ބޮލީވުޑް

ބަންގިއަށް ވާހަކަ ދެއްކުން ހުއްޓާލުމުން ކަރަންއަށް ތައުރީފު

"ބިގް ބޮސް"ގައި ބައިވެރިވީ ފަހުން ޓީވީ އެކްޓަރު ކަރަން ކުންދްރާގެ މަޝްހޫރުކަން އެތައް ގުނައެއް އިތުރުވެފައި ވެއެވެ. ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތައް ކުޅެފައިވާ ކަރަންގެ ވާހަކަ މިފަހަކުން އެންމެ ގަދަޔަށް ދެކެވެމުން ދިޔައީ ބިގް ބޮސްގައި އޭނާއާއެކު ބައިވެރިވި ތޭޖާސްވީ ޕްރަކާޝް އާއި އޭނާގެ އޮންނަ ލޯބީގެ ގުޅުމުގެ ވާހަކައިންނެވެ.

ނަމަވެސް އިއްޔެ އިން ފެށިގެން ކަރަންގެ ވާހަކަ މީހުން ދައްކާ އޭނާއަށް ތައުރީފުކުރަމުންދަނީ ވަރަށް ތަފާތު ސަބަބަކާ ހެދި އެވެ.

އޭނާގެ އާ ޝޯ "ތެރެ އިޝްގް މޭ ގާޔަލް"އާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އޭނާ އާއި އެ ޝޯގެ ބަތަލާ ރީމް ޝޭޚް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވާހަކަ ދައްކަމުން ދަނިކޮށް ބަންގި ގޮވާ އަޑު އިވިގެން ބަންގި ނިމެންދެން ވާހަކަ ދެއްކުން މެދުކަނޑާލައިގެން އިނުމުންނެވެ.

މީޑިއާގެ ގިނަ ބަޔަކު ބައިވެރިވި މި ޕްރެސް ކޮންފަރެންސްގައި އޭނާ ވާހަކަ ދައްކަނިކޮށް ބަންގި ގޮވަން ފެށުމުން މީޑިއާ ކިބައިން ކަރަން އެދުނީ ބަންގި ގޮވާ ނިމެންދެން ދެ މިނެޓެއް ހާއިރު މަޑުކޮށްލަ ދިނުމަށެވެ. އޭނާ އަލުން ވާހަކަ ދައްކަން ފެށީ ބަންގި ގޮވާ ނިމުނީމަ އެވެ.

"އަހަރެމެން ކުޑަ އިރުކޮޅަކަށް މަޑުކޮށްލަންތަ. ބަންގި އަށް. ބަންގި އަށް. ހަމަ އެންމެ ދެ މިނިޓް،" މި ޕްރެސް ކޮންފަރެންސްގެ ވީޑިއޯގައި ކަރަން ބުނެ އެވެ.

މިކަން ވެފައިވަނީ ވީޑީއޯ ބެލި ގިނަ ބައެއްގެ ތައުރީފް ކަރަން އަށް ލިބުނު ކަމަކަށެވެ. އޭނާ އަކީ މުސްލިމަކަށް ނުވިޔަސް ބަންގިއަށް އޭނާ ކުރި އިހްތިރާމުންނެވެ.

ކަރަން މިގޮތަށް މިކަން ކުރުމުން އޭނާއަށް ތައުރީފުކުރީ ހަމައެކަނި މުސްލިމް ފޭނުންނެއް ނޫނެވެ. ހިންދޫން ވެސް ތައުރީފުކުރި އެވެ.

ފޭނުން ބުނި ގޮތުގައި ކަރަން އަކީ ހަމައެކަނި ސިފަ ރީތި މީހެއްގެ އިތުރުން ހިތްވެސް އެހާ ސާފު ރީތި މީހެއްކަން އޭނާގެ އަމަލުތަކުން ޔަގީންކުރެވިއްޖެ ކަމަށެވެ.

ކަރަންގެ "އިޝްގް މޭ ގާޔަލް" ދައްކަން ހަމަޖެހިފައިވަނީ ކަލާޒް ޓީވީންނެވެ.

ކުރިން "ނާގިން 6" ދެއްކި ގަޑީގަ އެވެ. އެއީ ހަފުތާ ބަންދު ދެ ދުވަސް ކަމަށްވާ ހޮނިހިރާއި އާދިއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 8.00ގަ އެވެ.