ޒަކާތް

ފުރަތަމަ މަހު މުދަލު ޒަކާތަށް ފަސް މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހު -- ނިމިގެން ދިޔަ ޖެނުއަރީގެ ތެރޭގައި 5.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 1.9 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 7.02 މިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއަން ރުފިޔާ ލިބުނެވެ. 2021 ވަނަ އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ ލިބުނެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު އެ އޮތޯރިޓީން އޮންނަނީ ހަމަޖައްސާފަ އެވެެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިސޯބު އެންމެ ފަހުން ކަނޑައަޅާފައިވަނީ ޖެނުއަރީ 30، 2023 ގައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،062.65 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.