ލައިފްސްޓައިލް

ދަރިފުޅު ޑޮކްޓަރަށް ދައްކާވަރުން މަންމަ ބަލިކަމަށް ނިންމައިފި

މައިންބަފައިން އަބަދުވެސް އެމީހުންގެ ދަރިންނާ މެދު ކަންބޮޑުވެ އެވެ. ޚާއްސަކޮށް އެކުދިން ބޮޑެތިވެ ކައިވެނިކުރާ އުމުރަށް އެޅުމަށްފަހު މައިންބަފައިން ޚާއްސަކޮށް މަންމަގެ ހުރިހާ ވެސް ފިކުރެއް ހުސްވެފައި އޮންނަނީ އޭނާގެ ކައިވެންޏަށެވެ. ކައިވެނި ކުރާނީ ކޮންއިރަކުންތޯ އަބަދާ އަބަދު އަހާ އަހާ ބައެއް މަންމައިން އެމީހުންގެ ދަރިންގެ ބޯ ހަލާކު ކުރެ އެވެ.

ޗައިނާގެ މި މަންމައަކީ ވެސް މިފަދަ މީހެކެވެ. އޭނާގެ 38 އަހަރުގެ ފިރިހެން ދަރިފުޅު ކައިވެނި ނުކޮށްގެން އަންހެން މީހާ ވަރަށް ކަންބޮޑުވި އެވެ. އަދި ދަރިފުޅުގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން އޭނާ ގޮވައިގެން ޑޮކްޓަރަށް ދާން ފެށި އެވެ.

ޗައިނާގެ ހެނާން ޕްރޮވިންސްގައި އުޅޭ މި ދެ މައިންގެ ވާހަކަ އެ ގައުމުގެ ސޯޝަލް މީޑީއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. އަދި ޗައިނާގެ ގިނަ ބަޔަކު ދަނީ މިކަމާ ގުޅޭ ގޮތުން ބަހުސް ކުރަމުންނެވެ. އެ ގައުމުގައި މިގޮތަށް ދިމާވާލެއް ގިނަކަމުން ގިނަ ބަޔަކަށް ވަރަށް ޝައުގުވެރިވީ ވާހަކައަކަށް މި ވާހަކަ ވީއެވެ.

މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑީއޯ ކްލިޕްގައި ވެންގް ނަމަކަށް ކިޔާ ފިރިހެން މީހާ ބުނި ގޮތުގައި އޭނާ ދުވަހަކުވެސް ލޯބިވެރިޔަކު މަންމަ ކައިރިއަށް ގެއަކަށް ނުގެންދެ އެވެ. އެހެންވެ މަންމަ ހީކުރަނީ އޭނާގެ ކޮންމެވެސް މައްސަލައެއް އުޅެނީ ކަމަށެވެ. އެހެންވެ 2020 އިން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު މަންމަ އޭނާ ގޮވައިގެން ސައިކޭޓްރިސްޓަކަށް ދައްކަންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު ވެސް ވެންގްގެ މަންމަ ވަނީ އޭނާ ގޮވައިގެން ހެނާން ޕްރޮވިންޝިއަލް ސައިކޭޓްރިކް ހޮސްޕިޓަލަށް ގޮސް ސައިކޭޓްރިސްޓަކަށް ދައްކާފަ އެވެ.

ނަމަވެސް އެހެން ފަހަރު ތަކާ ޚިލާފަށް މިފަހަރު ޑޮކްޓަރު ދިނީ ތަފާތު ޖަވާބެކެވެ. މައްސަލަ އުޅެނީ ވެންގްގެ ނޫން ކަމަށާއި ވެންގްގެ މަންމައަށް ނަފްސާނީ ބައްޔެއް ޖެހިފައިވާ ކަމަށެވެ. އެ ބައްޔަށް ކިޔަނީ "ފޯސިން-ސަން-ޓު-މެރީ" ޑިސްއޯޑާ ކަމަށްވެސް ޑޮކްޓަރު ބުނެފައި ވެއެވެ.

ދަ ބީޖިންގް ނިއުސް އަށް ދިން އިންޓަވިއު އެއްގައި ވެންގް ބުނީ އޭނާ ބީޖިންގްގައި ވަޒީފާ އަދާކުރަން ގޮސް އުޅޭތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. އެންމެ ކުރިން އޭނާ އުޅުނީ އެކްޓަރަކަށް ކަމަށާއި ފަހުން ޓެނިސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެންގް ބުންޏެވެ.

"އަހަރެންނަކީ ކައިވެނި ނުކުރާ މީހެއްގެ ގޮތުގައި ބެލެވިގެން ނުވާނެ. އަހަރެން އުޅެންޖެހޭލެއް ބިޒީކަމުން އަދި ރަނގަޅު އަންހެނަކު ނުފެނިގެން މިއުޅެނީ. އެކަމަކު އަހަރެން ކައިވެނި ނުކޮށް ހުރެގެން މަގޭ މަންމައަކަށް ލޮލުފިޔައެއް ނުޖެހޭ. އެކަމާ ވަރަށް ކަންތައް ބޮޑުވެފައި މި ހުންނަނީ. އެހެންވެ މަންމަގެ ހިތްހަމަޖައްސައިދޭން މަންމައާއެކު ސައިކޭޓްރިސްޓް ކައިރިއަށް ވެސް މިދަނީ،" ވެންގް ބުންޏެވެ.

ވެންގް ބުނި ގޮތުގައި އޭނާގެ އަމިއްލަ ރަށަކީ ސިންގަލް ފިރިހެނުން ގިނަ ކަމަށް މުޅި ޗައިނާގައި ވެސް މަޝްހޫރު ރަށެކެވެ. އެއީވެސް މަންމަ މާބޮޑަށް ކަންބޮޑުވާން މެދުވެރިވާ އެއް ސަބަބެވެ.

މި ދެ މައިންގެ ވާހަކަ ނޫސްތަކުން ކިޔާފައި މިކަމާ މެދު ގިނަ ބަޔަކު ބަހުސް ކުރަން ފެށީ މިއީ ޗައިނާގެ ދުވަސްވީ މީހުންނާއި އެމީހުންގެ ދަރިންގެ މެދުގައި އާއްމުކޮށް ދިމާވާ ކަމަކަށް ވީމަ އެވެ.

އެ ގައުމުގެ ދުވަސްވީ މީހުން ބޭނުންވަނީ އެމީހުންގެ ދަރިން ކައިވެނިކޮށްގެން އަވަހަށް ވީހާވެސް ގިނަ ދަރިން ހޯދާށެވެ. ނަމަވެސް ޒުވާނުން ބޭނުންވަނީ ބުރަ މަސައްކަތުގައި ގިނަ ވަގުތު ހޭދަކޮށް ފައިސާ އާއި މުދާ ހޯދާށެވެ.

ވެންގް ބުނި ގޮތުގައި ކައިވެނިކޮށްގެން އަންހެނުން ގޮވައިގެން ދިރިއުޅޭނެ ގެދޮރެއް ވެސް އޭނާގެ ނެތެވެ. ލިބޭ ކުޑަ މުސާރައިން އަދި ގެދޮރު ގަންނަން ލޯނެއް ލިބޭ ވަރަށް ވެސް ފައިސާ އެއްވެފައެއް ނެތެވެ. ވީމާ މަންމަ ކިތަންމެ އެދުނަސް އަވަސް އަރުވާލައިގެން އަދި ކައިވެނި ކުރެވެން ނެތީ އެވެ.