ފައިސަލް ނަސީމް

ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި

Feb 12, 2023

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި މިމަހުގެ 13 އިން 15 އަށް ބާއްވާ ވޯލްޑް ގަވަމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ސަމިޓު ކުރިއަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު ހަ ތީމެއް ކަނޑައަޅައިގެންނެވެ.

މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަގުވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލު ބަދަލުކޮށް މުސްތަގުބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

މި ސަމިޓުގެ ފިއުޗާ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގަ އެވެ.