ޕީޕީއެމް

ޕީޕިއެމްގެ ސެނެޓަ ސަމަދު އިންޑިއާއިން ޑީޕޯޓް ކޮށްލައިފި

ބޭސްފަރުވާއަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު އެ ގައުމުން ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް މިއަދު ވިދާޅުވީ ސަމަދު އިންޑިއާއިން ޑީޕޯޓް ކޮށްލުމަށްފަހު މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ ފޮނުވާލަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކޮޅުން ޑީޕޯޓް ކޮށްލާފައި މިއަދު މެންދުރުގެ ފްލައިޓަކުން މިކޮޅަށް ފޮނުވާލާ ހަބަރު ލިބިފައި އޮތީ،" ހީނާ ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އަބްދުއްސަމަދު ގެންދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ހިފެހެއްޓީ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުތަކާއި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެ އިންޑިއާއާ ދެކޮޅަށް އަޑު އުފުލާ ބޭފުޅެކެވެ. އަދި ބައެއް މުޒާހަރާތަކުގައި ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފަ އެވެ.