"މަގޭ ދަރި އަށް ކާން ދިނުމަކީ މަށަށް އެއްމެ ބޮޑު ކަންތައް. ކާއެއްޗެއް ދިނުމަކީ އެހާ އުނދަގޫ ކަމެއް. އަށެއް ޖަހާއިރު ކާންދެން ފަށައިން 11 ޖަހަންވާއިރަށް އަދި ދެ ފަހަރަކު އަނގަޔަށް ލާނީ" މިއީ ތިން އަހަރުގެ ކުއްޖަކާ އެކު ދިރިއުޅޭ ރައްޓެއްސަކާއި ދިމާވެގެން ދަރިފުޅުގެ ވާހަކަ އަހާލުމުން ބުނި ވާހަކަ އެވެ.
މިއީ ހަމަ ގިނަ މަންމައިން ކުރާ ޝަކުވާ އެކެވެ. ދަރިފުޅު ނުކައިގެން އެވެރިން ނުކުރާ ކަމެއް ނެތެވެ. އެތައް ވައްތަރެއްގެ ކާއެއްޗެއް ތައްޔާރުކޮށް ދަރިފުޅުގެ ހިތް ރުއްސަ އެވެ. ދަރިފުޅަށް އެއްމެ ކަމުދާ ކާޓޫނެއް ނުވަތަ ކުޅިވަރެއް ދައްކަައިގެންވެސް ނުވެފަ އޮންނަ ކަންތަކެވެ.
"ޑޮކްޓަރަށްވެސް ދައްކައިފިން ނުކާތީ. އެމީހުން ބުނަނީ ދަރިފުޅު ބަނޑުހައިވީމަ ކާން އުޅޭނެއޭ. އެހާ ވަރުން ގަދަ ކަމުން ނޫޅޭށޭ. ދެން ދިނީ ބޭސް ތަކެއް. ވަކި ތަފާތު ބަދަލެއް ނާދޭ ބޭސް ދިނަސް" މިއީވެސް މަންމައެއްގެ ޝަކުވާ އެވެ.
ދަރިފުޅަށް ރަނގަޅަށް ކާން ނުދެވުމުގެ ސަބަބުން ދަރިފުޅު ބޮޑު ވުމުގެ ބަދަލުގައި ހައްތަހާ ކުޑަވާ ކަމުގެ އިހުސާސް މައިންބަފައިންނަށް ކުރެވެނީއެވެ. އުމުރަށްވުރެ ދަރިފުޅު ކުޑަވަނީ އެވެ. މިއީ މައިންބަފައިންގެ ލަގޮނޑިއަށް ކެއްވާ ކަމެއް ނޫނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން ދެ ކުއްޖަކީ އުމުރަށްވުރެ ހަށިގަނޑު ބަލިކަށި ދައްކާ ކުދިންނެވެ. އަދި ފަސް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ ދިހަ ކުއްޖަކުން ތިން ކުއްޖަކީ އުމުރަށްވުރެ ހަށިގަނޑު ކުޑަކަމަށް ދައްކާ ބަރުދަން ހަމަނުވާ ކުދިންނެވެ.
އުމުރާ އެއްވަރަށް ކުދިން ބޮޑުނުވާ ނަމަ މިއީ ކަންބޮޑު ވާންވީ މައްސަލަ އެކެވެ. މިއީ ކުދިން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމެކެވެ. ކިޔެވުމަށް އަސަރުކުރެ އެވެ. މިއީ އެއްވެސް މަޔަކާއި ބަފަޔަކަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. ދަރިފުޅު ކާމިޔާބު މޮޅު ކުއްޖަކަށް ވުމަކީ މައިންބަފައިން ދެކޭނެ އެއްމެ ބޮޑު ހުވަފެނެވެ.
އަދި މީގެ އިދިކޮޅުވެސް އެބައޮތެވެ. ކިތަންމެ ރަނގަޅަކަށް ކެޔަސް ހަމަ ކުޑަކޮށް ހުންނަނީ އެވެ. ދަރިފުޅުގެ ހަށިގަނޑުން އެކަން އެނގެން ނުހުރުމެވެ. މިއީވެސް ބައެއް މައިން ބަފައިންގެ ހިތް ހަލކުވަމުންދާ ކަމެކެވެ. އެހެން ކަމަށްވާނަމަ ދަރިފުޅަށް ކާންދޭ އުސޫލުތައް ބަދަލުކޮށްލާށެވެ. އެއްފަހަރާ ގިނައިން ކާން ނުދޭށެވެ. އިރު އިރުކޮޅުން މަދު އެތިއެތިކޮޅު ދޭށެވެ. މިހެން ބުނި ކަމުގައިވިޔަސް ދަރިފުޅުގެ ހައި ހޫނުކަން ފިލާވަރު ކުރަންވާނެ އެވެ.
ކުރިން ދައްކަމުން އައި ވާހަކައަށް އަނެއްކާވެސް ޖެހިލާނަމެވެ. ދަރިފުޅު ނުކާ ވާހަކަ އެވެ. މިކަމަށް ހައްލެއް ހޯދަން އެބަޖެހެއެވެ. ދަރިފުޅަށް ކާންދޭ އެއްޗެހި ބަދަލުކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ ނުވަތަ ދަރިފުޅުގެ ކާނާގެ ތެރެއަށް މިތަކެތި އިތުރުވެސް ކުރެވިދާނެ އެވެ.
ބިސް
ދަރިފުޅުގެ ކާނާގެ ތެރޭގައި ބިސް ހިމެނޭ ހެއްޔެވެ؟ ނުހިމެނޭނަމަ މިއީ ދަރިފުޅުގެ ޑައިޓުގައި ބިސް ހިމަނަން ވީ ވަގުތެވެ. ބިހަކީ އެއިން ޕްރޮޓީން އެތައް ގުނައަކަށް ހިމެނޭ އެްޗެކެވެ. ދަރިފުޅުގެ ސިކުނޑީގެ ހެދި ބޮޑުވުމުގައި ޕްރޮޓީނަކީ އެއްމެ މުހިއްމު މާއްދާ އެވެ. އަދި ވިޓަމިން އޭ އާއި ވިޓަމިން ޑީ އަދި ސެލޭނިއަމްވެސް ބިހުން ލިބޭނެ އެވެ. މިއީ ދަރިފުޅުގެ ހަށިގަނޑަށް ހަމަ އެއްމެ މުހިއްމު މާއްދާ އެވެ. ނަމަވެސް ހަނދާން ކުރާށެވެ. ދުވާލަކު ބިހަކަށްވުރެ ގިނައިން ދަރިފުޅަށް ނުދޭށެވެ. ބިހަކީ ކޮލެސްޓްރޯލްވެސް ހިމެނޭ އެއްޗެކެވެ. އެހެން ކަމުން އެކަމަށް ސަމާލުވާން ވާނެ އެވެ.
ކިރު
ބިހެކޭ އެއްފަދައިން މިއީވެސް ދަރިފުޅަށް މުހިއްމު އެއްޗެކެވެ. ފަހަރުގައި ދަރިފުޅަށް ކިރު ނުބައި ވެދާނެ އެވެ. އެހެން ނަމަ ގަދަ ކަމުން ކޮންމެ ދުވަހަކު ކިރުތައްޓެއް ދޭން މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ނަމަވެސް ބައެއް މައިންބަފައިން ގަދަ ކަމުންވެސް ދަރިފުޅަަށް ކިރުތަށިދޭން މަސައްކަތް ކުރެ އެވެ. މިއީ ވަރށް ދެރަ މައްސަލަ އެކެވެ. ކާ އެއްޗެހީގެ ތެރެއަށް ކިރު އަޅައިގެން ދެވިދާނެ އެވެ. ނުވަތަ ކޮންމެސް މޭވާ އެއްގައި މިލްކްޝޭކް ތައްޔާރުކޮށްފައިވެސް ދެވިދާނެ އެވެ. ހަމަ ގައިމުވެސް މިގޮތަށް ދޭން ފަސޭހަވާނެ އެވެ. އޭނަ އަށް މީރު މޭވާއެއް މިގޮތަށް ބޭނުންކުރެވިދާނެ އެވެ. މި ނޫނަސް ކެލްޝިއަމް އަދި ޕްރޮޓީން އަދި ވިޓަމިން ޑީ ހިމެނޭ އެއްޗެހި ދަރިފުޅަށް ދެވިދާނެ އެވެ.
ޗީޒް އަދި ޔޯގަޓް
މިއީ ވަރަށް ގިނައިން ކުދިންނަށް ދޭން މަސައްކަތް ކުރާ އެއްޗެކެވެ. ޗީޒަކީ ގައިގައި ވަރުޖެހުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ޗީޒްވެސް އެހެން ކާއެއްޗެއްސާއި އެކު ދޭން އުޅުމުން ފަސޭހައިން ކުއްޖާއަށް ދެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޔޯގަޓް ދިނުމުގައި ސަމާލުކަން ދޭންވީ ކަމެއް އެބައޮތެވެ. އޭގައި މޭވާގެ ބާވަތެއް ހިމެނޭ ވައްތަރެއް ދިނުމެވެ.
އަނބު
މިއީ ފަސޭހަ ކަމާއެކު ރާއްޖެއިން ލިބޭނެ އެއްޗެކެވެ. ނަމަވެސް ވަކި މޫސުމެއްގަ ތާ އެވެ. ދިވެހި އަނބު ނޫނަސް އެންމެ ރަނގަޅެވެ. އަނބަކީ ކުދިން ކާހިތްކުރުވާ އެއްޗެއް ކަމަށްވެ އެވެ. ވިޓަމިން އަދި މިނެރަލުން ފުރިފައި ހުންނަ މި މޭވާ އަކީ ގިނަ ކުދިންނަށް މީރު އެއްޗެއްވެސް މެއެވެ. އެހެން ކަމުން ދަރިފުޅަށް އަނބު ކާން ދޭށެވެ. ފުރުޓް ޕައި އެއްގެ ތެރެއަށް އަނބު އަޅައިގެންވެސް ދެވިދާނެ އެވެ.