަށް ފަރުވާކުޑަކުރަމުން ގޮސް އެންމެފަހުން އޮފީހުން ވަކިވީ. އަހަރެމެންނާ ވެސް ދުރުވީ." ދަރަކް ބުންޏެވެ.

"އެއީ ތި ޑިޕާޓްމެންޓުން ކެނޑުނު ސްޓާފްތަ؟." ލައިލީ އަހާލިއެވެ. ދަރަކްއަށް މަސައްކަތްތައް އޮފީހުގައި ބުރަވީ އޭނާގެ ޑިޕާޓްމެންޓުން މުވައްޒަފެއް ވަކިވުމުންކަން ލައިލީއަށް އޮތީ އެނގިފައެވެ.

"އާން. އެއީ ނަޒާން. ކުއްލިއަކަށް އަނބިމީހާއާ ވަކިވާން ޖެހުނީމާ އޭނާއަށް އަނބިމީހާގެ މުހިންމުކަން ވިސްނުނީ. އެކަމުން އޭނާގެ ދިރިއުޅުމުގެ ހުރިހާކަމަށް ވަރަށް ބޮޑަށް އަސަރުކުރީކަން ޔަގީން." ދަރަކް ބުންޏެވެ.

"އެއީ އެކަން ވާނޭ ގޮތް. އެހާ އަނބިމީހާ ބޭނުންނަމަ އޭނާއަށް ދޭންވާ ސަމާލުކަމާއި ލޯބި ދޭނެ. ކޮންމެހެން އަނބިމީހާ ދިޔައީމައެއްނޫން ކުރެވުނު ކަންތަކާ ވިސްނަންވީ." ލައިލީއަށް ބުނެވުނެވެ. އޭނާގެ ވާހަކައާ ދަރަކް އެއްބަސްވިއެވެ.

ސައިކަލުގައި މާލެގެ ބޭރަށް އޮތް މަގުން ހުޅަގަނޑަށް ދަރަކް ދުއްވަމުން އައެވެ. ދެމެދުގައި ދެކެވުނު ވާހަކައާ މެދު ވިސްނަން ހިމޭންކަމުގައި އިރުކޮޅަކު އިނދެފައި ދަރަކްއަށް ލައިލީ ގޮވާލިއެވެ. ކުއްލިއަކަށް އޭނާ ދަރަކް ދޫކޮށްލާފައި ހިނގައްޖެނަމަ އޭނާ ހޯދަން އަވަސްވެގަންނާނަންތޯ ލައިލީ އަހާލިއެވެ.

"އޮފްކޯޒް. ލައިގެ ޚަބަރެއްނުވަންޏާ އަހަރެންނަށް ހަމަޖެހިގެން ނުހުރެވޭނެ. އެހެންވީމަ ކެތްތެރިކަމެއްނެތި އަހަރެން ތެޅިފޮޅޭނެ ކައިރީގައި ލައި ނެތިއްޔާ." ދަރަކް ހިނިއައެވެ.

"އެއީ ކީއްވެ؟." ލައިލީއަށް އަހާލެވުނެވެ.

"ކީއްވެހޭ!... ލައި ތީ އަހަރެންގެ އަންހެނުންވީމަ. ކުއްލިއަކަށް ވީނުވީއެއް ނޭނގި އަންހެނުން ގެއްލުނީމާ ކޮންމެ މީހަކު ވެސް ކަންބޮޑުވެ ހާސްވާނެ ދޯ." ނިކަން ހަމަޖެހިފައިވާ ރާގެއްގައި ދަރަކް ބުންޏެވެ.

"ތި ހިތުގައި އަހަރެންގެ މައްޗަށް ލޯބި ނެތަސް އެހާވަރުން ހަމަ އުޅޭނަންތަ؟." ޚިޔާލުތަކަށް ގެއްލި އިނދެ ލައިލި ބުންޏެވެ.

"ލައި. ކިހިނެއްވީ؟" ލައިލީ ކުރި ސުވާލުން ދަރަކް ސީރިއަސްވެލިއެވެ.

"އަހަރެން ހިތަށް އަރަނީ މުޅި އުމުރު އުފާވެރި ދެމަފިރިންގެ ގޮތުގައި އެއްވެސް ދެމަފިރިއަކަށް އުޅެވިދާނެބާއޭ. ކައިވެނީގެ ވަކި ހިސާބުން ބައިވެރިޔާއާ މެދު ކުރީން އޮތް ޝައުގުވެރިކަމާއި ލޯބީގެ އިޙްސާސް ފަނޑުވެއްޖެނަމަ ދެން ވާނީ ކިހިނެއްބާއޭ. އޭރުން ވެސް އެއީ ދެމަފިރިންނަށް ވާނެބާއޭ... ނޫނީ އެހިސާބުން ބަދަލު އެވީ އެއް ފުރާޅެއްގެ ދަށުގައި އެކުގައި ދިރިއުޅެން ޖެހިފައިވާ ދެމީހުންނަށް ނޫންބާއޭ. އިތުރަށް އެ ދެމީހުން އެކީގައި އުޅުމުގެ ބޭނުމެއް އޭރުން އޮންނާނެތަ؟." ލައިލީގެ ވާހަކަތައް އިވިފައި ދަރަކް ކުއްލިއަކަށް އެއްފަރާތުގައި ސައިކަލު މަޑުކޮށްލައިފިއެވެ. ކުޑަކޮށް ފަހަތަށް އެނބުރިލައި ލައިލީއަށް އޭނާ ބަލާލީ އަޖައިބުވެފައިވާ މީހަކު ފަދައިންނެވެ.

"ވެއިޓް ލައި. ކުއްލިއަކަށް ވާހަކަ މިދަނީ ކޮންމިސްރާބަކަށް. ކީއްވެ ތިކަހަލަ ސުވާލުތަކެއް ލައި ކުރަން ޖެހުނީ." ދަރަކްއަށް ބުނެވުނެވެ.

"ކަމެއްނުވޭ. ހަމަ ހިތަށް އެރި އެއްޗެއް އެއީ." ލައިލީގެ ނަޒަރު ދަރަކްއާ ވަކިކޮށްލައި މަގުމައްޗަށް ހުއްޓާލިއެވެ.

"އައި ސީ. އަހަރެންނަށް ތިކަހަލަ ސިހުމެއް ދެން ނުދެއްޗޭ... ކޮންމެ ދެމަފިރިއަކީ ވެސް ތަފާތު ދެމީހުން. ކޮންމެ ބައެއްގެ ދިރިއުޅުމުގައި ވެސް އެތައް ކަމެއް ހިނގާނެ. އަހަރެންގެ މުޅި އުމުރު ވޭތުކުރާން އަހަރެން ނިންމީ ލައިއާއެކީ. އަހަރެން ވާ ލޯބި ބަދަލެއް ނުވާނެ. އަހަރެން އަބަދުވެސް ލައިއާއެކީ ވާނަން. ހުރިހާ ގޮތަކުން ލައި ރައްކާތެރިކޮށްދޭނަން. އަބަދުވެސް." ދަރަކްގެ އަޑުގައިވީ ޔަގީންކަމެވެ.

"އެ ލޯބި އެހެން މީހަކުދެކެ ވުމަކީ ވެސް ވެދާނޭ ގޮތެއްނު. އެހިސާބުން އަހަރެންގެ ބޭނުމެއް ނޯންނާނެ." ލައިލީއަށް ބުނެވުނެވެ.

"އަހަރެން ލައިލީއަށް ބޭނުންނުވާނެ ދުވަހެއް... އެ ދުވަހެއް ދުވަހަކުވެސް ނާންނާނެ." ދަރަކް ބުންޏެވެ.

ލައިލީގެ ސިކުނޑިން ސަމައިރާގެ ސޫރަ ފުހެއެއް ނުލެވުނެވެ. އެތައް ސުވާލެއް ޖަވާބު ނުލިބިފައި އޭނާގެ ހިތުގައި ވެއެވެ. ލައިލީދެކެ ދަރަކް އެވަރަށް ލޯބިވަންޏާ ދެން ސަމައިރާއާއެކު ގުޅުމެއް އުފައްދަން ޖެހުނީ ކީއްވެ ހެއްޔެވެ. އެއީ ދަރަކް ވަގުތީ ގޮތުން ހިތްހަމަޖައްސާލަން އުފެއްދި ގުޅުމެއް ހެއްޔެވެ. ހުރިހާ ފަހަރަކު ދަރަކް ހާމަކުރަނީ ތެދުކަމާމެދު ލައިލީއަށް ޝައްކެވެ. ވީއިރު މިވަގުތު ލައިލީ ހިތްހަމަޖައްސައި ދޭން ދަރަކް އެފަދަ ޔަގީންކަމެއް ލައިލީއަށް ދިނީކަމަށް ވެދާނެއެވެ. ސަމައިރާގެ ގާތުގައި ހުންނައިރު އޭނާގެ ގާތުގައި ދަރަކް ވާހަކަދައްކާނީ އެފަދައިން ކަމަށްވުން އެކަށީގެންވެއެވެ. ޤަބޫލުކުރަންވީ ކިހިނެއްކަމެއް ލައިލީއަކަށް ނޭނގެއެވެ. އެހެންވިޔަސް ފިރިމީހާގެ ފުށުން ޔަގީންކަމަށް ލައިލީ ވަނީ ބޭނުންވެފައެވެ.

"ދަރަކް... އަހަރެން... ވަރަށް ބޮޑަށް ލޯބިވޭ ދަރަކްދެކެ. ހަމަ ވަރަށް ބޮޑަށް. އެކަމަކު... އަހަންނަށް ދަރަކްއަށް އިތުބާރު ނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ، އަހަންނަކަށް ނޭނގެ ބުނާކަށް މުޅި އުމުރު އަހަރެމެން އެކީގައި އުޅޭނެކަން." ލައިލީއަށް ދަރަކްގެ ވައަތު މުލައްދަނޑީގައި ހިފައި ބާރުކޮށްލެވުނެވެ. ދަރަކްގެ މޫނުން ކުލަ ފަނޑުވެގެންދިޔައެވެ.

(ނުނިމޭ)