( 9 ފެބްރުއަރީ 2023 އާ ގުޅޭ )
"ދަރަކް... އަހަރެން... ވަރަށް ބޮޑަށް ލޯބިވޭ ދަރަކްދެކެ. ހަމަ ވަރަށް ބޮޑަށް. އެކަމަކު... އަހަންނަށް ދަރަކްއަށް އިތުބާރު ނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ، އަހަންނަކަށް ނޭނގެ ބުނާކަށް މުޅި އުމުރު އަހަރެމެން އެކީގައި އުޅޭނެކަން." ލައިލީއަށް ދަރަކްގެ ވައަތު މުލައްދަނޑީގައި ހިފައި ބާރުކޮށްލެވުނެވެ. ދަރަކްގެ މޫނުން ކުލަ ފަނޑުވެގެންދިޔައެވެ. ނަމަވެސް އޭނާ އެ އަސަރުތައް ނިކަން އަވަހަށް ފަރުދާކުރިއެވެ. މުލައްދަނޑީގައިވީ ލައިލީގެ އަތުގައި ދަރަކް ހިފައި ބާރުކޮށްލުމާއެކު ލައިލީއާ ލުއި ހިނިތުންވުމެއް އޭނާ ބަދަލުކޮށްލިއެވެ.
"އޯކޭ. ލައިގެ ޓްރަސްޓް ގެއްލޭވަރު ކަމެއް އިރާދަކުރެއްވިއްޔާ ނުކޮށްވޭތޯ އަހަރެން ބަލާނަން." ދަރަކް ބުންޏެވެ. އެއާއެކު ލައިލީ ލަސްލަހުން ބޯޖަހާލުމާއެކު ހޫން ލައްވާލިއެވެ.
"ގެއާ ދިމާއަށް ދަމާ." ލައިލީ އިތުރު ވާހަކައެއް ނުދެއްކުމުން ދަރަކް އަހާލިއެވެ. ދެން ވެސް ލައިލީ ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ. ދަރަކް ސައިކަލު ދުއްވާލީ ގެއަށް ދާށެވެ.
* * * * *
ދެމަފިރިންގެ ހަޔާތުން ދުވަސްތައް ފާއިތުވަމުން ދެއެވެ. ނަމަވެސް ލައިލީއާއި ދަރަކްގެ ގުޅުމުގައި ހެދުނު ބާގަނޑެއް ނުބެދެއެވެ. ކުރިޔަށް ނުގޮސް އެއް ހިސާބެއްގައި ދިރިއުޅުން ހުއްޓުފައިވާ ކަހަލައެވެ. ހިތް އެދޭ އިތުބާރާއި ޔަގީންކަން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ލައިލީއަށް ނުލިބެނީއެވެ. އެހެންވިޔަސް ދެމަފިރިންނަށް ވީތީ އެ ގުޅުން ހީނަރުވިޔަ ނުދޭން ލައިލީ ވިސްނައެވެ. އަދި ދިރިއުޅުމުގެ ހާލަތު ބަދަލުވާން ނުހަނު ބޮޑަށް ލައިލީ އެދެއެވެ.
ޔޫންގެ ދިރިއުޅުން ބަދަލުކުރުމަށް ނޫރީ ދިން ޚިޔާލުތަކުން ލައިލީ ވެސް ހިތްވަރު ހޯދިއެވެ. އެކުވެރިޔާގެ ނަޞޭޙަތަށް ޢަމަލުކުރާން ލައިލީ ވިސްނީ އެކަމުން އޭނާގެ ހަޔާތަށް ފައިދާކުރާނެކަން އެނގޭތީއެވެ. އޭރުން ހަޔާތަށް ހެޔޮ ބަދަލެއް އައިސް ހިތުގައި އުފެދިގެން އުޅޭ ޝައްކާއި ވަހުމްތައް އަނދައި ހުލިވެ ނިވިދާނެކަން ގައިމެވެ. ލައިލީގެ މުރާދަކީ އަލުން އިހު އުޅުނު އުފާވެރި އަމާންއޮމާން ދިރިއުޅުމާއި އޭރު ލޯބިން އުޅުނު ދެމަފިރިންނަށް އޭނާއާއި ދަރަކް ވުމެވެ. އެހެންވެ ބުރުދާގައިމުކުރުން އޭނާ ފަސްކޮށްލީ އަދިވެސް އެހެން ގޮތަކުން ދަރަކްގެ ތެދުވެރިކަމާއި ލައިލީއަށް އޮޅުވާނުލާކަން ޔަގީންކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއް ނިމުމުން އެ ހަފްތާއަކު ޚަރަދުވީވަރު ބަލަން ލައިލީ ޚިޔާލު ފާޅުކުރީ ދަރަކް ޚަރަދު ކުރާ ވަރެއް ހޯދުމުގެ ގަސްދުގައެވެ. ސަމައިރާގެ ފޮޓޯތަކުން އޭނާގެ ދިރިއުޅުން ހުންނަ ގޮތް ސިފަކުރެވެއެވެ. ވީއިރު ސަމައިރާއަށް ދަރަކް ޚަރަދު ކުރާނަމަ އެންމެ ފަސޭހައިން އެނގޭނެ ގޮތަކީ އެއީކަން ލައިލީއަށް ވިސްނެއެވެ. ނަސީބަކުން ލައިލީގެ އެ ނިންމުމަށް ދަރަކް ދެކޮޅެއް ނުހެދިއެވެ. ބޭކާރު ޚަރަދުތައް މަދުކޮށް ފައިސާ ރައްކާކުރުމަށް ދަރަކް އަބަދުވެސް ބާރުދޭނެއެވެ. ހަފްތާއެއް ނިމިގެން ދިޔައިރު ދަރަކް ބޮޑު ޚަރަދެއް ކޮށްފައެއް ނެތެވެ. މުޅިން ވެސް ހުރީ އޮފީސް މީހުންނާއެކީ ކެއުންބުއިމުށް ކޮށްފައި ހުރި ޚަރަދުތަކެވެ. އެވަރުން ލައިލީ ހުއްޓައެއް ނުލައެވެ. ބަރާބަރަށް ސަމައިރާގެ އިންސްޓަގްރާމް ލައިލީ ބަލައެވެ. ތަންތަނަށް ގޮސް ކާއެއްޗެހީގެ ފޮޓޯ ލާފައި ހުންނައިރު ވެސް އެއީ ދަރަކްއާއެކު ގޮސްފައިކަމެއް ޔަގީންވާނޭ ގޮތެއް ނެތެވެ. އެހެންވެ އަނެއްކާ ވެސް ދަރަކްގެ ފޯނު ބަލަން ލައިލީ ބޭނުންވީއެވެ. ދަރަކް އެހެން މީހަކާ ގުޅުމެއް އޮތްނަމަ ޔަގީނުން ވެސް ފޯނުގައި ހެކި ހުންނާނޭ ލައިލީއަށް ޤަބޫލުކުރެވެއެވެ. އެހެންވިޔަސް އެކަން ލައިލީއަށް ކާމިޔާބެއް ނުވިއެވެ. ދަރަކްގެ ފޯނުގެ ލޮކްކޯޑު ބަދަލުކުރި ގޮތަށް އަދިވެސް އެ ފޯނު އެ އޮތީ ލައިލީއަށް ނުބެލޭނެހެން ހަދާފައެވެ. ފޯނުގައި އެއްޗެއް ނެތްނަމަ ދަރަކް ފޯނު ތަޅުލައިގެން ގެންގުޅެންވީ ސަބަބެއް ނެތެވެ.
ބަދިގޭ މަސައްކަތްތައް ނިންމާލާފައި ލައިލީ އުޅުނީ ގޭތެރެ ސާފުކުރާށެވެ. މެންދުރުފަހު ޑިއުޓީއަށް ދާންވާއިރަށް ގޭތެރޭގައި ކުރާން ހުރި ހުރިހާކަމެއް ނިންމާލެވޭތޯއެވެ. ހުޅުވާފައި ހުރި ޓީވީއިން ހިންދީ ލަވައެއް އިވެމުންދިޔައިރު ލަވައިގެ ރާގަށް ލައިލީ ހޫން އަޅުވާލަފައި ހުއްޓެވެ. ހަޔާތުގެ ހިމޭންކަމާ ގުޅޭފަދަ ހިތާމަވެރި ލަވައެއްވީމާ ކަހަލައެވެ. ކޮފީމޭޒުމަތީ އޮތް ފޯނު ރިންގުވާ އަޑު އިވުނީ ލައިލީ ދޮރުކައިރިއަށް ތިރިވެ ކުނިކޮޅު ނަގަން އޮއްވައެވެ. އެކަން ކޮށްލާފައި ފޯނު ނެގުމުގެ ކުރީން ލައިލީ އައީ ބަދިގޭ ސިންކު ދޮށަށެވެ. އަތްދޮވެލައިގެން ފޯނު ނަގަން ގަސްދުކޮށްގެންނެވެ. ނަމަވެސް ފޯނާ ހަމައަށް ދާންވާއިރަށް ކޯލު ކެނޑިއްޖެއެވެ. ލައިލީ އައިސް މޭޒުމަތިން ފޯނު ނަގައި ގުޅީ ކާކުތޯ ބަލާލިއެވެ. ސިޔާގެ ކޯލެއްކަން އެނގުމުން ލައިލީ ވަގުތުން އެކުވެރިޔާއަށް ގުޅިއެވެ. އަދި ޓީވީގެ އަޑުމަޑުކޮށްލާފައި އޭނާ ސޯފާގައި އިށީނީ ހަމަޖެހިގެން ސިޔާއާ ވާހަކަދައްކަން ގަސްދުކޮށެވެ.
ފޯނުކޯލު ނެގުމާއެކު ފުރަތަމަ ވެސް ސިޔާ އެހީ އޭނާ ގުޅީމަ ފޯނު ނުނެގީ ކީއްވެތޯއެވެ. ލައިލީ ކުރަން ހުރި ކަންތައް އޮޅުންފިލުވާ ދިނުމުން ސިޔާ ދެން ދެއްކީ ޔޫންގެ ވާހަކައެވެ.
"އަނގަތަޅަން ތިގުޅީ... އޮފީހުގައެއްނޫންތަ ތިއިނީ؟." ލައިލީ ބުންޏެވެ.
"އަނގަތަޅާލެވޭނެ ކަހަލަ ވަގުތެއްވީމަ މިގުޅީ. ދެން ކިޔާދީބަލަ... ކިހިނެއްތަ ޔޫންގެ ކަންތައް ދިޔައީ. އަޑުއެހިން އިދާން ނިކަން ފޯރި އަރުވާލިޔޭ. ނޫރީއާ ދެމީހުންގެ ކުރިމަތިލުމެއް ހިނގިތަ. އޭނާ ފަހެއް ނުޖެހޭނެ އިދާން ގައިގަ ތަޅައިގަންނާކަށް ވެސް. އޭނާގެ ދާދާކަން އަހަރެމެންނަށްވުރެ ބޮޑަށް އެނގޭނެ ބަޔަކު ނުތިބޭނެ. ނޫންތަ؟." ސިޔާ އިނީ ވަރަށް މަޖާ މޫޑެއްގައި ކަހަލައެވެ.
"ހެ ހެ ހެ... ނަސީބަކުން އިތުރަށް ގޯހެއްނުވި. ނޫރީ ކައިރިއަށް ޔޫން ގެންދިޔަތާ ދެވަނަ ދުވަހު މެންދުރު ޔޫން އެގެއަށް އިދާން އައީ ކަމަށް ވަނީ. އެކަމަކު އޭގެ ކުރީން ޔޫން ފޯނަށް ޖަވާބު ނުދީގެން އިދާން މެސެޖު ފަށެއް ހުއްޓޯ ކޮށްފައި. ރުޅިއައިސްގެން ނިކަން ފާޑުފާޑުގެ އެއްޗެހި ޔޫނަށް ގޮވާފައޭ ހުރީ ނޫރީ ބުނި. ދެން އެނގެއެއްނު. އެހާ ފަސޭހައިން ނޫރީ ދުލެއް ނުދޭނެކަން. އޭނާ އިދާނަށް އިންޒާރު އަޅާލިކަމަށްވޭ. ޔޫން ކައިރިން އިދާން މަޢާފަށް އެދުނު. އެހެންދެން ނުވާނޭ އިދާން ބުންޏޯ. ގެއަށް ގޮސް ޔޫން ހިތުގައި ޖެހޭނޭހެން ކަންތައްކޮށްފިއްޔާ ނޫރީ ބޭބެމެން ލައްވާ އިދާން ގައިގަ ތަޅާލާނަމޭ ނޫރީ ބުނިކަމަށްވަނީ. އެހެން ބުނީމަ ކޮންމެ މީހަކު ވެސް ބިރުގަންނާނެ ދޯ. އެ ފެމެލީ ނޭނގޭ މީހަކު މި މާލެއަކު ނޫޅޭނެ. ނޫރީގެ ވެސް އެ ހުންނަނީ އޭނާގެ ބޭބެމެންގެ ބިރުކުޑަކަން ވާރުތަކޮށްފައި." ލައިލީއަށް ވެސް ހެވުނެވެ. އެ ގުރޫޕު އެންމެންނަށް ވެސް ނޫރީގެ ކަންތައް ހުންނާނީ ކިހިނެއްކަން އެނގޭނެއެވެ.
"އަހަރެން ބިރުގަނޭ ނޫރީމެން ގެއަށް ދާން ވެސް. އަހަރެން ހިތަށް އަރަނީ އިދާނަށް ވިސްނިއްޖެއްޔާ ރަނގަޅޭ. ޔޫންއާ މެދު އަލުން އެގޮތައް ކަންތައް ނުކުރާނެބާއޭ." ސިޔާ ބުންޏެވެ.
"ޔޫން ކަހަލަ މީހެއްގެ ކުރިމަތީ އިދާނަށް އެހެން ފުއްޕަން ކެރޭނީ. ޔޫން ވަރަށް ހިތްވަރުގަދަ." ލައިލީ ބުންޏެވެ. އެއާއެކު ސިޔާ ވާހަކަދެއްކީ ހިނިގަނޑެއް ޖަހާލާފައެވެ.
"އެހެންވީމަ ނިކަން ބިރުގަންނަ މީހެއް ދޯ އިދާނަކީ. ނޫރީދެކެ ބިރުން ވެސް އޭނާ އެހެން ކަންތައް ނުކުރާނެހެން މަށަށް ހީވަނީ." ސިޔާ ބުންޏެވެ. ލައިލީ ވެސް ހިނިއައިސްފައި އިނދެ ހޫން ލައްވާލިއެވެ.
"ކޮބާ ތީނަ ކިހިނެއް؟. ދަރަކްއާ ގުޅުން އޯކޭތަ؟." ސިޔާ އަހާލިއެވެ.
"އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް." މާޔޫސްކަމުގެ ފުން ނޭވާއެއް ލައިލީ ދޫކޮށްލިއެވެ.
"ކީއްވެ ތިހެން ތިބުނީ." ސިޔާ ހައިރާންވިކަން އެ އަޑުން ދޭހަވެއެވެ.
"ދަރަކް އެހެން ކަމެއް ކުރާކަމުގެ ހެއްކެއް މިހާ ދުވަސްވީއިރު ވެސް ނުފެނުނީމަ. ފޮޓޯއަކުން ކަމެއް ޔަގީންކުރާނީ ކިހިނެއް؟. ދެން އޮތީ ވެލަންޓައިންސް ޑޭގަ ދަރަކްއަށް ލިބުނު ގިފްޓު. މިހުންނަނީކީ ޗީޓުކުރަނީއޭ ބުނާވަރުގެ ކަންކަމެއްނޫން ދޯ." ލައިލީ ހަޤީޤަތް ހާމަކުރިއެވެ.
"ދަރަކްގެ އުޅުން ކިހިނެއްވަނީ؟." ސިޔާ އަހާލިއެވެ.
"ނިއު އިޔާ އައިއިރު ވަރަށް ދުރުވެފައި އަހަރެމެން ތިބީ އެކަމަކު މިހާރު އަހަރެމެން އޭރަށްވުރެ ކްލޯޒްވެއްޖެ. ދަރަކް ވެސް އަހަންނަށް ސަމާލުކަންދޭން ފަށައިފި. އަވަހަށް ގެއަށް އަންނަން ވެސް އޭނާ މަސައްކަތް ކުރޭ. އެހެންވީމަ... އަހަންނަކަށް ނޭނގެ ވިސްނަނީ ކިހިނެއްކަމެއް." ލައިލީ ބުންޏެވެ.
"ތީނަ އޭނާއާއެކީ އެކަން ވެސް ކުރީތަ." ސިޔާ އަހާލިއެވެ.
"އާން... އަދިވެސް އެއީ ފިރިމީހާ ދޯ." ލައިލީ ބުންޏެވެ.
"އަހަރެން ހިޔެއްނުކުރަން ލައިލީ ތިހާ ވަރިހަމަވާނެކަމަކަށް. އެހެން އަންހެނެއް ކައިރިއަށް ފިރިމީހާ ޖައްސާއިރު އޭނާ ކަމެއްނުކޮށް ހުންނާނޭހެން ހީވޭތަ. ހަނދާންވޭތަ ސްކޫލު ދުވަސްވަރު ލައިގެ ފަސްޓް ބޯއިފްރެންޑްއާ ރުޅިވިގޮތް. ޓްރުތްއޯޑެއާ ކުޅެގެން އޭނާ އެހެން އަންހެންކުއްޖަކާ ކިސްއެއް ކުރީމަ. އެ ދުވަހު އަހަރެން ދުށީ ލައި އެވަރަށް ރޮނިކޮށް. ފަހުން އޭނާ ވެސް ކަޑަވި އެންމެންނާއެކީ ގޭމްގައި ބައިވެރިވެވުނީތީ." ސިޔާގެ ރާގުން ހީވީ ލައިލީގެ ނިމުން ރަނގަޅެއްނޫނޭ ބުނާން މަސައްކަތް ކުރާ ހެންނެވެ.
"އެއީ ވަރަށް ކުރި. އަހަރެން މާބޮޑަކަށް ހަނދާނެއްނެތް." ލައިލީ ބުންޏެވެ. ނަމަވެސް އެއީ ދޮގެކެވެ. ހަޔާތުގައި އެންމެ ފުރަތަމަ ލައިލީގެ ހިތް ލޯބީގައި ރޯންޖެހުނު ދުވަހަކީ އެއީއެވެ. ވީއިރު އެ ދުވަސް މަތިން އޭނާ ހަނދާންނެތޭނެ ހެއްޔެވެ. އެހެންވިޔަސް އެ މާޒީގެ ވާހަކަ އެކުވެރިޔާއާ ދައްކަން ލައިލީ ބޭނުންނުވީ ސަބަބެއް އޮވެގެންނެވެ.
"އެހެންވީރު ދަރަކްއަށް މަޢާފުކުރީތަ؟." ސިޔާ އަހާލިއެވެ.
"ސީރިއަސްކޮށް ސިޔާ. އަހަންނަކަށް ނޭނގެ ބުނާނޭ އެއްޗެއް. މިވަގުތު އަހަރެން އިން ގޮތެއް ވެސް ނޭނގޭ." ލައިލީއަށް ބުނެވުނެވެ.
"ހާން.... ތީނަ ޕްރެގްވީތަ؟." ސިޔާއަށް އަހާލެވުނީ ރާގުލާފައި ތަންކޮޅެއް ބާރަށެވެ.
"ނޭނގެ. މިދޭތެރެއިން ޕްރެގްވާންވެގެން ޑަކްޓަރަށް ދައްކާއި އެތައްކަމެއް ކުރެވުނު. އެހެންވީމަ ޕްރެގްވުމުގެ ޗާންސް ބޮޑުވެދާނެއޭ ހީވާތީ. ޔަގީންވަންދެން މި މަޑުކުރަނީ." ލައިލީ ލަފާކޮށްގެން ހުރި ގޮތް އެކުވެރިޔާއަށް ކިޔާދިނެވެ.
"ރަނގަޅު. ދެމީހުން ވަކިވަންޏާ އެންމެ ރަނގަޅު ގޮތަކީ ދަރިއަކުނެތި ދުރަށް ދިއުން. އޭރުން އެ ހެޑޭކުން ވެސް ސަލާމަތްވެ މިނިވަންވީ. ލައި... ދަރަކްއާއެކީ އެ އޮފީހުގައި އުޅޭ އަފްރާހު އެނގެއެއްނު. އޭނާ ކައިރީ އަހަރެން މިވާހަކަ ދައްކަންތަ؟. އޭނާއަށް އެނގިފައި އޮވެދާނެ." ސިޔާ ޚިޔާލެއް ފާޅުކުރިއެވެ.
"ނޫން. އެގޮތް ކަމަކުނުދާނެ. ދަރަކްއާ ކިޔައިގެން ބޭރުތެރޭގައި، ޚާއްޞަކޮށް އޭނާގެ އޮފީސް ތެރޭގައި އަޑެއް ފެތުރޭކަށް އަހަރެން ބޭނުމެއްނޫން. ތުންތުންމަތިން ގޮސް ދަރަކްގެ ވަޒީފާއަށް އެކަމުން ހިޔަނި އެޅިދާނެ. އެއްގޮތަކަށް ވެސް އެހެންވާކަށް ބޭނުމެއްނޫން. ސިޔާ ނުދައްކާތި އެކަކު ކައިރީ ވެސް މިއިން ވާހަކައެއް." ލައިލީ ބުންޏެވެ.
"ވާއު... ތީ ވަރަށް ކެއަރިން މީހެއް. އޭނާ ލައިގެ ހިތުގައި ޖައްސާއިރު ލައިއާމެދު ވިސްނާނުލާ އެކަމަކު ލައި ތިއުޅެނީ އޭނާއަށް ދެރައެއް ލިބިދާނެތީ." ސިޔާގެ އަޑުގައިވީ ލައިލީގެ ވާހަކަތަކާމެދު އޭނާ ގަޔާނުވާކަމުގެ ރާގެވެ.
"ސިޔާ. އެހެނެއްނޫން..." ލައިލީއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ ހާލަތު ސިޔާއަށް ވިސްނޭނެއޭ ލައިލީއަށް ހީނުވަނީއެވެ.
"ދެން އޯކޭ. ކަމެއްޖެހިއްޖެއްޔާ އަންގާލާތި. އަހަރެން ހެލްޕްވާނަން. ހިނގާބަލަ ކޮފީއެއް ރާވަން. ކޮންދުވަހެއްތަ އެންމެން ދިމާނުވާތާ. މިހާރު ޔޫން ވެސް އިދާން ނުފޮނުވާފާނެތީ އުޅޭކަށް ނުޖެހޭނެއެއްނު." ސިޔާ ބުންޏެވެ.
"އާން. ވަރަށް ދުވަސް ވެއްޖެ އެންމެން އެއްތަންނުވެވޭތާ. އެންމެންނާ ވާހަކަދައްކާލާފައި ޑޭޓެއް ހަމަޖެހުނީމަ އަންގާނަން." ލައިލީ ބުންޏެވެ.
ސިޔާގެ ކޯލު ނިންމާލާފައި ލައިލީ ސޯފާއަށް ވެއްޓިގަތެވެ. ފުންނޭވާއެއް ދޫކޮށްލިއެވެ. ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ. ނަމަވެސް އެހެން އޮވެވޭކަށް އޭނާއަކަށް ނެތެވެ. ފުންމައިގެން ތެދުވިގޮތަށް ލައިލީ އައިސް ވަނީ ކޮޓަރިއަށެވެ. އެނދުގެ ތަންމަތި ހުރީ އަޅަންވެފައެވެ. މަތީގައި ހުރި ފިލާމަތިން ނެގި ފޮތްތައް ވެސް ހުރީ އެނދުމަތީގައެވެ. އެހެންވެ ފުރަތަމަ ކަމަކަށް ލައިލީ ފޮތްތައް އަތުރަން އުޅުނެވެ. އެނދުމައްޗަށް އަރާ ހުރި ފާރުގައި ހަރުކޮށްފައި ހުރި ފިލާމަތީ ޖެހިޖެހިގެން ފޮތްތައް ބަހައްޓަންފެށިއެވެ. އަތުތެރޭން ފޮތެއް އެނދުމައްޗަށް ވެއްޓުމުން ލައިލީ ގުދުވެލީ ފޮތް ނަގާށެވެ. ފޮތުގެ ތެރެއިން ނުކުމެފައި އޮތް ސިޓީއުރަ ލައިލީއަށް ފެނުނީ އެވަގުތެވެ. އެއް އަތުން ފޮތް ނަގަމުން އަނެއް އަތުން އެއީ ކޮން ސިޓީއުރައެއްތޯ ބަލާލިއެވެ. ފާމަސީއަކުން ދޫކޮށްފައިވާ ސިޓީއުރައެއްކަން ބޭރުގައިވާ ލޯގޯއާއި ލިޔުންކޮޅުން އެނގެން ހުއްޓެވެ. ފިލާމަތީ ފޮތް ބާއްވާފައި ލައިލީ އެ ސިޓީއުރައިގެ ތެރެ ބަލާލިއެވެ. އޭގެ ތެރޭގައި އޮތީ ބޭސް ކާޑެކެވެ. ލައިލީ ހާސްވިއެވެ. އޭނާއާއި ދަރަކްގެ އެއްޗެއް ނޫނީ އެގެއަކު ނުހުންނާނޭކަން ލައިލީއަށް އެނގެއެވެ. އެ ބޭސް ކާޑު ލައިލީ ދުށް މީ ފުރަތަމަ ފަހަރެވެ. އެއީ ޔަގީނުން ވެސް ދަރަކްގެ އެއްޗެއްކަން ލައިލީއަށް ޤަބޫލުކުރެވެއެވެ. އޭނާ ފޯނު ނެގިއެވެ. އަވަސްއަވަހަށް ބޭސްކާޑުގެ ފަހަތުގައި ހުރި ބޭހުގެ ނަން ޖަހައިގެން ފޯނުން ބަލަންފެށިއެވެ. އެއީ ކޮންކަމަކަށް ބޭނުންކުރާ ބޭހެއްކަން އެނގުމާއެކު ލައިލީ އަޖައިބުވެ އަންތަރީސްވެ ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ދަރަކް މިކަހަލަ ބޭހެއް ބޭނުންކުރަން ޖެހުނީ ކީއްވެ؟." ލައިލީއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
(ނުނިމޭ)