ރެހެންދި ސްކޫލު

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލަށް

އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކަލާފާނު ސްކޫލާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ރެހެންދި މޮޅުވީ 2-1 އިންނެވެ.

ފައިނަލަށް ކަލާފާން ސްކޫލް ދަތުރުކުރީ ސެމީގައި ކ. ގުރައިދޫ ސްކޫލް 2-1 އިން ބަލިކޮށްގެންނެވެ. ރެހެންދި ސްކޫލް ވަނީ ސެމީގެ ދެވަނަ މެޗުގައި 4-1 އިން އިމާދުއްދީން ސްކޫލް ބަލިކޮށްފަ އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ގޯލު ޖެހީ ކަލަފާނު ސްކޫލުންނެވެ. 18 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މީކާއީލް އަބްދުﷲ މަސްއޫދު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެހެންދި ސްކޫލުން ވަނީ ނަތީޖާ އަނބުރާލާފަ އެވެ.

ރެހެންދި ސްކޫލުގެ ފުރަތަމަ ގޯލު 35 ވަނަ މިނެޓުގައި ޖެހީ ޝާއިން އިބްރާހީމް ރަމީޒް އެވެ. އެޓީމަށް ލީޑު ނަގައިދިން ގޯލު 41 ވަނަ މިނެޓުގައި ޖެހީ އަބްދުލް އައްވަލީ މައުރޫފް އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަރުމަވަންތަ ސްކޫލެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދީ ޣާޒީ ސްކޫލްގެ އަހުމަދު އަޒްލާން އަލީ އެވެ.

އަޒްލާން ވަނީ މުބާރާތުގައި 12 ގޯލު ޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރެހެންދި ސްކޫލްގެ އަހްމަދު އަކްމަލް ނިޒާމް އެވެ.

ސެމީގެ ފުރަތަމަ މެޗުގައި ގުރައިދޫ ސްކޫލުގެ ސަޕޯޓަރުންނާއި ބައެއް ދަރިވަރުން ހަމަނުޖެހުން އުފެއްދުމުން އެ ސްކޫލަށް އެފްއޭއެމުން ވަނީ އަދަބުދީފަ އެވެ.