ފައިސަލް ނަސީމް

ނައިބު ރައީސް މާލެ ވަޑައިގެންފި

Feb 16, 2023

ނައިބު ރައީސް ފައިސަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް ބޭއްވި ވޯލްޑް ގަވަމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޔޫއޭއީގެ ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ވަނީ މަދީނަތު ޖުމެއިރާގައި ހޯމަ ދުވަހު ބޭއްވެވި ނުވަ ވަނަ ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެން އެ ސަމިޓްގެ ތެރެއިން ކުރިޔަށްދިޔަ "ފިއުޗާ އޮފް ވޯކް" ފޯރަމްގައި ތަގުރީރު ކުރައްވާފަ އެވެ.

މި ތަގުރީރުގައި ނައިބު ރައީސް ފައިސަލް ވަނީ ރައްޔިތުން އެދޭ މުސްތަގުބަލް ހާސިލުކުރުމަށްޓަކައި ލިބެންހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.

މި ސަމިޓްގެ ތެރެއިން ނައިބު ރައީސް ފައިސަލް ވަނީ "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވާފަ އެވެ. "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.

ނައިބު ރައީސްގެ ދަތުރުފުޅުގައި ޔޫއޭއީގެ ފުޖެއިރާގެ ވަލީ އަހުދު ޝައިހް ހަމަދު ބިން މުހައްމަދު އަލް ޝަރްޤީއާ ބައްދަލުކުރެއްވި އެވެ. މީގެ އިތުރުން ޔޫއޭއީގެ މިނިސްޓާ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28 ގެ ރައީސް، އަދި ޔޫއޭއީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްތާން ބިން އަހްމަދު ސުލްތާން އަލްޖަބަރް ވަނީ ނައިބު ރައީސް ފައިސަލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.